ދުނިޔެ

ތައިލަންޑު ޓީމު ހޮހޮޅައިން ނެރުމުގެ އޮޕަރޭޝަން ފަށައިފި

Jul 8, 2018

ތައިލަންޑު (ޖުލައި 8) - ތައިލަންޑުގެ ހޮހޮޅައެއްގައި ތާށިވެފައިތިބި އެ ގައުމުގެ ޒުވާން ފުޓުބޯޅަ ޓީމު ސަލާމަތް ކުރުމުގެ ނުރައްކާތެރި އޮޕަރޭޝަން ދާދި ދެންމެ އަކު ފަށައިފި އެވެ.

އެ މަސައްކަތުގައި ހަރަކާތްތެރިވާ ޑައިވަރުންގެ ޓީމުން އެ މަސައްކަތް ފަށާފައިވަނީ ތައިލަންޑު ގަޑިން 10.00 ގަ އެވެ. އެ އޮޕަރޭޝަން ފެށުމުގެ ކުރިން އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެތަކެއް ސަތޭކަ ނޫސްވެރިންނާއި އާންމުންގެ މީހުން ވަނީ ދުރައްޖައްސާފަ އެވެ.

ތައިލެންޑުގެ އުތުރުން ތޭމް ލުއާންގް ނޭންގް ނޮން ހޮހޮޅައަށް ޒުވާން ފުޓުބޯޅަ ޓީމެއްގެ 12 ކުޅުންތެރިން އެ ކުދިންގެ ކޯޗާއެކު ވަނީ ޖޫން 23 ގަ އެވެ. އެ ކުދިން ދިރިތިއްބާ ފެނިފައިވަނީ ނުވަ ދުވަސް ފަހުންނެވެ. 11 އަހަރާއި 16 އަހަރާއި ދެމެދުގެ އެ 12 ކުޅުންތެރިންނާއި 25 އަހަރުގެ ކޯޗު ހޮހޮޅައިގެ ތެރޭގައި ތާށިވެފައި ތިބިއިރު، އެ ޓީމު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ، ތައިލެންޑުގެ ސިފައިންގެ އިތުރުން އެމެރިކާ ސިފައިންނާއި ބޭރުގެ މަޝްހޫރު ޑައިވަރުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެނގިފައިވާ ގޮތުގައި، ބޭރުގެ 13 ޑައިވަރުންގެ އިތުރުން ތައިލަންޑު ނޭވީގެ ފަސް ޑައިވަރަކު މި އޮޕަރޭޝަންގައި ހަރަކާތްތެރިވާނެ އެވެ.

ނުވަ ދުވަސް ފަހުން އެ ބާރަ ކުދިންނާއި އެ ކުދިންގެ ކޯޗު ހޮހޮޅައިގެ ތެރޭގައި ދިރިތިއްބާ ފެނިފައިވީ ނަމަވެސް، ހޮހޮޅައިގެ ތެރޭގައި ފެންބޮޑުވެފައިވާތީ އެ ކުދިން ސަލާމަތް ކުރުމަށް މިއަދާ ހަމައަށް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

ހޮހޮޅައިގެ ތެރެއިން ޑައިވްކޮށްގެން އެ ކުދިން ނެރުމަކީ އެންމެ އަވަސް މަގު ކަމުގައި ސިފައިން ވަނީ ބުނެފަ އެވެ. ނަމަވެސް، އެ ކުދިން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޑައިވަރެއްގެ މަރާއެކު، އެ ކުދިން ޑައިވްކޮށްގެން ނެރުމުގެ މަސައްކަތަށް ވަނީ އިތުރަށް ހިޔަނި އެޅިފަ އެވެ.

އެ ކުދިން ނެރެން ހަމަޖެހިފައިވާ ޕްލޭނު މިހާތަނަށް ހާމަކޮށްފައި ނުވި ނަމަވެސް، ބޮޑަށް ބެލެވޭ ގޮތުގައި އެކުދިން ސަލާމަތްކުރާނީ ޑައިވް ކޮށްގެންނެވެ.

އެކުދިން ތިބި ސަރަހައްދަށް ގޮސް އެނބުރި ނުކުންނަން ޖުމްލަ 11 ގަޑިއިރު ހޭދަވެ އެވެ. އެއީ އެ ކުދިންނާއި ހަމައަށް ދާން ހަ ގަޑިއިރު އަދި އެނބުރި ނުކުންނަށް ފަސް ގަޑިއިރެވެ.

އެހެން ކަމުން، އެ ކުދިން އެންމެ އަވަހަށް ވެސް ނެރޭވެނެ ކަމަށް ބެލެވެނީ ތައިލަންޑު ގަޑިން ރޭގަނޑު 9.00 ޖަހާއިރު (ރާއްޖެ ގަޑިން ރޭގަނޑު 11.00) ކަމަށް ބެލެވެ އެވެ.