ކުޅިވަރު

މާޒިޔާ ބަލިކޮށް ނިއު ރޭޑިއަންޓް ކުރީގެ މަގާމަށް

މާޒިޔާގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް އަލުން ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މިދިޔަ އަހަރުވެސް ދިވެހި ޕްރިމިއާ ލީގްގައި، އެންމެ ވާދަވެރިކޮށް ފެނުނީ، ނިއު އާއި މާޒިޔާގެ ކުރިމަތި ލުމެވެ. މިދިޔަ އަހަރު ފުރަތަމަ ބުރުގެ މެޗު ނިއުގެ މައްޗަށް މާޒިޔާއިން ކާމިޔާބު ކުރި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި، ރޭ ކުޅުނު މެޗުގައި، ފުރަތަމަ ހާފުގައި ނިއުގެ ފޯވަޑް މުހައްމަދު އުމޭރުއަށް އަނިޔާވެ އޭނާ ބަދަލު ކުރަން ޖެހުނެވެ. ނަމަވެސް ނަތީޖާ ނެރުމުގައި ނިއުއަށް މައްސަލައަކަށް ނުވި އެވެ. ނިއުގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ، ޑިފެންޑަރު އަހްމަދު އަބްދުﷲ (ލިލީ) އެވެ. އޭނާ ލަނަޑު ޖެހީ މެޗުގެ 26 ވަނަ މިނެޓްގަ އެވެ.

މިފަހަރުގެ ޓްރާންސްފާ ޕީރިއަޑްގައި ނިއުއަށް ގެނައި ތުރުކްމެނިސްތާންގެ މިޑްފީލްޑާ އާމިރު ގާބާނީ އޭރިއާގެ ބޭރުން ނަގައިދިން ބޯޅަ، ލިލީ ވަނީ މާޒިޔާގެ ގޯލް ކުރިމަތީގައި ހުހަށް ހުރެ ބޮލުން ގޯލްގެ ކަނަށް ވައްދާލާފަ އެވެ.

ނިއު އިން ލީޑް ނެގުމުގެ ކުރިން، މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. މެޗުގެ 14 ވަނަ މިނެޓްގައި ކޯނޭލިއަސް ސްޓެވާޓް (ކޯނޭ) އޭރިއާގެ ބޭރުން، ގޯލް ކުރިމައްޗަށް ނަގައިދިނުމުން އަސަދުﷲ ވަނީ ވަރަށް ހުސްކޮށް ހުރެފައި ބޮލުން ފޮނުވާލާފަ އެވެ. ބޯލަ ދިޔައީ ހުރަސްދަނޑިއާ އިންޗިއެއްހާ މަތިން ބޭރަށެވެ.

އޭގެ ފަހުން، ނިއުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް އެޓީމުގެ ހަސަން އަދުހަމް (ސަޑޭ) އަށް ތަނަވަސް ކޮށްދިފަ އެވެ. އަދުހަމް ހޫރާލި ފައިގައި ބޯޅަ ލައްވާ ނުލުމުން އެބޯޅަ ލިބުނީ މާޒިޔާގެ ކީޕަރު ހުސައިން ޝަރީފަށެވެ.

އިއްޔެ ހަވީރު، ށ. ފޯކައިދޫ އާއި ތިމަރަފުށި ކުޅުނު މެޗު، ފޯކައިދޫ މެޗުން މޮލޫވާޏް ދަނިކޮށް ތިމަރަފުށިން ވަނީ އެންމެ ފަހު ވަގުތު 2-2 ން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.