ދުނިޔެ

ހޮހޮޅާގައި ބާކީ ތިބި ކުދިން ސަލާމަތް ކުރަން ދިގު އިންތިޒާރެއް!

Jul 9, 2018

ތައިލަންޑް (ޖުލައި 9) - ތައިލަންޑުގެ ހޮހަޅައެއްގައި ދެ ހަފްތާ ވަންދެން ތާށިވެފައިތިބި 12 ކުދިންގެ ތެރެއިން މިހާތަނަށް ހަތަރު ކުއްޖަކު ރޭ ސަލާމަތްކުރެވިފައިވާ އިރު، އެ އޮޕަރޭޝަން މެދުކަނޑާލުމަށްފަހު އަލުން ފަށަން ވަނީ ތައްޔާރުވެފަ އެވެ.

ތައިލެންޑުގެ އުތުރުން ތޭމް ލުއާންގް ނޭންގް ނޮން ހޮހޮޅައަށް ޒުވާން ފުޓުބޯޅަ ޓީމެއްގެ 12 ކުޅުންތެރިން އެ ކުދިންގެ ކޯޗާއެކު ވަނީ ޖޫން 23 ގަ އެވެ. އެ ކުދިން ދިރިތިއްބާ ފެނިފައިވަނީ ނުވަ ދުވަސް ފަހުންނެވެ. 11 އަހަރާއި 16 އަހަރާއި ދެމެދުގެ އެ 12 ކުޅުންތެރިންނާއި 25 އަހަރުގެ ކޯޗު ހޮހޮޅައިގެ ތެރޭގައި ތާށިވެފައި ތިބިއިރު، އެ ޓީމު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ، ތައިލެންޑުގެ ސިފައިންގެ އިތުރުން އެމެރިކާ ސިފައިންނާއި ބޭރުގެ މަޝްހޫރު ޑައިވަރުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެ ކުދިން ނުނެރެވި ވަގުތު ކުޑަތަންވަމުން އަންނަކަމަށް ބުނެ ފެށި އޮޕަރޭޝަން ކުއްލިއަކަށް މެދުކަނޑާލުމުން ގިނަ މީހުންނަށް ވަނީ ހައިރާންކަން ލިބިފަ އެވެ.

ނަމަވެސް ޓީމުގެ ހަތަރު ކުއްޖަކު ސަލާމަތް ކުރުމަށްފަހު، މިހާރު އެ އޮޕަރޭޝަން މެދުކަނޑާލީ، އިކުއިޕްމަންޓުތައް ޗެކު ކުރުމަށާއި ވައި ފުޅިތައް އާ ކުރުމަށް ކަމަށް އެ ސަރަހައްދުގެ ގަވަރުނަރު ވަނީ ވިދާޅުވެފަ އެވެ.

އެނގިފައިވާ ގޮތުގައި ކުރިން ރޭވިފައިވާ ގޮތާއި ހިލާފަށް އިއްޔެ އޮޕަރޭޝަން ފެށީ، މޫސުން ތަންކޮޅެއް ރަނގަޅުވުމުން ކަމަށްވެ އެވެ.

އެ ކުދިން ސަލާމަތް ކުރަނީ ކިހިނެއް؟

ތައިލަންޑު ނޭވީން އާންމުކޮށްފައިވާ ޕްލޭނުގައިވާ ގޮތުން، ހޮހޮޅައިގެ ހަތަރު ކިލޯމީޓަރު އަޑިގައި ތިބި ކުދިން، ޑައިވްކޮށްގެން ނެރޭއިރު، ކޮންމެ ކުއްޖަކާއެކު ދެ ޑައިވަރުން ތިބޭނެ އެވެ. ނަމަވެސް، ރަނގަޅަށް ފަތަން ވެސް ނޭނގޭ، ޑައިވް ކުރުމުގެ އެއްވެސް ތަޖުރިބާ އެއް ނެތް ކުދިންތަކެއް ގޮވައިގެން ސަލާމަތުން ނެރުމުގެ ނުރައްކާ އަދިވެސް ވަރަށް ބޮޑު ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ. މި އޮޕަރޭޝަންގައި ބޭރުގެ 13 ޑައިވަރުންގެ އިތުރުން ތައިލަންޑު ނޭވީގެ ފަސް ޑައިވަރަކު މި އޮޕަރޭޝަންގައި ހަރަކާތްތެރިވެ އެވެ.

އެކުދިން ތިބި ސަރަހައްދަށް ގޮސް އެނބުރި ނުކުންނަން ޖުމްލަ 11 ގަޑިއިރު ހޭދަވެ އެވެ. އެއީ އެ ކުދިންނާއި ހަމައަށް ދާން ހަ ގަޑިއިރު އަދި އެނބުރި ނުކުންނަށް ފަސް ގަޑިއިރެވެ.

ވިއްސާރައިގެ ސަބަބުން، ހޮހޮޅައިގެ ތެރޭގައި އިތުރަށް ފެންބޮޑުވެއްޖެ ނަމަ، އެ ކުދިން ތިބި ހިސާބަށް އޮކްސިޖަން ފޯރުމަށް ހުރަސްއެޅޭނެ ކަމުގައި ވަނީ ބުނެފަ އެވެ. މިހާރު ވެސް އެ ސަރަހައްދުގައި ހުރި އޮކްސިޖަން ލެވެލް އަންނަނީ ދަށްވަމުންނެވެ.