ކުޅިވަރު

ޔޫތު ލީގް - ކެތްރިކަން ބޮޑު، ރާސްތާ ދިގު ދަތުރެއް

އިހްސާން އަބްދުލް ގަނީ (ސާންތީ) ގެ ކޯޗު ކަމުގެ ދަށުން މާޖީދިއްޔާ ސްކުލުގެ 19 އަހަރުން ދަށުގެ ޓީމުން، 1997 ވަނަ އަހަރުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރި އެވެ. މަޖީދިއްޔާގެ އެ ޓީމުން ފުޓްބޯޅަ ދަނޑަށް ފުންމާލި ތަރިންވީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ އުހުގައި ވިދާލި ތަރިން ކަމުގަ އެވެ. އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި މުހައްމަދު ހުސައިން (އޮއްޓޭ) އާއި ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) އަކީ، ސާންތީގެ އެ ޓީމުގައި ހިމެނުނު އެންމެ މަޝްހޫރު ތަރިންނެވެ. އެ ތަރިންގެ ވާހަކަ ފަނޑެއް ނުވާނެ އެވެ.

އޭރުވެސް ޒުވާން ކުޅުންތެރިން އުފެއްދުމުގައި އުޅުނު، ސާންތީ މިހާރުވެސް ހުރީ އެ މަސައްކަތުގަ އެވެ. އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމެންޓްގެ އެއް ވެރިއެއްގެ ގޮތުގައި ހުރެ، މިއަދު ދިވެހި ފުޓްބޯޅައަށް އޭނާ ދޫކޮށްލަނީ ފުޓްބޯޅައިގެ މުޅިން އާ ބާބެކެވެ. ޔޫތު ލީގްގެ ނަމުގައި މިއަހަރު 13 އަހަރުން ދަށުގެ ކެޓަގަރީން ފަށާ މުބާރާތެވެ. މުބާރާތް އެކުލަވާލާފައިވާ ގޮތުން އެއީ ކެތްތެރިކަމާއި ދިގު އިންތިޒާރެއް ކުރަން ޖެހޭނެ މަސައްކަތެކެވެ. އެ ކެތްތެރި ކަމާ ހިތްވަރު އެފްއޭއެމްގެ ބުރަކަށީގައި ހުރީ ކިހާވަރަކަށް ހެއްޔެވެ. އަށް އެކެޑެމީއާ އެކު ލީގް ފަށާއިރު، މި ލީގުން ކިހާ ހިސާބަކަށް ދެވިދާނެ ހެއްޔެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުން ބުނެދޭ ހަގީގަތެއްވެސް އެބައޮތެވެ. ޑިވަލަޕްމެންޓްގައި އެއްގޮތެއްގައި ތިބެން ރާއްޖެއަށް އެހާ ފަސޭހަ ނޫނެވެ. ދެހާހުގެ ކުރީކޮޅުގައި ރާއްޖޭގެ ފުޓްބޯޅައަށް ނެރެދިން އެންމެ ކާމިޔާބު ތަރިން ނެރެދިނީ އިންޓަ ސްކޫލުންނެވެ. ނަމަވެސް ދެހާހުގެ ކުރީ ކޮޅު އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް މެދުކަނޑާލި އެވެ. އޭގެ ފަހުން އަނެއްކާވެސް އެކަން ފެށީ އަހަރުތަކެއް ފަހުންނެވެ.

މެދުކެނޑިގެން އެ ދިޔަ ވަގުތަކީ ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވި ފަޅުކަމެކެެވެ. ހުނަރުވެރި ބައިވަރު ކުޅުންތެރިންތަކެއް އެއްފަހަރާ އުފައްދަމުން ދިޔަ މުބާރާތަކަށް އޭރު އިންޓަ ސްކޫލު ވާނެ އެވެ. އެ ދެމެދުގައި އައި މެދުކނޑުމާއެކު ކުޅުންތެރިން އުފެދުން ގެޕެއް އައެވެ. ގައުމީ ޓީމުގެ އެވެނި މިވެނި މާގަމަކަށް ކުޅޭނެ ރަނގަޅު ކުޅުންތެރިން ނެތް ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދެއްކި އެވެ.

"އަޅުގަނޑަށް ހީވަނީ އިންޓަ ސްކޫލް މުބާރާތަށް މެދުކެނޑުމެއް ނައިނަމަ ވަރަށް ހުނަރުވެރި ކުޅުންތެރިން ގިނަ އަދަދަކަށް ފެނިގެން ދިޔައިސް،" އިންޓަ ސްކޫލު ފުޓްބޯޅަ މުބާރާތުގައި ކޮންމެ އަހަރަކު ހެން އެންމެ މޮޅު ޑިފެންޑަރުގެ އެވޯޑް ގެންދިޔަ ދިޔަ ސޮބާ ބުންޏެވެ.

މިއަދު ފަށާ، ޔޫތު ލީގުން، ފޮނި މީރު ކަމެއް ލިބޭނީ އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުން އެންމެ އަވަހަށްވެސް 2023 ހާ ހަމައިންނެވެ. ގާތްގަނޑަކަށް ފަސް އަހަރެވެ. އެއީ މިއަހަރު ޔޫތު ލީގް ފަށާ ކުޅުންތެރިން ސީނިއާ ކެރިއާ ފަށާނެ ކަމަށް ބަލާ އުމުރަށްދާއިރު އަންދާޒާ ކޮށްލާފަ އެވެ. ފުރަތަމަ ބެޗު ސީނިއާ ކެރިއާއަށް ދާއިރު އެންމެ ބޭޏުންވާ ނަތީޖާއެއް ނުލިބިދާނެ އެވެ. ކެތްތެރިކަމުގެ ކަށި އެނބުރެން ފަށާ ހިސާބަކީ އެއީ އެވެ.

"ބަޔަކު ގަބޫލު ކުރިޔަސް ނުކުރިޔަސް އަޅުގަނޑު އަބަދުވެސް ކުރާ ހިތްވާ ކަމެއް އާ ކުޅުންތެރިން އުފެއްދުމަކީ، އޭރުވެސް މި ހުރީ މި މަސައްކަތުގައި، މިހާރުވެސް މިހުރީ މި މަސައްކަތުގައި އަބަދުވެސް އަޅުގަނޑު ކުރަން ބޭނުވާ ކަންތައް މިއީ،" އެފްއޭއެމްގެ ޑެޕިޔުޓީ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުގައި ހުރި ސާންތީ ބުންޏެވެ. "އަޅުގަނޑު އެފްއޭއެމްއާ ގުޅުނީވެސް މިހާރު އެފްއޭގެ މިއޮތް މެނޭޖްމެންޓްގެ މި ވިސްނުން ހުންނާތީ އެފްއޭއެމްގެ ރައީސް [ބައްސާމް އަދީލް] ގެ ވިސްނުންވެސް ހުރި މިގޮތަށް، މި އޮތް މެނޭޖްމެންޓް އޮތިއްޔާ މިކަން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް."

އެފްއޭއެމްގެ ވިސްނުން ހުރީ މި އަހަރު 13 އަހަރުން ދަށުން ފެށި ނަމަވެސް އަހަރު އަހަރަށް އުމުރުފުރާ އިތުރު ކުރުމަށެވެ. މިއަހަރު 13 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަ ކުރާ ކުދިން އަންނަ އަހަރު ވާދަ ކުރާނީ 14 އަހަރުން ދަށުގެ ކެޓަގރީގަ އެވެ. އަދި އަންނަ އަހަރު 12 އަހަރު ފުރޭ ކުދިން އަންނަ އަހަރު 13 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަ ކުރާ ގޮތަށެވެ.

އެކެޑެމީ ތަކުގެ ލީގް ފަރުމާކޮށްފައިވަނީ، މުބާރާތުގައި ވާދަ ކުރާ ޓީމުތަކުގެ ކުދިންނަށް ލިޑާޝިޕާއި މިޑިއާ ރިލޭޝަންގެ ރަނގަޅު ކުދިންނަށް ވުމަށް މަގުފަހިވާ ގޮތަށެވެ. މުބާރާތުގެ ގުރު ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި ޓީމުތަކުގެ ކުދިން ކެމެރާގެ ކުރިމަތީގައި އިންޓަވިއު ދިން މަންޒަރު އަޅުގަނޑު ދުށީމެވެ.

ރަނގަޅު ކޯޗުންގެ ބެލުމުގެ ދަށުން ތަމްރީން ފޯރުކޮށްދިނުމަކީ އެންމެ މުހިންމު އަސާސް ކަމަށް ސާންތީ ގަބޫލު ކުރެ އެވެ. އޭނާ ބުނީ އެކެޑެމީތަކުގެ ޓީމުގައި ލިސްޓްކޮށްފައިވާ ކޯޗުންނަކީ، އޭޝިއާގެ ފުޓްބޯޅަ އިދާރާ (އޭއެފްސީ)ން ގަބޫލު ކުރާ ލައިސެންސެއް އޮތް ކޯޗެއް ކަމުގައި ވާން ޖެހޭނެ ކަމަށެވެ.

"މިހާރު އެކެޑެމީ ޓީމުގައި ތިބި ކޯޗުން އިތުރަށް ތަމްރީން ކުރުމުގެ މަސައްކަތްވެސް އަޅުގަނޑުމެން ކުރާނަން،" ސާންތީ ބުންޏެވެ. "އަދި އަހަރުން އަހަރަށް ކުޅުންތެރިންނަށް އަންނަ ކުރިއެރުން ވަޒަން ކުރުމަށް ފަހު އެފްއޭއެމްއަށް ރިޕޯޓް ހުށަހެޅުމަށްވެސް އެކެޑެމީތަކަށް ބާރު އަޅާނަން."

އިންޓަ ސްކޫލުގެ އެންމެ ކާމިޔާބު ދުވަސް ވަރު، ރާއްޖޭގެ މަސައްކަތް ކުރި އެންމެ ކާމިޔާބު ކޯޗުން ސްކޫލްތަކުގެ ޓީމުތަކަށް ކޯޗުކޮށްދޭން ދިޔަ އެވެ. ސާންތީގެ އިތުރުން، ކުރިން ނިއު ރޭޑިއަންޓަށް ކޯޗް ކޮށްދިން ޝްރީ ލަންކާގެ ސްމިތު ވަލަޕޮލަ އާއި ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކުރީގެ އެސިސްޓެންޓް ކޯޗް ލިރުގާމު ސައީދު (ލަރޭ) އާއި ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ވަނީ ސްކޫލުތަކުގެ ޓީމުތަކަށް ކޯޗު ކޮށްދީ ކާމިޔާބު ހޯދާފަ އެވެ. އެ ކޯޗުންގެ ދަށުން ނިކުތް ކުޅުންތެރިވީ ރާއްޖޭގެ ފުޓްބޯޅައިގައި އުފެއްދި އެންމެ ކާމިޔާބު ކުޅުންތެރިން ކަމުގަ އެވެ.

ޔޫތު ލީގާމެދު އުންމީދުތަކެއް ކުރެވެ އެވެ. މިއަދު 13 އަހަރުން ދަށުގެ ކެޓަގަރީން ފަށާ ކުދިން، ސީނިއާ ލެވަލްއާ ހަމަޔަށް ދާއިރު ހުނަރުވެރި ކުޅުންތެރިންނަށް ވުމަކީ ކުރެވޭ އެންމެ ބޮޑު އުންމީދެވެ. މިއީ ދިގު އިންތިޒާރެއްވެސް ކުރަން ޖެހޭ ކަމަކެވެ. ހަމައެޔާއެކު މި މުބާރާތް ދެމެހެއްޓެނިވި ގޮތުގައި މެދުކެނޑުމެއް ނެތި ގެންދިއުމަކީ އެންމެ މުހިންމު އެކަންތަކެވެ.

މި ލީގުން ކާމިޔާބާ ހަމަޔަށް ދިއުމަށް އިންތިޒާމު ކުރަންތިބި އެފްއޭއެމްގެ ޓީމުގެ ކިބައިގައި ކެތްތެރި ހުންނަން ޖެހެއެވެ. ސާންތީ ބުނީ އޭނާ އާއި އެފްއޭއެމްގެ ކިބައިގައި ކެތްތެރިކަން އެބަހުރި ކަމަށެވެ. މަޖީދިއްޔާއިން ނިކުތް އޮއްޕޮ އާއި އަލީ އަޝްފާގް ދަގަނޑޭ ފަދައިން، ޔޫތު ލީގްގެ ތެރެއިންވެސް ހުނަރުވެރި ކުޅުންތެރިންތަކެއް ފެނިގެންދާނެ ކަމަށް އުންމީދު ކުރަމެވެ.