ހަބަރު

ޗާންސެލާގެ މަގާމުން ޑރ. ޝަހީމް އިސްތިއުފާ ދެއްވައިފި

އިސްލާމިކް ޔުނިވާސިޓީ، އައިޔޫއެމްގެ ޗާންސެލާގެ މަގާމުން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ. ޑރ. ޝަހީމް އިސްތިއުފާ ހުށަހެޅުއްވީ މީގެއިރުކޮޅެއް ކުރިންނެވެ.

ޗާންސެލާގެ މަގާމަކީ ރައީސް އައްޔަން ކުރައްވާ މިނިސްޓަރު ފެންވަރުގެ މަގާމެކެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ އިއްޔެ ވަނީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި ޑރ. ޝަހީމަކީ ނިމިގެންމިދާ ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. އިސްލާމިކް ޔުނިވާސިޓީ އުފެއްދުމުގެ މަސައްކަތުގައި މިނިސްޓަރުގެ ހައިސިއްޔަތުން ވެސް ޑރ. ޝަހީމް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. ޔުނިވާސިޓީ އުފެއްދުމަށް ހެދި ކޮމެޓީގެ ރައީސްއަކީ ވެސް ޑރ. ޝަހީމެވެ.

އިސްލާމިކް ޔުނިވާސިޓީ ފުރަތަމަ އުފެއްދުމަށްފަހު އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާގެ މަގާމާ ޑރ. ޝަހީމް ހަވާލުވެވަޑައިގަތެވެ. އަދި ޔުނިވާސިޓީ ހިންގުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. ޗާންސެލާގެ މަގާމަށް ވަޑައިގެންނެވީ އެ މަގާމުގައި ހުންނެވި، ޑރ. ޒާހިރު ހުސެއިން މަގާމުން ވަކިކުރަން ރައީސް ޔާމީން ނިންމެވި ހިސާބުންނެވެ.

ޑރ. ޝަހީމް ވަނީ ޔުނިވާސިޓީގެ ކައުންސިލް މެންބަރުންނާ ބައްދަލު ކުރައްވައި އޭނާއަށް ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވާފަ އެވެ.

ރިޔާސީ އިންތިހާބަށްފަހު ޑރ. ޝަހީމް ސިޔާސީ މަސައްކަތްތައް އެއް ފަރާތް ކުރެއްވުމަށްފަހު އުޅުއްވީ ޔުނިވާސިޓީގެ މަސައްކަތްތަކުގަ އެވެ. އެގޮތް އިހްތިޔާރުކުރީ ގައުމުގެ ހަމަޖެހުމަށް ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުން ސިޔާސީ މަސައްކަތަށާއި ދީން ކުރިއެރުވުމުގެ މަސައްކަތަށް މި މަހުގެ ތެރޭގައި އޭނާ އަލުން ނުކުންނަވާނެ އެވެ.