ހަބަރު

މޫސުންް ގޯސްވެ ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގައިފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގައިފި އެވެ. ހއ. އަތޮޅުން ފެށިގެން ހައްދުންމައްޗާ ހަަމަޔަށް ވައިޓް އެލާޓް ނެރެފައިވާ އިރު، މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވަނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށެވެ.

ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާ ކަމަށާއި، ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އިރާއި އިރު ދެކުނުން ގަޑިއަކު 05 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާ 25 ދެމެދު ބާރުމިނުގައިކަމަށްވެސް މޫސުމާބެހޭ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.

އެމްއެންޑީއުން ބުނީ މިހާތަނަށް ކަނޑުމަތީ ހާދިސާތަކުގެ ތިން ރިޕޯޓެއް ލިބިފައިވާާ ކަމަށެވެ. އެގޮތުން ހުޅުލޭ ފަޅުތެރޭގައި އޮތް ލޯންޗެއް ބަންޑުން ޖަހާލާފައިވާ ކަމަށެވެ. އަދި އެ ހާދިސާގެ މައުލޫމާތު ކޯސްޓް ގާޑަަށް ލިބިފައިވަނީ މިއަދު ހެނދުނު 9:12 ގައި ކަމަށާއި، އެހާދިސާ ހިގަން މެދުވެރިވީ ދިޔަ ބޮޑުވެގެން ކަމަށެވެ. އެހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެެވެ.

މީގެ އިތުރުން ކުޑަ ބަނޑޮސް ފަޅުތެރޭގައި އަޅާފައި އޮތް "ޕްރިންސެސް ލާރާ" ކިޔާ ދޯންޏެއްގެ ވާތަށް ފަތިހު ކަނޑައިގެން ގޮސް، ބެހިފައިވާކަމަށާއި، އެ ދޯނި މިހާރު ވަނީ ހުޅުމާލޭ ފަޅުތެރެއިން އަލަށް ހިއްކި ސަރަހައްދަށް ލަށްވެފައިކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެ ހާދިސާގެ މައުލޫމާތު މިއަދު ހެނދުނު 8:03 ގައި ލިބިފައިވާއިރު، އެ ދޯނި ނެގުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތުން ކުރަމުންދާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އަދި މ. އަތޮޅު ރަތްމަންދޫ ބޮއެ ކައިރީ މަސްވެރިކަން ކުރަން އޮތް އުޅަނދެއްގެ ހުންގާނު ޖެކުގެ ފައިބަރު ގަނޑު ކަނޑައިގެންގޮސް ދޯނި ދުއްވަން އުނދަގޫވެގެން އެމްއެންޑީއެފަށް މިއަދު ހެނދުނު 8:15 ގައި ރިޕޯޓް ކޮށްފައިވާކަމަށެވެ. އަދި އެ ދޯނި މިހާރު ދަތުރު ކުރަމުން ދަނީ މ. މުލަކަށް ދިއުމަށް ކަމަށާއި، އެ ދޯނީގައި ބިދޭސީއަކާއެކު 19 މީހުން ތިބި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނީ، އުތުރާއި މެދުތެރޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށެވެ. އެހެން ކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން، ހާއްސަކޮށް އުތުރާއި މެދުތެރޭގެ އަތޮޅުތަކުގައި، މޫސުމަށް ސަމާލުވެލެއްވުމަށް އިލްތިމާސްކުރާކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ.