ބޭރު ކުޅިވަރު

ފަސޭހަކަމާއެކު ވިލާ ބަލިކޮށް އާސެނަލް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ދިފާއުކޮށްފި

އެފްއޭ ކަޕްގެ ފައިނަލްގައި މިރޭ އެސްޓަން ވިލާ އަތުން 4-0 އިން މޮޅުވެ، އާސެނަލް ޖެހިޖެހިގެން ދެވަނަ ފަހަރަށް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ފުރަތަމަ ހާފުގައި އާސެނަލް އިން ނުރައްކާތެރި ހަމަލާތަކެއް އުފެއްދި ނަމަވެސް، އެ ޓީމަށް ވިލާގެ ގޯލަށް ބޯޅަ ވައްދާލެވުނީ ހާފު ނިމެން ފަސް މިނިޓަށްވެފައި ވަނިކޮށެވެ. މެޗުގެ 40 ވަނަ މިނިޓުގައި އާސެނަލް އަށް ލީޑު ހޯދައިދިނީ ތިއޯ ވޮލްކޮޓެވެ.

އަދި ދެވަނަ ހާފުގެ ކުރީކޮޅު އާސެނަލްގެ ދެވަނަ ލަނޑު ޖެހީ ޗިލީގެ ފޯވަޑް އެލެކްސިސް ސަންޗޭޒް އެވެ. ޕެނަލްޓީ އޭރިޔާ ބޭރުން ސަންޗޭޒް ފޮނުވާލި ބާރު ޝޮޓް ދިފާއުކުރުމަށް ވިލާގެ ތަޖުރިބާކާރު ގޯލްކީޕަރު ޝޭ ގިވަން އަށް މާ ބޮޑު ފުރުސަތެއް ނުލިބުނެވެ.

މެޗުގެ 62 ވަނަ މިނިޓުގައި އާސެނަލްގެ ތިން ވަނަ ލަނޑު ޖެހީ ޖަރުމަންގެ ޑިފެންޑަރު ޕާ މާޓަސެކާ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އާސެނަލްގެ ހަތަރު ވަނަ ލަނޑު ޖެހީ ފްރާންސްގެ ފޯވަޑް އޮލިވިއޭ ޖިރޫ އެވެ.

މިއީ އާސެނަލް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދި 12 ވަނަ ފަހަރެވެ. މިއީ އާ ރެކޯޑެކެވެ. އަދި މިއީ އާސެނަލްގެ ކޯޗު އާސެން ވެންގާގެ އިރުޝާދުގެ ދަށުން އެ ޓީމު އެފްއޭ ކަޕް ކާމިޔާބުކުރި ހަ ވަނަ ފަހަރެވެ.

"މިއީ ވަރަށް ބޮޑު އުފަލެއް،" ވެންްގާ ބުންޏެވެ. "އާސެނަލް އަކީ ރަނގަޅު ޓީމެއްކަން ސާބިތުކޮށްދީފިން. ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުންނަށް މަރުހަބާ ކިޔަން." -- ބީބީސީ