ހޮލީވުޑް

"ފާސްޓް އެންޑް ފިއުރިއަސް" ސްޕިން އޮފްގެ ވިލަންއަކަށް އިދްރިސް

ފިލްމު ފްރެންޗައިޒް "ފާސްޓް އެންޑް ފިއުރިއަސް" ގެ ސްޕިން އޮފް ފިލްމު "ހޮބްސް އެންޑް ޝާ" ގައި ވިލަންގެ ރޯލަށް މަޝްހޫރު އެކްޓަރު އިދްރިސް އެލްބާ ނަގައިފި އެވެ.

"ޖަންގަލް ބުކް" އިން ފެނިގެންދިޔަ އިދްރިސްއާއެކު މި ފިލްމުގައި ޑުވާނެ ޖޯންސަން އާއި ޖޭސަން ސްޓޭތަމް އަދި ވެނީސާ ކިރްބީ މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ. މި ފިލްމު ޑައިރެކްޓުކުރާނީ "ޑެޑްޕޫލް 2" ގެ ޑައިރެކްޓަރު ޑޭވިޑް ލިޗް އެވެ.

ވިލަންގެ ރޯލަށް އިދްރިސް 45، ނެގި ނަމަވެސް އޭނާގެ ރޯލާއި ބެހޭ އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވާކަމަށް ހޮލީވުޑް ރިޕޯޓާއިން ބުނެ އެވެ.

މި ފިލްމުގެ ސްކްރިޕްޓު ތައްޔާރުކުރީ ކްރިސް މޯގަން އެވެ. މިއީ މި ފްރެންޗައިޒްގެ ފިލްމަކަށް އޭނާ ސްކްރިޕްޓު ލިޔެދިން ހަ ވަނަ ފަހަރެވެ. މި ފިލްމު ރިލީޒްކުރަން ނިންމާފައިވާ އަންނަ އަހަރު ޖުލައި 26 ގަ އެވެ.

އިދްރިސް އެންމެފަހުން ފެނިގެންދިޔައީ މާވެލްގެ ސުޕަހީރޯ ފިލްމު "އެވެންޖާސް: އިންފިނިޓީ ވޯ" އިންނެވެ. ނެޓްފްލިކްސްގެ ކޮމެޑީ ފިލްމެއް ކަމަށްވާ "ޓާން އަޕް ޗާލީ" ގެ މަސައްކަތް އޭނާ މިހާރު އަންނަނީ ކުރަމުންނެވެ.