ބޭރު ކުޅިވަރު

ބްލެޓާ އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެން ގިލް ފީފާގެ އެގްޒެކުޓިވް ކޮމެޓީގައި ބައިވެރިނުވާން ނިންމައިފި

ފީފާގެ ރައީސް ކަމަށް ފަސް ވަނަ ދައުރަކަށް ޖޯސެޕް ބްލެޓާ އިންތިހާބުވެވަޑައިގަތުމާ ގުޅިގެން، ފީފާގެ އެގްޒެކުޓިވް ކޮމެޓީގައި ބައިވެރިނުވުމަށް އިނގިރޭސި އެފްއޭގެ ވައިސް ޗެއާމަން ޑޭވިޑް ގިލް ނިންމަވައިފި އެވެ.

ކޮރަޕްޝަންގެ މައްސަލައެއްގައި ފީފާގެ އޮފިޝަލުންތަކެއް ފީފާ ކޮންގުރެސް ކައިރިވެފައިވަނިކޮށް ހައްޔަރުކޮށް، ފީފާ އަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވަނިކޮށް ބްލެޓާ އިންތިހާބު ކާމިޔާބުކުރެއްވީ ޖޯޑަން ޕްރިންސް އަލީއާ ވާދަކުރައްވައިގެނެވެ. ސްވިޓްަލޭންޑްގައި އިއްޔެ ކުރިއަށް ދިޔަ ފީފާގެ އިންތިހާބުގެ ފުރަތަމަަ ބުރުގައި ބްލެޓާ 133 ވޯޓުން ހޯއްދެވިއިރު، ޕްރިންސް އަލީ އަށް ލިބިވަޑައިގަތީ 73 ވޯޓެވެ. ފުރަތަމަ ބުރުގައި ވޯޓުގެ ތިން ބައިކުޅަ ދެ ބައި އެއްވެސް ކެނިޑޭޓަކަށް ނުލިބޭތީ ދެވަނަ ބުރަކަށް ދާން ޖެހުނު ނަމަވެސް، ޕްރިންސް އަލީ އިންތިހާބު ދޫކޮށްލެވުމުން ދެވަނަ ބުރަކަށް ނުގޮަސް ބްލެޓާ ވަނީ އިންތިހާބުވެވަޑައިގެންފަ އެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކުން ބްލެޓާއާ ދެކޮޅެވެ. ކޮރަޕްޝަންގެ މައްސަލައިގައި ފީފާގެ އޮފިޝަލުން ހައްޔަރުކުރުމާ ގުޅިގެން، ޔުއޭފާ ރައީސް މިޝޭލް ޕްލެޓިނީ ވަނީ ރައީސްގެ މަގާމުން އިސްތިއުފާ ދިނުމަށް ބްލެޓާގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އިނގިރޭސި އެފްއޭގެ ވައިސް ޗެއާމަންގެ ހައިސިއްޔަތުން ފީފާގެ އެގްޒެކުޓިވް ކޮމެޓީގައި ނައިބު ރައީސެއްގެ މަގާމު ގިލް އަށް ލިބިވަޑައިގަތް ނަމަވެސް، ބްލެޓާ އިންިތހާބު ކާމިޔާބުކުރެއްވުމާ ގުޅިގެން ގިލް ވަނީ އެގްޒެކުޓިވް ކޮމެޓީގައި ބައިވެރިނުވާން ނިންމައިފަ އެވެ. އިންތިހާބަށް ފަހު މިއަުދ ބޭއްވި ފީފާގެ އެގްޒެކުޓިވް ކޮމެޓީގެ ބައްދަލުވުމުގައި ގިލް ބައިވެރިވަޑައިނުގަންނަވަ އެވެ.

"ޑިމޮކްރެޓިކް އިންތިހާބެއްގައި ބްލެޓާ ކާމިޔާބު ހޯދިކަން ގަބޫލްކުރަން. އަދި މިހާރު ދިމާވެފައި އޮތް މައްސަލަތައް ފީފާ އަށް ހައްލުކުރެވޭނެ ކަމަށް އުންމީދުކުރަން. އެކަމަކު އަހަރެންގެ ނަމުގެ އަގު ހިފަހައްޓަންޖެހޭ. ބްލެޓާާއާއެކު ފުޓްބޯޅަ އަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް ގަބޫލެއްނުކުރެވޭ" މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ސީއީއޯ އަދި މިހާރު އެ ކްލަބުގެ ބޯޑު މެެމްބަރެއް ކަމަށްވާ ގިލް ވިދާޅުވި އެވެ. "އަހަރެން ދެން ސަމާލުކަން ދޭނީ އިނގިރޭސި އެފްއޭ އާއި ޔުއޭފާގައި އަހަރެން އަދާކުރާ މަގާމުތަކަށް."

ފީފާގެ އެގްޒެކުޓިވް ކޮމެޓީގައި ބައިވެރިވަޑައިނުގަންނަވަން ގިލް ނިންމެވުމާއެކު، ޔުއޭފާ އިން ގިލްގެ ގޮނޑިއަށް އެހެން ބޭފުޅެއް އިންތިހާބު ކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. --- ބީބީސީ