ވިޔަފާރި

އެނބޫދޫ ލެގޫންގައި ހަދާ ޔޮޓްމެރީނާ އަބޫ ދާބީގެ ކުންފުންޏަކަށް

Jul 9, 2018
1

ތައިލެންޑުގެ ސިންހަ އެސްޓޭޓް ކުންފުނިން އެނބޫދޫ ފަޅުގައި ހަދާ، ލަގްޒަރީ ޔޮޓް މެރީނާ މެނޭޖުކޮށް ބަލަހައްޓަން، އަބޫދާބީގެ ކުންފުންޏަކަށް ހަވާލުކޮށްފި އެވެ.

ޓްރޭޑް އެރެބިއާ ނިއުސްގައިވާ ގޮތުން، ކްރޮސް ރޯޑްސްގެ ނަމުގައި ކ. އެނބޫދޫފަޅު ތަރައްގީކުރާ ޔޮޓް މެރީނާގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އަބޫދާބީގެ ކުންފުންޏެއް ކަމަށްވާ ޖަލްބޫތު ހޯލްޑިންއާ އެވެ. މި މަޝްރޫއުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.

އެ ނޫހުގައިވާ ގޮތުން ޖަލްބޫތު ކުންފުނިން އެނބޫދޫ ފަޅުގައި ހަދާ ޔޮޓްމެރީނާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި އެނބޫދޫ ފަޅާ ދެމެދު ޗާޓަރު ޔޮޓުގެ ހިދުމަތާއި އިލެކްޓްރިކް ފެރީގެ ހިދުމަތްވެސް ދޭނެ އެވެ. އެ ކުންފުނިން ފަރުމާކުރާ ފުލް އެއާކޮންޑިޝަން ފެރީތަކުގައި ދުވާލެެއްގެ މައްޗަށް 4،000 ފަސިންޖަރުންނަށް ދަތުރުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި މިތަނުގައި ގާއިމްކުރާ ވަސީލަތްތައް ހުންނާނީ ތިމާވެއްޓާއި ރަހުމަތްތެރި ގޮތަކަށެވެ.

ރާއްޖޭގެ ޓޫރިޒަމް 44 އަހަރުވީ ތާރީހުގައި ހިންގާ އެންމެ ބިޔަ މަޝްރޫއުގެ ދަށުން، ވަކިވަކި ލައިފްސްޓައިލް ކޮންސެޕްޓްތަކަށް ނުވަ ރަށެއް ތަރައްގީކުރާނެ އެވެ. މިތަނުން ފުރަތަމަ ރިސޯޓު މި އަހަރު ހުޅުވާނެ އެވެ.

މި މަޝްރޫއުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ތިން ރަށެއް ތަރައްގީކުރާއިރު މި ތަންތަނަށް 311.5 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާ) އިންވެސްޓް ކުރާނެ އެވެ. މި މަޝްރޫއުގެ ދަށުން ހިންގާ ރިސޯޓުތަކުގައި ޖުމުލަ 1،300 ކޮޓަރި ހުންނާނެ އެވެ. އަދި މި މަޝްރޫއާއެކު 7،000 ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސްޕީޑް ލޯންޗުގައި 10 މިނެޓުން ދެވޭ ރާސްތާގައި ތަރައްގީ ކޮށްފައިވާ އެނބޫދޫ ލެގޫން މަޝްރޫއު ތަރައްގީކުރަނީ 3،000 ކޮޓަރި ހުންނާނެ ގޮތަށެވެ.