ދުނިޔެ

ތައިލަންޑު ޓީމު ސަލާމަތްކުރާ ގޮތުގެ ޕްލޭން އާންމުކޮށްފި

Jul 8, 2018

ތައިލަންޑު (ޖުލައި 8) - ތައިލަންޑުގެ ހޮހޮޅައެއްގައި ތާށިވެފައިތިބި އެ ގައުމުގެ ޒުވާން ފުޓުބޯޅަ ޓީމު ސަލާމަތް ކުރުމުގެ ނުރައްކާތެރި އޮޕަރޭޝަން މިއަދު ހެނދުނު ފަށާފައިވާއިރު، އެ ކުދިން ސަލާމަތް ކުރުމަށް ވިސްނާފައިވާ ޕްލޭން އެ ގައުމުގެ ސަރުކާރުން އާންމުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި، ބޭރުގެ 13 ޑައިވަރުންގެ އިތުރުން ތައިލަންޑު ނޭވީގެ ފަސް ޑައިވަރަކު މި އޮޕަރޭޝަންގައި ހަރަކާތްތެރިވެ އެވެ.

އެ ޕްލޭނުގައިވާ ގޮތުން، ހޮހޮޅައިގެ ހަތަރު ކިލޯމީޓަރު އަޑިގައި ތިބި ކުދިން، ޑައިވްކޮށްގެން ނެރޭއިރު، ކޮންމެ ކުއްޖަކާއެކު ދެ ޑައިވަރުން ތިބޭނެ އެވެ. ނަމަވެސް، ރަނގަޅަށް ފަތަން ވެސް ނޭނގޭ، ޑައިވް ކުރުމުގެ އެއްވެސް ތަޖުރިބާ އެއް ނެތް ކުދިންތަކެއް ގޮވައިގެން ސަލާމަތުން ނެރުމުގެ ނުރައްކާ ވަރަށް ބޮޑު ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.

ކުދިން ނެރުމަށް ހެދުނު ޕްލޭން

  • ވައި ފުޅި އާއެކު ފުސް ފޭސް މާސްކު
  • ކޮންމެ ކުއްޖަކާއެކު ދެ ޑައިވަރުން
  • އެއްކޮށް ޑައިވް ކުރާއިރު، އެހީވެ ދިނުމަށް ޑައިވް ލައިނެއް އަޅާފައިވޭ
  • ވައި ފުޅި އަޅައިގެން ނުދެވޭ ހިސާބުތަކުގައި، ފުޅި ނަގައިގެން ޑައިވަރުންގެ އެހީގައި އެކުދިން ގެންދެވޭނެ
  • ވަކި ހިސާބަކުން ހޮހޮޅައިން ނުކުންނާނީ ފައި މަގުގައި

ތައިލެންޑުގެ އުތުރުން ތޭމް ލުއާންގް ނޭންގް ނޮން ހޮހޮޅައަށް ޒުވާން ފުޓުބޯޅަ ޓީމެއްގެ 12 ކުޅުންތެރިން އެ ކުދިންގެ ކޯޗާއެކު ވަނީ ޖޫން 23 ގަ އެވެ. އެ ކުދިން ދިރިތިއްބާ ފެނިފައިވަނީ ނުވަ ދުވަސް ފަހުންނެވެ. 11 އަހަރާއި 16 އަހަރާއި ދެމެދުގެ އެ 12 ކުޅުންތެރިންނާއި 25 އަހަރުގެ ކޯޗު ހޮހޮޅައިގެ ތެރޭގައި ތާށިވެފައި ތިބިއިރު، އެ ޓީމު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ، ތައިލެންޑުގެ ސިފައިންގެ އިތުރުން އެމެރިކާ ސިފައިންނާއި ބޭރުގެ މަޝްހޫރު ޑައިވަރުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ނުވަ ދުވަސް ފަހުން އެ ބާރަ ކުދިންނާއި އެ ކުދިންގެ ކޯޗު ހޮހޮޅައިގެ ތެރޭގައި ދިރިތިއްބާ ފެނިފައިވީ ނަމަވެސް، ހޮހޮޅައިގެ ތެރޭގައި ފެންބޮޑުވެފައިވާތީ އެ ކުދިން ސަލާމަތް ކުރުމަށް މިއަދާ ހަމައަށް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. މިއަދު އޮޕްރޭޝަން ފަށާފައިވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި އެ ސަރަހައްދަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައިވާތީ ކަމަށް ރިޕޯޓުތަކުން ބުނެ އެވެ. މިހާރު ވެސް އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހެމުން އަންނަކަމަށްވެ އެވެ.

ވިއްސާރައިގެ ސަބަބުން، ހޮހޮޅައިގެ ތެރޭގައި އިތުރަށް ފެންބޮޑުވެއްޖެ ނަމަ، އެ ކުދިން ތިބި ހިސާބަށް އޮކްސިޖަން ފޯރުމަށް ހުރަސްއެޅޭނެ ކަމުގައި ވަނީ ބުނެފަ އެވެ. މިހާރު ވެސް އެ ސަރަހައްދުގައި ހުރި އޮކްސިޖަން ލެވެލް އަންނަނީ ދަށްވަމުންނެވެ.

އެކުދިން ތިބި ސަރަހައްދަށް ގޮސް އެނބުރި ނުކުންނަން ޖުމްލަ 11 ގަޑިއިރު ހޭދަވެ އެވެ. އެއީ އެ ކުދިންނާއި ހަމައަށް ދާން ހަ ގަޑިއިރު އަދި އެނބުރި ނުކުންނަށް ފަސް ގަޑިއިރެވެ.