ބޮލީވުޑް

ސްޕޭސް ފިލްމުން ސުުޝާންތު ވަކިވެއްޖެ

ސަންޖޭ ޕުރާން ސިންހު ޑައިރެކްޓުކޮށް ގެނެސްދިނުމަށް ތައްޔާރުވަމުންދިޔަ ސްޕޭސް ފިލްމު "ޗަންދާ މާމާ ދޫރް ކޭ" އިން ސުޝާންތު ސިންހު ރާޖްޕުތު ވަކިވެއްޖެ އެވެ.

ފިލްމުން އޭނާ ވަކިވި ސަބަބެއް ކަމަށް ވަނީ އެ ފިލްމުގެ މަސައްކަތް ނުފެށި ގިނަ ދުވަސްވަމުން ދާތީ އެވެ. އެ ފިލްމަަށް ވަނީ ބަޖެޓުގެ މައްސަލަތަކެއްޖެހި މަސައްކަތް ނުފެށިފަ އެވެ. މި ފިލްމުގެ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން އޭނާ ވަނީ ނާސާއަށް ގޮސް ތަމްރީނުތައްވެސް މީގެ ކުރިން ހޯދާފަ އެވެ.

ރިޕޯޓުތައް ބުނާގޮތުން ސުޝާންތު މިހާރު ބޭނުންވަނީ އޭނާގެ އަމިއްލަ ސްޕޭސް ފިލްމެއް ޑައިރެކްޓުކުރާށެވެ. ސުޝާންތު މި ފިލްމު ކޯ ޕްރޮޑިއުސްކުރާނީ އޭނާގެ ބިޒްނަސް ޕާޓްނާ ވަރުން މާތުރްއާއެކު ކަމަށްވެސްވެ އެވެ. ޖައްވުގެ އިލްމަށް ވަރަށް ޝައުގުވެރިކަން ހުންނަ ސުޝާންތު ވަނީ ދާދިފަހުން ހަނދުން ބިމެއް ގަތްކަންވެސް ހާމަކޮށްފަ އެވެ.

އަމިއްލަ ފިލްމެއް އުފެއްދުމަށް ޝައުގުވެރިކަން ހުންނަ ވާހަކަ ސުޝާންތު އަބަދުވެސް ދައްކަމުން އަންނައިރު، މި ފިލްމު ވެގެންދާނީ އެގޮތުން އޭނާ ކުރާނެ ފުރަތަމަ މަސައްކަތަށެވެ. މިހާރު އޭނާ މަސައްކަތް ކުރަމުން އަންނަނީ މުކޭޝް ޗައްބްރާގެ ފިލްމެއްގަ އެވެ. އެ ފިލްމަކީ ހޮލީވުޑްގެ ފިލްމު "ދަ ފޯލްޓް އިން އަވާ ސްޓާސް" ގެ ހިންދީ ރީމޭކް އެވެ.

ނިތޭޝް ތިވާރީގެ ފިލްމެއް ކުޅުމަށްވެސް ސުޝާންތު އެއްބަސްވެފައި ވާއިރު، މި އަހަރު ރިލީޒްކުރަން އޭނާގެ ތިން ފިލްމެއް އެބަ އޮތެވެ. އެއީ ދަރްމާ ޕްރޮޑަކްޝަންގެ އެކްޝަން ފިލްމު "ޑްރައިވް" އާއި އަބީޝޭކް ކަޕޫރްގެ ފިލްމު "ކެދަރްނާތު" އަދި އަބީޝޭކް ޗައުބޭގެ ފިލްމު "ސޮންޗިރައްޔާ" އެވެ. ބަޔޮޕިކް ފިލްމު "އެމްއެސް ދޯނީ" ގެ ސީކުއެލް ފިލްމުވެސް އޭނާ ކުޅޭނެ އެވެ.