ދުނިޔެ

ތައިލަންޑު ޓީމުގެ މެސެޖު އާއިލާތަކަށް: "ކަންބޮޑު ނުވޭ،"

Jul 7, 2018

ތައިލަންޑު (ޖުލައި 7) - ތައިލަންޑު ހޮހޮޅައެއްގެ ތެރޭގައި އެ ގައުމުގެ ޒުވާން ފުޓުބޯޅަ ޓީމެއް ތާށިވެފައި ތިބޭތާ ދެ ހަފްތާ ވެފައިވީ ނަމަވެސް، އެ ކުދިންނާއި މެދު "ކަންބޮޑު ނުވުމަށް" އާއިލާތަކަށް ފޮނުވީ ސިޓީއެއްގައި އެކުދިން ބުނެފި އެވެ.

އަތުން ލިޔެފައިވާ އެ ސިޓީތަކުގައި، ކާން ބޭނުންވާ ތަފާތު އެއްޗެހިގެ ލިސްޓެއް ވެސް ވަނީ ހިމަނާފަ އެވެ.

"މާ ގިނައިން ހޯމްވާކް ނުދެއްޗޭ،" ޓީޗަރަށް ދިން މެސެޖެއްގައި އެހެން ސިޓީއެއްގައިވެ އެވެ.

ތައިލެންޑުގެ އުތުރުން ތޭމް ލުއާންގް ނޭންގް ނޮން ހޮހޮޅައަށް ޒުވާން ފުޓުބޯޅަ ޓީމެއްގެ 12 ކުޅުންތެރިން އެ ކުދިންގެ ކޯޗާއެކު ވަނީ ޖޫން 23 ގަ އެވެ. އެ ކުދިން ދިރިތިއްބާ ފެނިފައިވަނީ ނުވަ ދުވަސް ފަހުންނެވެ. 11 އަހަރާއި 16 އަހަރާއި ދެމެދުގެ އެ 12 ކުޅުންތެރިންނާއި 25 އަހަރުގެ ކޯޗު ހޮހޮޅައިގެ ތެރޭގައި ތާށިވެފައި ތިބިއިރު، އެ ޓީމު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ، ތައިލެންޑުގެ ސިފައިންގެ އިތުރުން އެމެރިކާ ސިފައިންނާއި ބޭރުގެ މަޝްހޫރު ޑައިވަރުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެ ކުދިންގެ ކޯޗު ވެސް ވަނީ އައިލާތަކުގެ ކިބައިން މައާފަށް އެދި ސިޓީއެއް ވެސް ފޮނުވާފަ އެވެ. "އެއްވެސް ކުއްޖެއްގެ އައިލާއަކުން ކަންބޮޑުނުވޭ. ރެސްކިއު ޓީމުތަކުން އަހަރުންނާއި ދޭތެރޭ ކަންތައް ކުރަނީ ވަރަށް ރަނގަޅަށް. އަހަރެންވެސް އެ ކުދިންގެ ސަލާމަތަށް ކުރެވެން ހުރިހާ ކަމެއް ކުރާންނަން،" އެ ޓީމުގެ ކޯޗު އެކަޕޯލް ޗަންޓަވޮންގް ބުނެފައިވެ އެވެ.

މި ސިޓީތަކަކީ އެ ކުދިންގެ އާއިލާތަކާއި ކުރެވުނު ފުރަތަމަ މުއާމަލާތެވެ. އެ ކުދިންގެ އާއިލާތަކާއި ވާހަކަ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް، ފޯނު ލައިނެއް އެޅުމުގެ މަސައްކަތް ވަނީ ފެއިލްވެފަ އެވެ.

ނުވަ ދުވަސް ފަހުން އެ ބާރަ ކުދިންނާއި އެ ކުދިންގެ ކޯޗު ހޮހޮޅައިގެ ތެރޭގައި ދިރިތިއްބާ ފެނިފައިވީ ނަމަވެސް، ހޮހޮޅައިގެ ތެރޭގައި ފެންބޮޑުވެފައިވާތީ އެ ކުދިން ސަލާމަތް ކުރެވޭނެ ގޮތްތައް އަދިވެސް ދަނީ ހޯދަމުންނެވެ.

އެ ކުދިން އަދިވެސް ފެނުނު ސަރަހައްދުގައި ތިބި ނަމަވެސް، ހޮހޮޅައިގެ ތެރޭގައި އިތުރަށް ފެންބޮޑުވެއްޖެ ނަމަ ހޮހޮޅައިގެ ތެރޭގައި ވައި ދައުރުވުމަށް ހުރަސް އެޅިގެން އެ ކުދިންނަށް އޮކްސިޖަން ނުލިބިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. އާންމު ގޮތެއްގައި އެކުދިން ތިބި ސަރަހައްދުގައި އޮކްސިޖަން ލެވެލް 21 ޕަސަންޓުގައި ހުރި ނަމަވެސް، މިހާރު ވެސް ވަނީ އެ އަދަދު 15 ޕަސަންޓަށް ދަށްވެފަ އެވެ.

ހޮހޮޅައިގެ ތެރެއިން ޑައިވްކޮށްގެން އެ ކުދިން ނެރުމަކީ އެންމެ އަވަސް މަގު ކަމުގައި ސިފައިން ވަނީ ބުނެފަ އެވެ. ނަމަވެސް، އެ ކުދިން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޑައިވަރެއްގެ މަރާއެކު، އެ ކުދިން ޑައިވްކޮށްގެން ނެރުމުގެ މަސައްކަތަށް ވަނީ އިތުރަށް ހިޔަނި އެޅިފަ އެވެ.

ތައިލަންޑު ކަނޑުގެ ސިފައިންގެ ކުރީގެ ޑަައިވަރު ޕެޓީ އޮފިސަރު ސަމަން ގުނާން މަރުވީ، ތާށިވެފައިތިބި ކުދިންނަށް ވައި ފުޅި ތަކެއް ފޯރުކޮށްދިނުމަށްފަހު އެނބުރި ހޮހޮޅައިން ނުކުންނަށް އައި މަގުމަތީގައި ކަމަށްވެ އެވެ.

އެކުދިން ތިބި ސަރަހައްދަށް ގޮސް އެނބުރި ނުކުންނަން ޖުމްލަ 11 ގަޑިއިރު ހޭދަވެ އެވެ. އެއީ އެ ކުދިންނާއި ހަމައަށް ދާން ހަ ގަޑިއިރު އަދި އެނބުރި ނުކުންނަށް ފަސް ގަޑިއިރެވެ.

ސަމަން ހޮހޮޅައިން ނެރުނީ އޭނާ އެކު ދިޔަ ޑައިވް ޕާޓްނަރެވެ. އެކަމު ނެރެވުނު އިރު ވެސް އޭނާ ވަނީ މަރުވެފަ އެވެ.

ހުޅަނގު މޫސުން ނިމި ހޮހޮޅައިގެ ތެރޭގައި ހެދިފައިވާ ފެން ހިނދެންދެން ގާތްގަނޑަކަށް ހަތަރު މަސް ދުވަސް އެ ކުދިން ހޮހޮޅައިގެ ތެރޭގައި ތިބެން ޖެހިދާނެ ކަމަށް ތައިލެންޑު ސިފައިން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެކަމަށް ތައްޔާރުވުމުގެ ގޮތުން، ގިނަ އަދަދެއްގެ ބޯފެނާއި، ކާނާ އަދި ބޭސް ވެސް ވަނީ އެކުދިންނަށް ފޯރުކޮށްދެވިފަ އެވެ.

ހޮހޮޅައިގެ ތެރޭގައި އިތުރަށް ފެންބޮޑުވިޔަ ނުދިނުމަށް، ބޮޑެތި ޕަމްޕުތައް ބޭނުންކޮށްގެން ފެންހިންދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. ނަމަވެސް، އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހިއްޖެނަމަ، ޕަމްޕުތަކުން ފެންހިންދޭ ވަރަށް ވުރެ އަވަހަށް ހޮހޮޅައިގެ ތެރޭގައި ފެންބޮޑުވެދާނެ ކަމުގެ ބިރު އެބައޮތެވެ.

އެތަކެއް ސަތޭކަ ފުލުހުންނާއި ސިފައިން އަދި ވޮލަންޓިއަރުން އެ ކުދިން ހޯދުމުގެ މަސައްކަތުގައި ބައިވެރިވެފައިވާއިރު، ފަރުބަދަ މަތިން ހޮހޮޅައަށް ވަދެވޭނެ އިތުރު މަގެއް ފެނޭތޯ އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.