ބޮލީވުޑް

ކާޖޮލްގެ އާ ފިލްމަކީ "ހެލިކޮޕްޓަރު އީލަ"

އެންމެފަހުން ކާޖޮލްގެ ފެނިގެންދިޔައީ މިދިޔަ އަހަރު ނިކުތް ތަމަޅަ ފިލްމަކުންނެވެ. އޭގެ ކުރިން އެންމެފަހުން ބޮލީވުޑް ފިލްމަކުން ފެނިގެންދިޔައީ 2015 ގަ އެވެ. އެއީ ޝާރުކް ޚާންއާއެކު ކުޅުނު ފިލްމު "ދިލްވާލޭ" އިންނެވެ.

ކާޖޮލްގެ އާ ފިލްމެއްގެ އިންތިޒާރުގައި ތިއްބާ އޭނާގެ ފިރިމީހާ އަޖޭ ދޭވްގަން މިހާރު ވަނީ އާ ފިލްމެއް އިއުލާނުކޮށްފަ އެވެ. ޕްރަދީޕް ސަރްކާރް ޑައިރެކްޓުކުރާ މި ފިލްމުގެ ނަމަކީ "ހެލިކޮޕްޓަރު އީލަ" އެވެ. މި ފިލްމަށް ކުރިން ކީ ހަމައެކަނި "އީލާ" އެވެ.

ކާޖޮލްއާއެކު މި ފިލްމުގައި ލީޑުން ފެނިގެންދާނީ ގައުމީ އެވޯޑު ހޯދާފައިވާ އެކްޓަރު ރިދީ ސެން އެެވެ.

އަޖޭ ދޭވްގަން ކުރި ޓުވީޓް.

ގުޖުރާތީގެ ސްޓޭޖް ތަމްލީސު "ބޭޓާ، ކާގްޑޯ" އަށް ބިނާކޮށް ގެނެސްދޭ މި ފިލްމުގެ ވާހަކަ ލިޔުނީ މިތޭޝް ޝާހު އެވެ. މި ފިލްމުގައި ކާޖޮލް ކުޅޭނީ އެކަނިވެރި މަންމައެއް ރޯލެވެ. އޭނާއަކީ ލަވަކިޔުމަށް ޝައުގުވެރިކަން ހުންނަ މީހެއްވެސްމެ އެވެ. ރިދީ މި ފިލްމުގައި ކުޅޭނީ ކާޖޮލްގެ ދަރިފުޅު ރޯލެވެ.

މި ފިލްމުގައި ހާއްސަ ރޯލަކުން ނޭހާ ދުޕިއާވެސް ފެނިގެންދާނެ އެވެ. ސިނަމާތަކުގައި މި ފިލްމު ދައްކަން ފަށާނީ އަންނަ ސެޕްޓެމްބަރު މަހު 14 ގަ އެވެ.