ރިޕޯޓް

ރައްްޔިތުންގެ މަޖިލިސް: މާޔޫސްކަމާއި، ނާއުންމީދު!

Jul 12, 2018
7

ރާއްޖެ މިހާރު ދެކެމުން މިދަނީ މި ގައުމުގެ ދުސްތޫރީ ހަޔާތުގެ އެންމެ ތަފާތު ދުވަސްތަކޭ ބުނެވިދާނެ އެވެ. މިހާރު ހިގަމުން މިދާ ކަންކަމާ ފިކުރު ކުރާއިރު ދައުލަތުގެ މުޅި "ސިސްޓަމް" ގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް ހުރިކަން އެނގެ އެވެ.

ދައުލަތުގެ ހުރިހާ ބާރެއްވެސް ހިގަން ޖެހެނީ، އިސްލާމް ދީނާއި ފުށުނާރާ ގޮތެއްގެ މަތީން ކަމަށް ބަޔާންކޮށްފައި އެބަ އޮތެވެ. މިއީ އެގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ އެންމެ މުހިންމު އެއް އަސާސެވެ. ދީނާއި ސިޔާސަތަކީ ވަކި ކުރެވޭނެ ދެ އެއްޗެއް ނޫނެވެ.

ހުރިހާ ވިސްނުމަކާއި، މިޒާޖެއްގެ މީހުން މުޖުތަމައުއެއްގައި އުޅުމަށްޓަކައި އުސޫލުތަކެއް ހެދި އެއަށް އަމަލު ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. އެކަން ގަބޫލު ކުރެވި މުޖުތަމައުއެއްގައި އެންމެން އުޅެން އެއްބަސްވާ އެއްގޮތްތަކެއް އުސޫލުތަކެއްގެ ސިފައިގައި ލިޔެވި އެއާ ހިލާފަށް އުޅޭ މީހުންނަށް އަދަބު ދެވެނީ އެހެންވެ އެވެ. ވަކި ބަޔަކަށް އިސްތިސްނާއެއް ނުވެއެވެ. ވެރިންގެ ގޮތުގައި އައްޔަން ކުރާ ފަރާތްތަކުން ފެށިގެންގޮސް، އެންމެ އާދައިގެ މީހާއާއި ހަމަޔަށްވެސް ހިގާނީ އެއް ހަމައެކެވެ.

މިހެން އޮންނަ އިރު، ގާނޫނުތައް ހެދުމާއި، މުޖުތަމައުއަށް އަންނަ ބަދަލުތަކާއި ގުޅިގެން ރައްޔިތުންނަށް ފައިދާއާއި ލާބަ ހުރި ގޮތަކަށް އެ ގާނޫނުތަށް ބަދަލު ކުރުމުގެ ޒިންމާ ހަވާލުވެފައި މި އޮންނަނީ ރައްޔިތުންގެ މަޖިލީހަށެވެ.

އެ މަޖިލީހަކީ ކޮންމެ 5000 ރައްޔިތަކު ތަމްސީލު ކުރުމަށް މެމްބަރަކު އިންތިހާބުކޮށް، ދާއިރާތަކެއްގެ މައްޗަށް އެކުލަވާލާ މަޖިލީހެކެވެ. ގާނޫނު ހެދުމުގެ އިތުރުންވެސް ގާނޫނު އަސާސީގެ 70 ވަނަ މާއްދާއިން ރައްޔިތުންނާއި ގުޅުން ހުރި ބޮޑެތި ޒިންމާތަކެއް މަޖިލިހާ ވަނީ ހަވާލުކޮށްފަ އެވެ.

އެގޮތުން ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ށ) ގައި ރައްޔިތުންގެ މަޖިލީހުގެ މައްސޫލިއްޔަތު ތަކާއި ބާރުތައް ބަޔާންކޮށްފައިވާއިރު، ވެރިކަން ހިންގުމުގެ ބާރަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވާ، އެކަންކަން ކުރުމަށްޓަކައި ފިޔަވަޅުތަށް އެޅުން ހިމެނެއެވެ. އެހެން ނަމަވެސް، މި ފަހަކަށްއައިސް، އެމަޖިލީހުން ފާސްކުރާ ދަތެއްނެތް ގާނޫނު ތަކޭ އެއްފަދައިން އެ މަޖިލިސްވެސް މިވަނީ ޕެރަލައިޒްވެފަ އެވެ.

ރައްޔިތުންގެ ހައްގުތަކާއި، އުމްމީދުތައް ގުޅިފައިވާ އެ ބިޔަ ބޮޑު މުއައްސަސާ ބޮއްސުންލައި ދައުލަތުގެ ހަގީގީ ވެރިން ކަމުގައިވާ ރައްޔިތުންނަށް އެ މުއްސަސައަށް ބާރު ނުފޯރުވޭ ހިސާބަށް ހާލަތު ގޮސްފައިވާ އިރު، "މިގައުމުގެ ހާލަތު ދެން ބަދަލެއް ނުވާނެ. ގައުމު ރަނަގަޅެއް ނުވާނެ"އޭ ބުނާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް މިދަނީ އިތުރުވަމުންނެވެ.

ރައްްޔިތުން އުމްމީދު ކުރި ގޮތާއި މުޅީން ހިލާފަށް އަދި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހަމަތަކާއިވެސް ހިލާފަށް އެ މަޖިލިހުން އަމަލު ކުރުމުގެ ސަބަބުން ރައްޔިތުންނަށް ވަނީ ވަރަށް ބޮޑު ނިކަމެތިކަމެއް ލިބިގެންގޮސްފައެވެ. މަޖިލީހުގެ މެމްބަރުން ތަކަކަށް މަޖިލީހަށް ނުވަދެވި ދެބައިކުޅަ އެއްބަޔަށްވުރެވެސް މަދު އަދަދަކުން ރައްޔިތުންގެ ކަންކަން ނިންމަމުން ގެންދިއުމަކީ ގަބޫލު ކުރެވޭ ކަންކަމެއް ނޫނެވެ.

ރައްޔިތުންގެ މަޖިލިސް އޭގެ ޒާތުގައި ނުވަތަ، ލިޔެވިފައިވާ ގޮތަށް ހިގައިގެން މެނުވީ މި ގައުމަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ސިޔާސީ ގޮތުންވެސް، އަދި އިޖުތިމާއީ ގޮތުންވެސް، އިގްތިސާދީ ގޮތުންވެސް ހަމަޖެހުމެއް ލިބެން އޮތީ މަޖިލީހުގައި އަޅުވާފައިވާ އަޅުވެތިކަމުގެ ޓެގް ނައްޓާލާ، ރައްޔިތުންގެ ތަނަކަށް އެތަން ހެދިގެންނެވެ.