ދުނިޔެ

އުތުރު ކޮރެއާގެ "ގޭންގުސްޓާރު" ތުހުމަތުތައް އެމެރިކާ ދޮގުކޮށްފި

އުތުރު ކޮރެއާގެ ނިއުކުލިއާ ހަތިޔާރުތައް ނައްތާލުމާއި ގުޅޭގޮތުން އެމެރިކާ ސަރުކާރުން ގަދަބާރުން "ގޭންގުސްޓާރެއް" ހެން ކަންކަން ކުރުވަން އުޅޭ ކަމަށް ބުނެ ކުރާ ތުހުމަތުތައް އެމެރިކާ އިން ދޮގުކޮށްފި އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯއާއެކު ބޭއްވުނު މަޝްވަރާތަކަށްފަހު، އުތުރު ކޮރެއާ އިން ބުނީ އެމެރިކާގެ ހުށަހެޅުންތަކާމެދު ނުހަނު ކަންބޮޑުވާ ކަމަށެވެ.

ތުހުމަތުތަކާއި ގުޅިގެން ޕޮމްޕޭއޯ ވިދާޅުވީ، ގަދަބާރުން އެއްވެސް ކަމެއް ކުރަން އުޅެފައި ނުވާނެ ކަމަށާއި، ނަމަވެސް އުތުރު ކޮރެއާއާ ދެކޮޅަށް މިހާރު އަޅާފައިވާ ފިޔަވަޅުތައް އުވާލެވޭނީ ނިއުކުލިއާ ހަތިޔާރުތައް ނައްތާލުމުން ކަމަށް އެ ދަތުރުފުޅުގައި ތަކުރާރު ކުރެއްވި ކަމަށެވެ.

އުތުރު ކޮރެއާ ކަންބޮޑުވުން ފާޅުކޮށްފައިވަނީ، މަޝްވަރާތަކާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށް، އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގްޔޭންގަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅަށް ފަހު ޕޮމްޕޭއޯ ވިދާޅުވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންއުން އާއެކު ސިންގަޕޫރުގައި ބޭއްވުނު ތާރީހީ ބައްދަލުވުމަށްފަހު، އެމެރިކާގެ އިސް އޮފިޝަލަކު ޕިޔޮންގްޔޭންގަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ޖޫން 12 ވަނަ ދުވަހު ބޭއްވުނު ތާރީހީ ސަމިޓަށްފަހު ޓްރަމްޕް ވިދާޅުވެފައި ވަނީ، ސުލްހަވުމުގެ ޔަގީންކަމެއްގެ ގޮތުން، ދެކުނު ކޮރެއާއާ އެކު ހިންގާ އަސްކަރީ ހަރަކާތްތައް މިވަގުތު ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމެރިކާގެ އަސްކަރީ އެހީ އާއި ސިފައިން ކޮރެއާ ޕެނިންސުއޭލާ ސަރަހައްދުގެ ގައުމުތަކުގައި ތިބޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ޕޮމްޕޭއާއެކު ބޭއްވުނު މަޝްވަރާތަކަށްފަހު، އުތުރު ކޮރެއާ އިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ނިއުކުލިއާ ހަތިޔާރު ނައްތާލުމަށް އެމެރިކާ އިން ގަބޫލުކުރަންދަތި ޕްރެޝަރުތައް ކުރިމަތިކުރުވާފައިވާ ކަމަށާއި، އެކަމަކީ ސަމިޓުގެ ރޫހާއި މުޅިން ހިލާފުކަމެއް ކަމުގަ އެވެ.

އެމެރިކާގެ ފަރާތުން ވަރަށް ހަރުދަނާ ހުށަހެޅުންތަކެއް އަންނާނެކަމަށް ބެލެވުނު ނަމަވެސް، އެމެރިކާ މިހާރު އަމަލު ކުރަމުންދާގޮތުން، ނިއުކުލިއާ ހަތިޔާރު ނައްތާލުމަށް ވެވުނު އެއްބަސްވުން ބާތިލް ވެދާނެ ކަމުގެ އިންޒާރު ވެސް އެ ބަޔާނުގައި ވަނީ ދީފަ އެވެ.

ޕޮމްޕޭއާއެކު ބޭއްވުނު މަޝްވަރާތަކުގައި ކިމް ބައއިވެރިވެވަޑައިނުގެންނެވި ނަމަވެސް، އުތުރު ކޮރެއާގެ ލީޑަރު ތަމްސީލު ކުރެއްވީ އޭނާގެ ވަރަށް އަރިސް ބޭއްފުޅެއް ކަމުގައިވާ ކިމް ޔޮންގް ޗުލް އެވެ.

ޕޮމްޕޭއޯ އިތުރަށް ވިދާޅުވީ، ނިއުކުލިއާ ހަތިޔާރު ނައްތާލުމާއި ގުޅޭގޮތުން ހުށަހެޅި ހުށަހެޅުންތަކަކީ ހަމައެކަނި އެމެރިކާގެ ހުށަހެޅުންތަކެއް ނޫން ކަމަށާއި، އެ ހުށަހެޅުންތަކަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ އިއްތިފާގުން ނިންމާފައިވާ ހުށަހެޅުންތަކެއް ކަމަށެވެ.

"ހުށަހެޅުންތައް "ގޭންގްސްޓާރެއްގެ" ގޮތުގަ ސިފަކުރަންޏާ، މުޅި ދުނިޔެކީ ވެސް ގޭންގްސްޓާރެއް،" ޕޮމްޕޭއޯ ނޫސްވެރިންނަށް ވިދާޅުވި އެވެ.

އުތުރު ކޮރެއާ އިން ނިއުކުލިއާ ހަތިޔާރުތައް ނައްތާލުމަށް އެއްބަސްވި ނަމަވެސް، އެ ގައުމުން އަދިވެސް ދަނީ ނިއުކުލިއާ މަސައްކަތްތައް ވަރުގަދަ ކުރަމުންކަމަށް ކަމާބެހޭ އިދާރާތަކުން މީގެ ކުރީގައި ވަނީ ތުހުމަތުކޮށްފަ އެވެ.

އެ ސަމިޓްގެ އެންމެ މުހިންމު ކާމިޔާބީ އެއްގެ ގޮތުގައި ފާހަގަކުރެވުނީ، ކޮރެއާ ސަރަހައްދަށް ސުލްހަ ގެނައުމަށް ނިއުކުލިއާ ހަތިޔާރުން ސަލާމަތްވެފައިވާ ސަރަހައްދަކަށް ކޮރެއާ ސަރަހައްދުގެ ގައުމުތައް ހެދުމެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން، އުތުރު ކޮރެއާއަށް ރައްކާތެރިކަން ދިނުމަށާއި އެ ގައުމުގެ މައްޗަށް އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ތައްޔާރަށް ހުންނެވިކަން ރައީސް ޓްރަމްޕް އޭރު ވަނީ ހާމަކުރައްވާފަ އެވެ.