މިއީ މިހާރު ދިވެހި ފިލްމީ ދުނިޔޭގައި އެންމެ އަޑުގަދަ ވާހަކަ އެވެ. މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ މަރިޔަމް އައްޒައާއި އަބްދުﷲ މުއާޒް (މުއާ) ގެ ދެމެދުގައި ހާއްސަ ގުޅުމެއް އޮންނަ ވާހަކަ އެވެ. މި ދެމީހުން އެކުގައި ފެންނަލެއް މިފަހުން ވަނީ ގިނަވެސްވެފަ އެވެ.
ރާއްޖޭގެ ބައެއް އެހެން ނޫސްތަކުންވެސް މި ވާހަކަތައްދައްކާތާ މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ. ދިވެހި ފިލްމީ ދާއިރާގައި ލޯބި ޖޯޑެއް އުފަންވީ ކަމަށް ބައެއް މީހުންވެސް އަންނަނީ ބުނަމުންނެވެ.
މިއަދު އަނެއްކާ މި ވާހަކައިގެ އަޑު މި ގަދަވީ މުއާ އިންސްޓަގުރާމްގައި އައްޒައާއެކު ނަގާފައިވާ ސެލްފީއެއް ޕޯސްޓުކުރުމަށްފަހު އޭގެ ކެޕްޝަންގައި "އައި ލަވް ޔޫ" ޖަހާފައި އިނުމުންނެވެ.
މި ދެތަރިންގެ ދެމެދުގައި އޮތް ގުޅުމާއި ބެހޭގޮތުން "އަވަސް" އިން އައްޒައާއި ސުވާލުކުރުމުން ބުނީ، އެ ދެމީހުން "ވަރަށް ކްލޯޒް" ކަމަށެވެ. ނަމަވެސް ދެ ތަރިން އުޅެނީ ރައްޓެހިވެގެންތޯ ސުވާލުކުރުމުން އައްޒަ ބުނީ "ނޯ ކޮމެންޓު" ކަމަށެވެ. މީގެ ކުރިންވެސް އެ ދެމީހުންނަކީ ރައްޓެހިންކަމަށާއި ނަމަވެސް މިހާރު ކުރިއަށްވުރެ ދެ މީހުން ގާތްކަމަށް އައްޒަ ބުންޏެވެ.
އިންސްޓަގުރާމްގައި މުއާ ކުރި ޕޯސްޓާ ބެހޭގޮތުން އައްޒަ ބުނީ، "އައްޒަގެ އެހެން ރައްޓެހިންވެސް ހަމަ ހުރޭ ދޯ އައި ލަވް ޔޫ ޖަހާފައި ޕޯސްޓުތައްކޮށްފަ. އެކަމަކު އޭގެ މާނައަކީ ހަމަ އެ މީހުންނާއި ރައްޓެހިވެގެނެއް ނޫނޭ ދޯ އުޅެނީ." ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ހަތްވަރަކަށް މަސްވެއްޖެ އެވެ. މިފަހުން މި ދެ ތަރިން އެކުގައި ވަނީ ފިލްމެއްގައިވެސް މަސައްކަތްކޮށްފަ އެވެ. އެއީ މުއާ ތައްޔާރުކުރާ ފިލްމެއް ކަމަށްވާ "ލީނާ" ގަ އެވެ. މި ދެ ތަރިންގެ މެދުގައި މިހާ ގާތް ގުޅުމެއް އޮންނަ ވާހަކަ ސޯޝަލް މީޑިއާގައި ދެކެވެން ފެށީވެސް މި ފިލްމުގެ ޝޫޓިން ނިމުނު ހިސާބުން ފެށިގެންނެވެ.
މި އަހަރު ރިލީޒްކުރާ ގޮތަށް ނިންމާފައި އޮތް މި ފިލްމު ނެރޭނެ ތާރީހެއް އަދި ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެ އެވެ. މީގެ ކުރިން ބައެއް ވީޑިއޯ ލަވަތަކުގައި މި ދެ ތަރިން އެކުގައި މަސައްކަތްކޮށްފައިވެ އެވެ.
މުއާ އާއި އައްޒަވެސް ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފަ އެވެ. އެ ދެމީހުން ކުރިން ކައިވެނި ކުރި މީހުނަށް ކޮންމެ މީހެއްގެވެސް ކުއްޖެއް އެބަހުއްޓެވެ.