ޕްރިޔާންކާ ޗޯޕްރާ

ޕްރިޔަންކާގެ އާ ފިލްމަކަށް "ދަ ސްކައި އިޒް ޕިންކް"

ގިނަ އަހަރުތަކަކަށްފަހު ޕްރިޔަންކާ ޗޯޕްރާ ވަނީ ބޮލީވުޑް ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވެފަ އެވެ. ސަލްމާން ޚާންގެ ފިލްމު "ބާރަތު"ގައި ދެން ޕްރިޔަންކާ ފެންނާނެއިރު، މިހާރު އޭނާ ހުރީ އެ ފިލްމުގެ ޝޫޓިން ފެށުމަށް އިންޑިއާގަ އެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ފިލްމުގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުން އަންނައިރު، ޕްރިޔަންކާ މިހާރު އަންނަނީ އެހެން ފިލްމެއްގެ މަސައްކަތަށް ވެސް ތައްޔާރުވަމުންނެވެ. އެ ފިލްމަކީ "މާގަރީޓާ ވިތު އަ ސްޓުރޯ" ގެ ޑައިރެކްޓަރު ސޮނާލީ ބޯސް ގެނެސްދޭ ފިލްމެއް ކަމަށްވާ "ދަ ސްކައި އިޒް ޕިންކް" އެވެ.

މި ހަބަރު ކަށަވަރުވީ އިއްޔެ ޕްރިޔަންކާ އޭނާގެ އިންސްޓަސްޓޯރީއަށް އެ ފިލްމުގެ ސްކްރިޕްޓުގެ ފޮޓޯއެއް ލާފައި އިނުމުންނެވެ. އެ ސްކްރިޕްޓުގައި ފިލްމުގެ ނަންވެސް ރީއްޗަށް ފެންނަ އިނެވެ. މި ފިލްމުގައި ޕްރިޔަންކާއާއެކު ފެނިގެންދާނީ ޒައިރާ ވަސީމް އާއި ފަރްހާން އަޚްތަރުކަމަށް ބޮލީވުޑް ރިޕޯޓުތައް ބުނެ އެވެ.

މި ފިލްމުގެ ވާހަކަ ބިނާވެފައި އޮންނާނީ ވާހަކަދެއްކުންތެރިކަމަށް މޮޅު ކުއްޖެއް ކަމަށްވާ އައިޝާ ޗައުދަރީ އަށެވެ. އައިޝާއަކީ ވަރަށް އާންމު ނޫން ސިކުނޑީގެ އައިބު ކަމަކާއެކު އުފަންވި ކުއްޖެކެވެ. އައިޝާގެ ރޯލު ކުޅޭނީ ޒައިރާ ކަމަށްވެ އެވެ. އަދި ޕްރިޔަންކާ އާއި ފަރްހާން ފެނިގެންދާނީ ޒައިރާގެ މައިންބަފައިންގެ ރޯލުން ކަމަށްވެ އެވެ.

ޕްރިޔަންކާ ލާފައި އިން ފޮޓޯއިން އިނގޭ ގޮތުގައި މި ފިލްމުގެ ޑައިލޮގުތައް ތައްޔާރުކޮށްފައި ވަނީ "އޮކްޓޯބާ" އަދި "ޕީކޫ" ގެ ވާހަކަ ލިޔުނު ޖޫހީ ޗަތުރަދޭވީ އެވެ. މި ފޮޓޯ ފިޔަވާ ފިލްމާއި ބެހޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.