ކުޅިވަރު

އިންގްލެންޑްގެ ސިއްރަކީ ގާޑިއޯލާގެ ރަނގަޅު ނުފޫޒު

ވޯލްޑްކަޕުގައި އިންގްލެންޑުން ހޯދަމުންދާ ކާމިޔާބު ސިއްރަކީ، އިނިގިރޭސި ޓީމުގައި މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާގެ ރަނގަޅު ނުފުޒު އޮތުން ކަމަށް ގައުމީ ޓީމުގެ ކުރީގެ މިޑްފީލާޑާ ޕައުލް ސްކޯލްސް ބުނެފި އެވެ.

މެންޗެސްޓާ ޔުނައިޓަޑްގެ ލެޖެންޑް ބުނީ، އިނގިރޭސި ވިލާތުގައި އެންމެ ރަނގަޅު ފުޓްބޯޅައެއް ކުޅެނީ މެންޗެސްޓާ ސިޓީން ކަމަށެވެ.

"[އިނިގިރޭސި ގައުމީ ޓީމު ކޯޗް] ގެރެތު ސައުތުގޭޓް ދިޔަ ޕެޕް [ގާޑިއޯލާ] ގާތަށް އެ ސްޓައިލްގެ ފުޓްބޯޅަ ކުޅުވާގޮތް ދެނެގަންނަން،" ބީއިން ސްޕޯޓްސްއަށް ދިން އިންޓަވިއުގައި ސްކޯލްސް ބުންޏެވެ.

"ހަމަޔަގީނުންވެސް ގާޑިއޯލާގެ ނުފޫޒު އެބައޮތް ގައުމީ ޓީމުގައި، ސެންޓްރަލް ތިން ޑިފެންޑަރު ކުޅޭ ގޮތާއި، ގޯލްކީޕަރު ކުޅޭ ގޮތް ބަލާލީމަ ފެންނާނެ އެކަންތައް."

އޭނާ ބުނީީ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔެއްގެ ހައިސިއްޔަތުންނާއި ޓީމުގެ ސަޕޯޓަރެއްގެ ހައިސިއްޔަތުން އޭނާ ބޭނުންވަނީ އެންމެ ރަނގަޅު ފުޓްބޯޅަ ކުޅޭ ޓީމަށް އިންގްލެންޑް ވުން ކަމަށެވެ.

"ސްޕެއިން ކުޅޭ ވަރަށް ރަނގަޅު ފުޓްބޯޅަ، މެންޗެސްޓާ ސިޓީ އެބަކުޅޭ ވަރަށް ރަނަގަޅު ފުޓްބޯޅަ، ކީއްވެ އަހަރެމެން އެގޮތް ކޮޕީ ނުކުރަންވީ."