އުތުރު ކޮރެއާގެ ނިއުކުލިއާ ހަތިޔާރުތައް ނައްތާލުމާއި ގުޅޭގޮތުން އެމެރިކާ ސަރުކާރުން ގަދަބާރުން ކަންކަން ކުރަން އުޅޭ ކަމަށް ބުނެ އެ ގައުމުން ނުރުހުން ފާޅުކޮށްފި އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއާއެކު ބޭއްވުނު މަޝްވަރާތަކަށްފަހު، އުތުރު ކޮރެއާ އިން ބުނީ އެމެރިކާގެ ހުށަހެޅުންތަކާމެދު ނުހަނު ކަންބޮޑުވާކަމަށެވެ.
އުތުރު ކޮރެއާ ކަންބޮޑުވުން ފާޅުކޮށްފައިވަނީ، މަޝްވަރާތަކާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށް، އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގްޔޭންގަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅަށް ފަހު ޕޮމްޕޭއޯ ވިދާޅުވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންއުން އާއެކު ސިންގަޕޫރުގައި ބޭއްވުނު ތާރީހީ ބައްދަލުވުމަށްފަހު، އެމެރިކާގެ އިސް އޮފިޝަލަކު ޕިޔޮންގްޔޭންގަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ޖޫން 12 ވަނަ ދުވަހު ބޭއްވުނު ތާރީހީ ސަމިޓަށްފަހު ޓްރަމްޕް ވިދާޅުވެފައި ވަނީ، ސުލްހަވުމުގެ ޔަގީންކަމެއްގެ ގޮތުން، ދެކުނު ކޮރެއާއާ އެކު ހިންގާ އަސްކަރީ ހަރަކާތްތައް މިވަގުތު ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމެރިކާގެ އަސްކަރީ އެހީ އާއި ސިފައިން ކޮރެއާ ޕެނިންސުއޭލާ ސަރަހައްދުގެ ގައުމުތަކުގައި ތިބޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
ޕޮމްޕޭއާއެކު ބޭއްވުނު މަޝްވަރާތަކަށްފަހު، އުތުރު ކޮރެއާ އިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ނިއުކުލިއާ ހަތިޔާރު ނައްތާލުމަށް އެމެރިކާ އިން ގަބޫލުކުރަންދަތި ޕްރެޝަރުތައް ކުރިމަތިކުރުވާފައިވާ ކަމަށާއި، އެކަމަކީ ސަމިޓުގެ ރޫހާއި މުޅިން ހިލާފުކަމެއް ކަމުގަ އެވެ.
އެމެރިކާގެ ފަރާތުން ވަރަށް ހަރުދަނާ ހުށަހެޅުންތަކެއް އަންނާނެކަމަށް ބެލެވުނު ނަމަވެސް، އެމެރިކާ މިހާރު އަމަލު ކުރަމުންދާގޮތުން، ނިއުކުލިއާ ހަތިޔާރު ނައްތާލުމަށް ވެވުނު އެއްބަސްވުން ބާތިލް ވެދާނެ ކަމުގެ އިންޒާރު ވެސް އެ ބަޔާނުގައި ވަނީ ދީފަ އެވެ.
ޕޮމްޕޭއާއެކު ބޭއްވުނު މަޝްވަރާތަކުގައި ކިމް ބައއިވެރިވެވަޑައިނުގެންނެވި ނަމަވެސް، އުތުރު ކޮރެއާގެ ލީޑަރު ތަމްސީލު ކުރެއްވީ އޭނާގެ ވަރަށް އަރިސް ބޭއްފުޅެއް ކަމުގައިވާ ކިމް ޔޮންގް ޗުލް އެވެ.
އުތުރު ކޮރެއާ އިން ނިއުކުލިއާ ހަތިޔާރުތައް ނައްތާލުމަށް އެއްބަސްވި ނަމަވެސް، އެ ގައުމުން އަދިވެސް ދަނީ ނިއުކުލިއާ މަސައްކަތްތައް ވަރުގަދަ ކުރަމުންކަމަށް ކަމާބެހޭ އިދާރާތަކުން މީގެ ކުރީގައި ވަނީ ތުހުމަތުކޮށްފަ އެވެ.
އެ ސަމިޓްގެ އެންމެ މުހިންމު ކާމިޔާބީ އެއްގެ ގޮތުގައި ފާހަގަކުރެވުނީ، ކޮރެއާ ސަރަހައްދަށް ސުލްހަ ގެނައުމަށް ނިއުކުލިއާ ހަތިޔާރުން ސަލާމަތްވެފައިވާ ސަރަހައްދަކަށް ކޮރެއާ ސަރަހައްދުގެ ގައުމުތައް ހެދުމެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން، އުތުރު ކޮރެއާއަށް ރައްކާތެރިކަން ދިނުމަށާއި އެ ގައުމުގެ މައްޗަށް އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ތައްޔާރަށް ހުންނެވިކަން ރައީސް ޓްރަމްޕް އޭރު ވަނީ ހާމަކުރައްވާފަ އެވެ.