ތައިލަންޑް (ޖޫން 6) - ތައިލަންޑުގެ ހޮހޮޅައިގެ ތެރޭގައި ތާށިވެފައިތިބި ޒުވާން ފުޓުބޯޅަ ޓީމު ސަލާމަތް ކުރުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވާ ޑައިވަރަކު މިއަދު މަރުވެއްޖެ އެވެ.
ތައިލަންޑު ކަނޑުގެ ސިފައިންގެ ކުރީގެ ޑަައިވަރު ޕެޓީ އޮފިސަރު ސަމަން ގުނާން މަރުވީ، ތާށިވެފައިތިބި ކުދިންނަށް ވައި ފުޅި ތަކެއް ފޯރުކޮށްދިނުމަށްފަހު އެނބުރި ހޮހޮޅައިން ނުކުންނަށް އައި މަގުމަތީގައި ކަމަށްވެ އެވެ.
"އޭނާ އާ ހަވާލުކޮށްފައި އޮތީ އޮކްސިޖަން ފުޅި [ކުދިންނާއި ހަމައަށް ގެންގޮސްދޭން]. އެކަމު އެނބުރި އައި މަގުމަތީގައި އޭނާގެ އޮކްސިޖަން ފުޅި ހުސްވީ،" އެ ސަރަހައްދުގެ ޑެޕިޔުޓީ ގަވަރުނަރާއި ހަވާލާދީ ބޭރު ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.
ނުވަ ދުވަސް ފަހުން އެ ބާރަ ކުދިންނާއި އެ ކުދިންގެ ކޯޗު ހޮހޮޅައިގެ ތެރޭގައި ދިރިތިއްބާ ފެނިފައިވީ ނަމަވެސް، ހޮހޮޅައިގެ ތެރޭގައި ފެންބޮޑުވެފައިވާތީ އެ ކުދިން ސަލާމަތް ކުރެވޭނެ ގޮތްތައް އަދިވެސް ދަނީ ހޯދަމުންނެވެ.
އެކުދިން ތިބި ސަރަހައްދަށް ގޮސް އެނބުރި ނުކުންނަން ޖުމްލަ 11 ގަޑިއިރު ހޭދަވެ އެވެ. އެއީ އެ ކުދިންނާއި ހަމައަށް ދާން ހަ ގަޑިއިރު އަދި އެނބުރި ނުކުންނަށް ފަސް ގަޑިއިރެވެ.
ސަމަން ހޮހޮޅައިން ނެރުނީ އޭނާ އެކު ދިޔަ ޑައިވް ޕާޓްނަރެވެ. އެކަމު ނެރެވުނު އިރު ވެސް އޭނާ ވަނީ މަރުވެފަ އެވެ.
އެ ކުދިން އަދިވެސް ފެނުނު ސަރަހައްދުގައި ތިބި ނަމަވެސް، ހޮހޮޅައިގެ ތެރޭގައި އިތުރަށް ފެންބޮޑުވެއްޖެ ނަމަ ހޮހޮޅައިގެ ތެރޭގައި ވައި ދައުރުވުމަށް ހުރަސް އެޅިގެން އެ ކުދިންނަށް އޮކްސިޖަން ނުލިބިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. އާންމު ގޮތެއްގައި އެކުދިން ތިބި ސަރަހައްދުގައި އޮކްސިޖަން ލެވެލް 21 ޕަސަންޓުގައި ހުރި ނަމަވެސް، މިހާރު ވެސް ވަނީ އެ އަދަދު 15 ޕަސަންޓަށް ދަށްވެފަ އެވެ.
ނޭވީން މިހާރު ރިޓަޔާކޮށްފައިވާ ސަމަން، 38 އެނބުރި އައި އެ ކުދިން ހޯދުމުގެ މަސައްކަތުގައި ބައިވެރިވުމަށެވެ. އޭނާގެ ޖަނާޒާގެ ހުރިހާ ހަރަދެއް ތައިލަންޑު ރަސްގެފާނު ކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ހޮހޮޅައިގެ ތެރެއިން ޑައިވްކޮށްގެން އެ ކުދިން ނެރުމަކީ އެންމެ އަވަސް މަގު ކަމުގައި ސިފައިން ވަނީ ބުނެފަ އެވެ. ނަމަވެސް، ސަމަން ފަދަ ތަޖުރިބާކާރު ޑައިވަރެއްގެ މަރާއެކު، އެ ކުދިން ޑައިވްކޮށްގެން ނެރުމުގެ މަސައްކަތަށް ވަނީ އިތުރަށް ހިޔަނި އެޅިފަ އެވެ.
ނަމަވެސް، އެކަމުގައި ހަރަކާތްތެރިވާ ތައިލަންޑު ނޭވީގެ އިސް އޮފިޝަލަކު ވިދާޅުވީ އެކުދިން ޑައިވްކޮށްގެން ނެރޭނަމަ، ސަލާމަތީ ގޮތުން އިތުރު ފިޔަވަޅުތައް އަޅާނެކަމުގަ އެވެ. އަދި އެކުދިން ސަލާމަތް ކުރުމުގެ މަސައްކަތަށް ކުޑަވެސް މަޑުޖެހުމަށް ނާންނާނެ ކަމުގެ ޔަގީކަން ވެސް ނޭވީން ވަނީ ދީފަ އެވެ.
ނަމަވެސް އޭގެ ތެރެއިން ގިނަ ކުދިންނަށް ރަނގަޅަށް ފަތަން ވެސް ނޭނގޭއިރު، ޑައިވް ކުރުމުގެ އެއްވެސް ތަޖުރިބާ އެއް ނެތް ކުދިންތަކެއް ގޮވައިގެން، ކަނު އަނދިރީގައި ނެރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ހުޅަނގު މޫސުން ނިމި ހޮހޮޅައިގެ ތެރޭގައި ހެދިފައިވާ ފެން ހިނދެންދެން ގާތްގަނޑަކަށް ހަތަރު މަސް ދުވަސް އެ ކުދިން ހޮހޮޅައިގެ ތެރޭގައި ތިބެން ޖެހިދާނެ ކަމަށް ތައިލެންޑު ސިފައިން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެކަމަށް ތައްޔާރުވުމުގެ ގޮތުން، ގިނަ އަދަދެއްގެ ބޯފެނާއި، ކާނާ އަދި ބޭސް ވެސް ވަނީ އެކުދިންނަށް ފޯރުކޮށްދެވިފަ އެވެ.
ހޮހޮޅައިގެ ތެރޭގައި އިތުރަށް ފެންބޮޑުވިޔަ ނުދިނުމަށް، ބޮޑެތި ޕަމްޕުތައް ބޭނުންކޮށްގެން ފެންހިންދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. ނަމަވެސް، އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހިއްޖެނަމަ، ޕަމްޕުތަކުން ފެންހިންދޭ ވަރަށް ވުރެ އަވަހަށް ހޮހޮޅައިގެ ތެރޭގައި ފެންބޮޑުވެދާނެ ކަމުގެ ބިރު އެބައޮތެވެ.
ތައިލެންޑުގެ އުތުރުން ތޭމް ލުއާންގް ނޭންގް ނޮން ހޮހޮޅައަށް ޒުވާން ފުޓުބޯޅަ ޓީމެއްގެ 12 ކުޅުންތެރިން އެ ކުދިންގެ ކޯޗާއެކު ވަނީ ހޮނިހިރު ދުވަހު އެވެ. ނުވަ ދުވަހު 11 އަހަރާއި 16 އަހަރާއި ދެމެދުގެ އެ 12 ކުޅުންތެރިންނާއި 25 އަހަރުގެ ކޯޗު ހޮހޮޅައިގެ ތެރޭގައި ތާށިވެފައި ތިބިއިރު، އެ ޓީމު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ، ތައިލެންޑުގެ ސިފައިންގެ އިތުރުން އެމެރިކާ ސިފައިންނާއި ބޭރުގެ މަޝްހޫރު ޑައިވަރުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ހޮހޮޅައިގެ ތެރޭގައި އެތަކެއް ފޫޓަށް ފެންބޮޑުވެފައިވީ ނަމަވެސް، އެ ކުދިން ފެނިފައިވަނީ ހޮހޮޅައިގެ ތެރޭގައި ހުރި އުސް ތަންކޮޅެއްގެ މަތީގައި ތިއްބަ އެވެ.
އެތަކެއް ސަތޭކަ ފުލުހުންނާއި ސިފައިން އަދި ވޮލަންޓިއަރުން އެ ކުދިން ހޯދުމުގެ މަސައްކަތުގައި ބައިވެރިވެފައިވާއިރު، ފަރުބަދަ މަތިން ހޮހޮޅައަށް ވަދެވޭނެ އިތުރު މަގެއް ފެނޭތޯ އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.