ހަބަރު

ކުޑަފަރީ ފަރަށް ޓަގު ބޯޓަކާއި ބާޖެއް އަރައިފި

ހިލަވެލި ހިފައިގެން ދަތުރުކުރި ޓަގު ބޯޓަކާއި ބާޖެއް ނ. ކުޑަފަރީ ފަރަށް އަރައިފި އެވެ. މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވެ އެވެ.

އެމްއެންޑީއެފުން ބުނީ ނ ކުޑަފަރީ ފަރަށް "ރާދަފަތި" ނަމަކަށް ކިޔާ ޓަގަކާއި "ސިންގާސަނާ" ކިޔާ ބާޖެއް އަރާފައިވާކަމުގެ މައުލޫމާތެއް ލިބިފައިވަނީ މިއަދު މެންދުރުފަހު 2:54 ހާއިރު ކަމަށެވެ. މި ދެ އުޅަނދު ފަރަށް އެރިއިރު ޖުމްލަ ނުވަ މީހުން ތިއްބެވެ. އެއީ އަށް ދިވެހިންނާއި ބިދޭސީއެކެވެ. މި ދެ އުޅަނދުވެސް ފުންކުރުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން ކަނޑު ގަދަ ދުވަސްވަރެކެވެ. އެންކަމުން ކަނޑުމަތީގެ ގިނަ ހާދިސާތަކެއް މިދުވަސްވަރު ދަނީ ދިމާވަމުންނެވެ. މޫސުމާ ބެހޭ އިދާރާއިން ވަނީ ދަތުރުކުރާއިރު ސަމާލުކަންދޭ މިންވަރު އިތުރުކުރަން އިލްތިމާސްކޮށްފަ އެވެ.