ސަރުކާރު ފަރާތުން ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)ގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް ގެންނަން ނުޖެހޭނެ ގިނަ ސަބަބުތަކެއް ފާހަގަ ކުރައްވާ، އައިޔޫއެމްއަކީ އުވާލެވޭނެ ޔުނިވާސިޓީއެއް ނޫން ކަމަށް އެ ޔުނިވާސިޓީގެ ކުރީގެ ޗަންސަލާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އައިޔޫއެމް އާއި ގައުމީ ޔުނިވާސިޓީގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގައި މައިގަނޑު ގޮތެއްގައި ވަނީ އެ ދެ ޔުނިވާސިޓީގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ހުށަހަޅައިފަ އެވެ. ނަމަވެސް އެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ކުރި އިރު މެޖޯރިޓީ އޮތް އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީއަކަށް އިސްލާމިކް ޔުނިވާސިޓީ ހަދަން ވާހަކަ ދައްކަވާ ތާއީދު ކުރައްވާފަ އެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާ މަޝްހޫރު އިލްމުވެރިޔާ ޝަހީމް ވިދާޅުވީ ޔުނިވާސިޓީގެ ހުރިހާ ވެރިން ރައީސުލްޖުމުހޫރިއްޔާ އައްޔަން ކުރައްވާ ގޮތަށް އޮތުމަކީ އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަމަށާއި އޭގެ ސަބަބުން އެމީހެއްގެ ތަޖުރިބާ އާއި ތައުލީމީ ފެންވަރަށް ބަލައި، އެންމެ ގާބިލް މީހާއަށް ފުރުސަތު ދެވޭނެ ކަމަށެވެ.
ޔުނިވާސިޓީގެ ކައުންސިލަށް އެ ބާރު ދީފި ނަމަ އެކަޑެމިކް ޑީވީސީ، އެޑްމިން ޑީވީސީ އަދި ރިސާޗް ޑީވީސީ ފަދަ ޔުނިވަސިޓީގެ ހައްސާސް މަގާމުތަކަށް ކައުންސިލުން ހޮވާ މީހުންގެ ވާދަ ވެރިކަން ބޮޑުވާނެ ކަމަށާއި ރިޝްވަތު ދެވޭ ހިސާބަށް ހިނގައިދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި ދީނީ ގޮތުން ހަރުކަށި ހިޔާލުގެ މީހުންނާއި ޔުނިވާސިޓީގެ ވިސްނުމާ ދުރު އަލްމާނީ މީހުން ޔުނިވަސިޓީގެ މައްޗަށް ގަދަވެގަތުމުގެ ފުރުސަތު ވެސް ފަހި ވެގެންދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"މިއީ ފަހުން ވަރަށް ނުރައްކާތެރިކަމަކަށް ވެސް ވެދާނެ. ދެވަނަ ކަމަކަށް ކައުންސިލްގެ މެމްބަރުންގެ އަދަދު އިތުރު ކުރުމަކީ ވެސް ޔުނިވާސިޓީ ހިންގަން ދަތިވާނެ ކަމެއް. އެއީ ޖަލްސާތައް ބާއްވާ ކޯރަމްގެ އަދަދު ވެސް އިތުރުވެގެން ދާނެ، އެވަރަށް މީހުން ގިނަ ފަހަރު ހާޒިރު ނުވެވޭ. މިފަދަ ކޫސަނި ބަދަލުތައް ގެނައުމުގެ ހިކުމަތަކީ ކޮބައިބާ،" އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އިސް މުޝީރު ކަމާއި އޯއައިސީގެ ފިކުރީގެ ގޮފީގެ ވެރިޔާގެ މަގާމުގައި ހުންނެވި ޝަަހީމް ވިދާޅުވި އެވެ.
ގައުމީ ޔުނިވާސިޓީގެ ފެކަލްޓީއަކަށް އިސްލާމިކް ޔުނިވާސިޓީ ހަދަން ނުޖެހޭ ހަ ސަބަބެއް ވެސް ޝަހީމް ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން އިސްލާމީ ޝަހުސިއްޔަތު ރަމްޒުކޮށް ދިނުމަށް އައިޔޫއެމް ފަދަ ޔުނިވާސިޓީއެއް ހުރުން މުހިންމު ކަމަށާއި ހިލާފީ މައްސަލަތަކުގައި އިލްމީ ގޮތުން ފަހު ބަސް ބުނާނެ ތަނަކަށް ވެސް އިސްލާމީ ޔުނިވާސިޓީ ވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޔުނިވާސިޓީ ތަރައްގީ ކުރެވިއްޖެ ނަމަ ރާއްޖެއަށް އިގްތިސޯދަށް ފައިދާ ކުރާނެ ކަމަށާއި ބޭރު ގައުމުތަކުން ރާއްޖެއަށް ކިޔަވަން އަންނަ ފެންވަރަށް އެތަން ބަދަލު ކުރެވޭނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. އަދި އިސްލާމީ ތައުލީމު ކުރިއަރުވަން އެނގޭނީ އެ އިލްމު ހުރި މީހުންނަށް ކަމަށާއި ގައުމީ ޔުނިވާސިޓީގެ ވެރިންނަކީ އިސްލާމީ ތައުލީމްގެ ތަހައްސުސް ބޭފުޅުން ނޫން ކަމަށް ޝަހީމް ފާހަގަ ކުރައްވާފައި ވެއެވެ.
އޭގެ އިތުރުން ގާނޫނީ ފެކަލްޓީ އާއި އިސްލާމީ ފެކަލްޓީ އެއް ކުރުމަކީ ދުނިޔޭގެ އެއްވެސް ޔުނިވާސިޓީއަކުން ކޮށްފައިވާ ކަމެއް ނޫން ކަމަށާއި އިސްލާމީ ފެކަލްޓީތަކުގައި ހުންނަން ޖެހޭނީ އޭގެ އިލްމު ހުރި ޑީންއަކާއެކު ތަފާތު ތަނެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އުސޫލީ ބަދަލެއް ގެންނަން ބޭނުން ނަމަ ގައުމީ ޔުނިވާސިޓީގައިވާ އިސްލާމީ ކުއްލިއްޔާ އުވާލައި އެބައި އައިޔޫއެމްގެ ދަށަށް ބަދަލު ކުރަން ފެންނަ ކަމަށެވެ. އަދި އެ ޔުނިވާސިޓީގައި އޮންނަންވީ ހަމައެކަނި އިސްލާމީ ތައުލީމްގެ ޕޯސްޓް ގްރެޖުއޭޓްގެ ބައި ނުވަތަ ޕީއެޗްޑީ ކަމަށާއި އެއީ ބްރޫނާއީގެ މޮޑަލްއެއް ކަމަށެވެ. އަދި ރާއްޖެއަށް ވެސް އެންމެ މުނާސަބު ގޮތަކީ އެއީ ކަމަށް ޝަހީމް ވިދާޅުވި އެވެ.