ހަބަރު

ރާއްޖެ ދެކޭ އެންމެ ވަފާތެރި ނައިބު ރައީސަށް ވާނަން: ޝަހީމް

މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ، ރާއްޖޭގެ ތާރީހުގައި އެމީހެއްގެ ވަފާތެރިކަމުގެ މިސާލު ނެގޭ ނައިބް ރައީސަކަށް ވެވަޑައިގަންނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އޮފީިހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް ވިދާޅުވީ، ރާއްޖޭގެ ވަލިއްޔުލް އަމުރު އެދިވަޑައިގެން އެދިވަޑައިގަތުމަކީ ވަރަށް މަތިވެރި އެދިވަޑައިގަތުމެއް ކަމަށާއި ރައީސްގެ ރަނިންމޭޓް ކަމުގެ މަތިވެރިކަމަށްޓަކައި އެއްވެސް ޝަރުތެއްނެތި އެކަން ގަބޫލު ކުރެއްވި ކަމަށެވެ. އަދި ވިދާޅުވީ، އެކަން ކުރެއްވީ ރާއްޖެއާއި ބޭރުގެ ބައެއް ދީނީ ބޭފުޅުންނާއި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

ޝަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ފަހަތަށް އެރުމުގައި ޖެހި މާކުހުން ފުދޭ ކަމަށާއި އިތުބާރު އެބައޮތް ކަމަށެވެ. އަދި ރައީސް އަށް ވަރަށް ވަފާތެރި މީހެއްގެ ގޮތުގައި ހުންނާނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

"ރައީސް ޔާމިން އެދިވަޑައިގެންނެވީ އިސްލާމީ ކަންތައްތަކާއި އިސްލާމީ ވަހުދަތް ދެމެހެއްޓުމަށްޓަކައި ޝަހީމްގެ އެހީ ބޭނުންވާ ކަމަށް، ރައީސް ޔާމީން މިހާތަނަށް އިސްލާމީ ކަންކަމުގައި ވެދެއްވާފައިވާ އެހީތެރިކަމަށް ބިނާކޮށް އަޅުގަނޑު އެމަނިކުފާނަށް ވަރަށް ފުރިހަމައަށް އިތުބާރު ކުރަން، އަޅުގަނޑަށް ވަރަށް ބޮޑަށް އެހީތެރިކަން ރައީސް ދެއްވާފައިވާތީވެ، އިސްލާމީ ކަންކަން ގާއިމް ކުރުމުގައި އެކަމަނިކުފާނު ހުށަހެޅި ކޮންމެ ވަގުތަކު އާނއެކޭ ބުނުމުން، ދެން އަޅުގަނޑު ކުރިމަތިލާން ޖެހުނު ދަތިކަމެއް އެކަމުގައި ނެތަތީ މިފަހަރުވެސް (ރަނިންމޭޓް) ކަމުގައި އިތުބާރު އެބައޮތް ރައީސް އެހީތެރިކަން ދެއްވާނެ ކަމަށް،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ރާއްޖޭގެ ހުރިހާ އިސްލާމީ ކަމެއް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ރައީސް އެމަނިކުފާނާއި ހަވާލުކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށާއި މިއީ ރަނުގެ ފުރުސަތެއް ކަމަށާއި އެކަން ދެމެހެއްޓުމަށްޓަކައި މަސައްކަތް ކޮށްދިނުމަށެވެ.

"ރާއްޖޭގެ ހުރިހާ އިލްމުވެރިންނަށް ގޮވާލަނީ އަޅުގަނޑުމެން ފަހަތަށް އެރުމެއް، މިތިބީ އިސްލާހަށްޓަކައި ނިކުމެ، އިސްލާހަށްޓަކައި އޮތް ފަޅިއަކީ މިއީ، މިފަޅިއަށް އަރުއްވާ، މިއީ އިލްމުވެރިން އެކަތި ގަނޑަކަށް ވާން ޖެހޭ ވަގުތު،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، ރައީސް ޔާމީނަކީ ވަރަށް ވަރުގަދަ ޝަހުސިއްޔަތެއް ކަމަށާއި ރާއްޖޭގެ ތާރީހުންވެސް ފެންނާނެ ވަރަށް ނާދިރު ޝަހުސިއްޔަތެއް ކަމަށެވެ. އަދި ރައީސް ޔާމީނަކީ ވަރަށް ގަޓު ހުރި ވެރިއެއް ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ، މިފަދަ ވެރިއެއްގެ ފަހަތުގައި އިލްވެރިން ތިބެގެން މަސައްކަތް ކުރައްވައިފިނަމަ، ވަރަށް ގިނަ ކަންތައްތައް ހެޔޮފާލަކަށް އެޅިގެންދާނެ ކަމަށާއި ހުރިހާ ބޭފުޅުން އެކަތި ގަނޑަކަށްވެ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކޮށްދިނުމަށެވެ.

"ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ފުރަތަމަ ބުރުން މި އިންތިހާބު ތަނަވަސް އަގުލަބިއްޔަތަކުން ކާމިޔާބު ކުރެވޭނެ ކަމުގެ، ބިޔަ މަޝްރޫއުތަކާއި ޒުވާނުންނަށް ހުޅުވާލެވިފައިވާ ފުރުސަތުތައް ދެމެހެއްޓޭނީ ރައީސް ޔާމީނަށް ފުރުސަތު ދީގެން، ޔޫތް ސިޓީއާ ޒުވާނުންނަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކުރެވޭ ތަންތަނާއި ހޮސްޕިޓަލްތަކާއި، ވޭތުވެދިޔަ ތިން އަހަރު ހުޅުވުނު ރިސޯޓްތަކާއި، މި ބިޔަ ބޮޑެތި މަޝްރޫއުތަކަކީ ލޯން ނަގައިގެން ހިންގާ މަޝްރޫއުތަކެއް ކަމުން، ލޯނު ނަގާ މީހާއަށް އިނގޭނީ ލޯނު ދައްކަން،" ޝަހީމް ވިދާޅުވި އެވެ.

އިދިކޮޅުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ޝަހީމް ވިދާޅުވީ، އިދިކޮޅުން ބޭނުންވަނީ ދޮޅު އަހަރުގެ ވެރިކަމެއް ގެންނަން ކަމަށާއި އެ ދޮޅު އަހަރަށްފަހު އެހެން މީހަކު ގެންނަން ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖެ ދާނީ ފަހަތަށް ކަމަށާއި މުޅި ގައުމުގައި އޮންނާނީބ ސިޔާސީ ހަމަނުޖެހުން އުފެދޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ދޮޅު އަހަރުގެ ވެރިކަމެކޭ، ދޮޅު އަހަރަށްފަހު އެހެން މީހަކު ގެންނަށޭ މިޖެހެނީ ދެން އަނެއްކާ އަހަރުމެންދާނީ ފަހަތަކަށްނޫން ހެއްޔޭ، މުޅި ގައުމުގައި އޮންނާނީބ ސިޔާސީ ހަމަނުޖެހުން ނޫންތޯ، މިކަންތައްތައް އެބަޖެހޭ ނިމުމަކަށް ގެންނަން، މިކަން ނިންމަން ޖެހޭ ވަގުތަކީ މިއީ،" ޝަހީމް ވިދާޅުވި އެވެ.

ކޯލިޝަނަށް ފާޑު ވިދާޅުވެ ޝަހީމް ވިދާޅުވީ، ތަފާތު ފިކުރުތަކަށް އެކުލެވޭ ކޯލިޝަން ތަކަކީ ކާމިޔާބު އެއްޗެއް ނޫން ކަމަށާއި އެކަން ވަނީ ތަޖުރިބާ ކޮށްފައި ކަމަށެވެ. އެކޯލިޝަން ތަކުގެ އުންމީދުތައް އެއްފަރާތް ކޮށްލާފަ ވަރުގަދަކަމާއެކު ކުރިއަށްދާ ނިޒާމާއެކު ތިބެން ޖެހޭ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އެހެންވީމަ މި ދަންނަވަނީ ހުރިހާ ބޭފުޅުން މިފަޅިއަށް އަރާށޭ، މިއީ އެންމެން އަރަންޖެހޭ ފަޅި، ހުރިހާ ޕާޓީތަކެއްވެސް އަރަންވީ މިފަޅިއަށް، އަޅުގަނޑު މި ނިކުތީ ރާއްޖޭގެ ގިނަ އިލްމުވެރިން މިކަން ކުރުމަށް ވަސިއްޔަތް ކުރުމުން މިކަމުގައި ކުރިއަށް ދިއުމަށް އަޒުމް ކަނޑައަޅައިގެން، ފުރުސަތުދީފި ނަމަ އިސްލާމްދީން ވަރުގަދަ ކުރާނަން، ރައްޔިތުން އެއްބައިވަންތަ ކުރާނަން، ޒުވާނުންނަށް ތައުލީމީ އެތައް ފުރުސަތުތަކެއް ގާއިމް ކޮށްދޭނަން،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، އިދިކޮޅު ކެނޑިޑޭޓުންވެސް ވޯޓް ދެއްވާނީ ރައީސް ޔާމީނަށް ކަމަށާއި އިދިކޮޅު ފަރާތްތަކުގެ ވޯޓާއެކު އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.