އިސްލާމިކް ޔުނިވާސިޓީ، އައިޔޫއެމްގެ ވައިސް ޗާންސެލާގެ މަގާމަށް ހދ. ވައިކަރަދޫ، ބުލޫހައުސް، އާއިޝަތު ހަލީލާ އަބްދުއްސައްތާރު، އައްޔަން ކުރައްވައިފިއެވެ.
އެ މަގާމަށް ހަލީލާ މިއަދު އައްޔަން ކުރައްވާފައިވާއިރު އައިޔޫއެމް ހިންގެވުމުގެ ކަންކަމާ މިއަދުން ފެށިގެން ހަވާލު ވާނީ ހަލީލާ އެވެ.
ހަލީލާއަށް ވައިސް ޗާންސެލާގެ މަގާމު ދެއްވީ އައިޔޫއެމްގެ ޗާންސެލާ އަދި އެކްޓިން ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓްކަން ދެއްވާފައިވާތީ އެވެ.
ޝަހީމް ވަނީ އެ މަގާމުން އިސްތިއުފާ ނުދެއްވަން ނިންމަވާފަ އެވެ. އެގޮތަށް ޝަހީމް ނިންމެވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްތިއުފާ ނުދެއްވަން އެންގެވުމުންނެވެ.
ޝަހީމް ވިދާޅުވީ ރައީސް އެގޮތަށް އެންގެވުމުން ބަންޑާރަ ނައިބުގެ ލަފާއެއް ވެސް ހޯދާފައިވާ ކަމަށާއި އެ މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ގާނޫނީ ހަމައެއް ނެތް ކަމަށް އެ އޮފީހުން ލަފާ ދެއްވާފައިވާ ކަމަށެވެ.
އިސްލާމިކް ޔުނިވާސިޓީއަށް މިއަދު ވައިސް ޗާންސެލާއެއް ހަމަޖެހިގެންދާނެ ކަމަށާއި ޔުނިވާސިޓީ ހިންގުމުގެ ހުރިހާ ކަމެއް ކުރައްވާނީ ވައިސް ޗާންސެލާ ކަމަށް ޝަހީމް ވިދާޅުވި އެވެ. އޭނާގެ ދައުރަކަށް ވާނީ އެޑްވައިޒަރެއްގެ ދައުރު ކަމަށާއި ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިނަށް އެ މަގާމުގެ ސަބަބުން އެއްވެސް ބުރުލެއް ނާރާނެ ކަމަށެވެ.
ޝަހީމް ވިދާޅުވީ، އިސްލާމިކް ޔުނިވާސިޓީއަކީ ރައީސް ޔާމީންގެ ވަރަށް ބޮޑު މަޝްރޫއެއް ކަމަށާއި އެ މަޝްރޫއު ހިންގުވެމުގައި ޝަހީމް ހުންނެވުމަށް ރައީސް ޔާމީން ބޭނުންފުޅުވާ ކަމަށެވެ.