އިސްލާމިކް ޔުނިވާސިޓީ

ޓްރާންސިޝަން އަމާންކޮށް ގެންދަން އެއްބާރުލުން ދޭން ޝަހީމް ވައުދުވެއްޖެ

Oct 18, 2018
17

ވެރިކަން ބަދަލުވުމުގެ މަރުހަލާ އަމާންކޮށް ކުރިއަށް ގެންދިޔުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދެއްވައިފި އެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ފަރާތުން މިއަދު އިސްލާމިކް ޔުނިވާސިޓީއަށް ވަނީ ވަފުދެއް ވަޑައިގެންފަ އެވެ. ވަފުދުގައި އިސްކޮށް ތިއްބެވީ ޑރ. މުސްތަފާ ލުތުފީ އާއި އިބްރާހިމް އިސްމާއިލެވެ.

އެ ވަފުދަށް އިސްލާމިކް ޔުނިވާސިޓީއިން މަރުހަބާ ދެންނެވީ ޗާންސެލާ ޝަހީމެވެ. އޭނާއަކީ އިބްރާހިމް މުހައްމަދު ސޯލިހުއާ ވާދަ ކުރެއްވި ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި އިންތިހާބުގައި ވާދަ ވެސް ކުރެއްވި ބޭފުޅާ އެވެ.

އިސްލާމިކް ޔުނިވާސިޓީއިން މިއަދު ބުނީ، އެ ޔުނިވާސިޓީއާ ބެހޭ މައުލޫމާތުތަކާއި ތަސައްވުރާ ގުޅޭ ގޮތުން ވަފުދަށް ޕްރެޒެންޓޭޝަނެއް ދީފައިވާނެ ކަމަށެވެ. އަދި، ވެރިކަން ބަދަލުވުމުގެ މަރުހަލާ އޮމާންކޮށް ކުރިއަށް ގެންދިޔުމަށް ޔުނިވާސިޓީއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ޝަހީމް، ވަފުދަށް އަރުއްވާފައިވާ ކަމަށް ވެސް ބުންޏެވެ.

ރިޔާސީ އިންތިހާބަށްފަހު ސިޔާސީ ހަރަކާތްތަކުން ޝަހީމް ފެނުން ވަނީ މަދުވެފަ އެވެ. ނަމަވެސް އިސްލާމިކް ޔުނިވާސިޓީގެ މަސައްކަތްތަކުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.