ބޭރު ކުޅިވަރު

ބްލެޓާ އިންތިހާބު ކާމިޔާބުކުރެއްވި ނަމަވެސް، ޔޫރަޕްގެ ދެކޮޅުވެރިކަމަށް ބަދަލެއް ނާދޭ

ފީފާގެ ރައީސްގެ މަގާމަށް ފަސް ވަނަ ދައުރަކަށް ޖޯސެޕް ބްލެޓާ އިއްޔެ އިންތިހާބުވެވަޑައިގަތް ނަމަވެސް، ބްލެޓާ އަށް އޮތް ދެކޮޅުވެރިކަމަށް ބަދަލެއް ނާންނާނެ ކަމަށް ޔޫރަޕްގެ ފުޓްބޯޅައިގެ ބައެއް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ކޮރަޕްޝަންގެ މައްސަލައެއްގައި ފީފާގެ އޮފިޝަލުންތަކެއް ފީފާ ކޮންގުރެސް ކައިރިވެފައިވަނިކޮށް ހައްޔަރުކޮށް، ފީފާ އަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވަނިކޮށް ބްލެޓާ އިންތިހާބު ކާމިޔާބުކުރެއްވީ ޖޯޑަން ޕްރިންސް އަލީއާ ވާދަކުރައްވައިގެނެވެ. ސްވިޓްަލޭންޑްގައި އިއްޔެ ކުރިއަށް ދިޔަ ފީފާގެ އިންތިހާބުގެ ފުރަތަމަަ ބުރުގައި ބްލެޓާ 133 ވޯޓުން ހޯއްދެވިއިރު، ޕްރިންސް އަލީ އަށް ލިބިވަޑައިގަތީ 73 ވޯޓެވެ. ފުރަތަމަ ބުރުގައި ވޯޓުގެ ތިން ބައިކުޅަ ދެ ބައި އެއްވެސް ކެނިޑޭޓަކަށް ނުލިބޭތީ ދެވަނަ ބުރަކަށް ދާން ޖެހުނު ނަމަވެސް، ޕްރިންސް އަލީ އިންތިހާބު ދޫކޮށްލެވުމުން ދެވަނަ ބުރަކަށް ނުގޮަސް ބްލެޓާ ވަނީ އިންތިހާބުވެވަޑައިގެންފަ އެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކުން ބްލެޓާއާ ދެކޮޅެވެ. ކޮރަޕްޝަންގެ މައްސަލައިގައި ފީފާގެ އޮފިޝަލުން ހައްޔަރުކުރުމާ ގުޅިގެން، ޔުއޭފާ ރައީސް މިޝޭލް ޕްލެޓިނީ ވަނީ ރައީސްގެ މަގާމުން އިސްތިއުފާ ދިނުމަށް ބްލެޓާގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އިންގްލެންޑް ފުޓްބޯލް އެސޯސިއޭޝަންގެ ޗެއާމަން ގްރެގް ޑައިކް ވިދާޅުވީ 1998 ވަނަ އަހަރުން ފެށިގެން ފީފާގެ ރައީސްގެ މަގާމު އަދާކުރައްވާ ބްލެޓާ އިންތިހާބު ކާމިޔާބުކުރެއްވި ނަމަވެސް، އޭނައާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.

"މި ހިސާބުން މިކަން ނުނިމޭނެ. ގިނަ ޑެލިގޭޓުން ބުނެފައިވަނީ ބްލެޓާ ބޭނުންނުވާކަން،" ޑައިކް ވިދާޅުވި އެވެ. "ބްލެޓާ އަކީ ފީފާ އަށް މި ވަގުތު ބޭނުންވާ ބަދަލު ގެނެވޭނެ މީހެއް ނޫން. ފީފާގެ ލީޑަޝިޕަށް ބަދަލެއް އެބަ ބޭނުންވޭ."

ޑައިކް ވިދާޅުވީ ކުރިއަށް އޮތް ހަތަރު އަހަރަށް ބްލެޓާ އިންތިހާބުވެވަޑައިގަތް ނަމަވެސް، ދައުރު ނިމެންދެން ބްލެޓާ އަށް މަގާމުގައި ދެމިހުންނާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް އަޔަލޭންޑްގެ ޗެއާމަން ޖޯން ޑެލައިނީ ވެސް ވިދާޅުވީ ބްލެޓާ ދައުރު ނިމެންދެން މަގާމުގައި ހުންނާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

"ހަތަރު އަހަރުގެ ދައުރު ބްލެތާ އަށް ފުރިހަމަކުރެވޭނެހެން ހިޔެއް ނުވޭ. މި ވަގުތު ބްލެޓާ އަށް އޮތް ޕްރެޝަރު ވަރަށް ބޮޑު. އަހަރެމެން ދެން ބަލަން ޖެހޭނީ ޔޫރަޕްގެ ބާރު ކިހާވަރަކަށް ބޭނުންކުރެވިދާނެތޯ،" ޑެލައިނީ ވިދާޅުވި އެވެ.

ޔުއޭފާގެ ރައީސް ޕްލެޓިނީ ވެސް ވަނީ މީގެ ކުރިން ބްލެޓާ އަށް ފާޑުވިދާޅުވެފަ އެވެ. ބްލެޓާ ފަސް ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ ޔުއޭފާ އިން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޮއިކޮޓްކުރަން ބައެއް އޮފިޝަލުން ވަނީ ގޮވާލައިފަ އެވެ. ޖޫން ހަ ވަނަ ދުވަހު ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ކުރިން ޔުއޭފާ އޮފިޝަލުން ބާއްވާ ބައްދަލުވުމެއްގައި ޔުއޭފާ އިން އަމަލުކުރާނެ ގޮތަކާމެދު ގޮތެއް ނިންމާނެ އެވެ.

"ޔުއޭފާ އިން ފީފާ އަށް ބަދަލެއް ގެންނަން ތާއީދުކުރުމަކީ ފަހުރުވެރިވާ ކަމެއް،" ޕްލެޓިނީ ވިދާޅުވި އެވެ. -- ބީބީސީ