ވާހަކަ

ބުނެދޭށޭރުހެމޭ

(8 ޖުލައި 2018 އާ ގުޅޭ)

"ކީއްވެ އަރްސަލްއަށް ތިހެން ހީވީ؟ އަނީޤާއަކީ އަހަރެންގެ ފުރަތަމަ އަނބިމީހާ، އަހަރެންގެ ފުރަތަމަ ދަރިފުޅުގެ މަންމަ، އަހަރެން އޭނާއާ ކައިވެނިކުރީ ލޯބިން، އެކުގައި އުޅެން ބޭނުންވެގެން... އަރްސަލް ދުށިންތަ ބައްޕަ ދުވަހަކުވެސް މަންމަ ނުރުހޭ ކަމެއް ކުރަނިކޮށް، މަންމައަށް އަނިޔާއެއްކުރަނިކޮށް" ބިލާލު އިނީ ކެތްތެރިކަން ޚިޔާރުކޮށްގެންނެވެ. ދަރިފުޅުގެ ހިތާއި ސިކުނޑީގައި އުފެދިފައިވާ ކިލަނބުކަން އޮޅުންފިލާތޯއެވެ.

"އަޅުގަނޑަށް ފެންނަ ހިސާބުގައި އެފަދަ ކަމެއް ނުކުރާނެކަން އެނގޭ، ކީއްވެ މަންމަ ދަންޖެހެންވީ... އުފާވެރި ދިރިއުޅުމެއް އުޅެމުންދިޔަނަމަ، މަންމަ ހިތްހަމަޖެހިފައި ހުރިނަމަ ކީއްވެ ދަންޖެހި އަމިއްލައަށް މަރުވީ، އެވަރުގެ ކަމެއް މަންމަ ކުރަން ޖެހޭނީ ކޮންމެވެސް މަޖުބޫރެއްވެގެން" ގަސްދަކާނުލާ ވެސް އަރްސަލްގެ އަޑުގައި ނުރުހުމާއި ހަރުކަށިކަން އެކުލެވިގެންދިޔައެވެ.

"މަޖުބޫރު... އެ މަޖުބޫރަކީ ބައްޕަގެ ފަރާތުން މަންމައަށް ކުރިމަތިވި މަޖުބޫރެއްނޫން، އަރްސަލްއަށް ހަޤީޤަތް ކިޔައިދޭވަރަށްވުރެ އޭރު މާ ކުޑަ... އޭރު މިވާހަކަތައް ކިޔައިދީގެން އެއްވެސް ކަމެއް ނުވިސްނޭނެ، އެ މަންމަ ވަކިވެގެންދިޔައީ ބައްޕަގެ ދުލުގައި ހިފަހައްޓާފައި، އެކަމުގެ ސަބަބުން ބައްޕައާއި އަރްސަލްއާ ދެމެދު އޮތް ގުޅުން ހީނަރުވެގެންދިޔައީ... އަރްސަލް! މިހާރު ތި ހުރީ ކަންކަން ވިސްނޭވަރުވެފައި، ދަރިފުޅު މީހަކާ ވެސް އިނދެފިން، ކައިވެންޏެއްގެ މަތީގައި ހިނގާނޭ ގުޅުންތަކަކީ ކޮބައިކަން ދަރިފުޅަށް މިހާރު އެނގޭނެ، ހާމަކުރަން އޮތީ ވަރަށް ލަތުވެތި ހަޤީޤަތެއް... އެހެންވިޔަސް މަންމަގެ މަރާއި ގުޅިގެން ދަރިފުޅު އެނގެން ބޭނުންވާވަރު ބައްޕައަށް ވޭތިވެގެން މިދިޔަ އަހަރުތަކުގެ ތެރޭގައި އޮތީ އެނގިފައި... މި ވާހަކަތަށް އަޑުއަހާފައި ބައްޕައަށް އިތުބާރު ކުރާނޭކަމެއް ވެސް ނޭނގެ، ކިތަންމެ ލަދުވެތި ވާހަކައަށް ވިޔަސް އަރްސަލްއާ އެ ހަޤީޤަތް ބައްޕަ ޚިއްޞާކުރާނަން، އެއްވެސް އިތުރު ކުރުމެއް އޮޅުވާލުމެއްނެތި... އަރްސަލް! ދަރިފުޅުގެ މަންމަ އަނީޤާއަކީ އަހަރެން ހީކުރިވަރުގެ އަންހެނެއްނޫން... އޭނާ ރަނގަޅު މަޔަކަށްވާން މަސައްކަތްކުރި، އަރްސަލްގެ ކަންކަމަށް އޭނާ އިސްކަންދިން، އެކަމަކު އަނީޤާއަށް ރަނގަޅު އިއްފަތްތެރި އަނތްބަކަށް ނުވެވުނު" އުނދަގުލުން ވިޔަސް ބިލާލު ބުނެލިއެވެ. އެ އަޑު އަހާފައި އަރްސަލްއަށް ލިބުނީ އިންތިހާ ދަރަޖައިގެ ހައިރާންކަމެވެ.

"އިއްފަތްތެރި އަނތްބެއް ނޫނޭ ބައްޕަ ތި މާނަ ކުރަނީ ކޮންގޮތަކަށް" އަރްސަލް ކުރި ސުވާލުން ބިލާލުގެ ނަޒަރު ދަރިފުޅާ އަމާޒުވިއެވެ. އެފަދަ ސުވާލެއް ކުރަން އަރްސަލް ފަސްނުޖެހުނީތީ ބިލާލަށް ވެސް ހައިރާންކަމެއް ލިބިގެންދިޔައެވެ. އެހެންނަމަވެސް އޭނާގެ ދަރިފުޅު އެވަނީ މަންމަގެ މަރުގެ ހަޤީޤަތް އެނގެން ކެތްތެރިކަން ކުޑަވެފައިކަން ބިލާލު ދެނެގަތެވެ.

"ކައިވެންޏަށް ރަންކިޔޭ ހިސާބުން އަންހެން މީހާއަކީ ފިރިހެންމީހާގެ ހައްޤެއް، ކައިވެންޏަށްފަހު ދެމަފިރިންނަށްވޭ، އެ ގުޅުން ހުއްދައެއްނުދޭ އެހެން މީހުންނާ ގުޅުން ބާއްވާކަށް... އަހަރެން އަހަރެންގެ އަމިއްލަ ނަފްސުގެ މައްޗަށް ތެދުވެރިވީން، އަހަރެންގެ އަނބިމީހާއަކީ އޭރު މި ދުނިޔޭގައި ހުރި އަހަރެން އެންމެ ލޯބިވާ މީހާ، ހަޤީޤަތުގައި އަނީޤާދެކެ އަހަންނަށް ވެވުނީ ކަނުލޯތްބެއް... ރުހެވުނުލެއް ބޮޑުކަމުން އަނީޤާގެ އުޅުމާމެދު ކުޑަ ވެސް ޝައްކެއް ހިތުގައި ނުއުފެދޭ، އޭގެ ފައިދާ އޭނާ ނެގިކަން އެނގުނީ ވަގުތު ފާއިތުވީފަހުން" ބިލާލު ބުނަން މަސައްކަތް އެ ކުރަނީ އަނީޤާ ބޭވަފަރާތެރިވި ވާހަކަކަން އަރްސަލްއަށް ޔަގީންވިއެވެ.

"މަންމަ ދަންޖެހުނީ ކީއްވެ؟ އަޅުގަނޑު އެނގެން ބޭނުންވަނީ އެ ސަބަބު" އަރްސަލް ބުންޏެވެ. މަންމައަކީ ބޭވަފާތެރިއެކޭ ބުނާ އަޑު އަހަން އަރްސަލްއަށް ފަސޭހަނުވީއެވެ.

"ސަބަބު... ބައްޕަ މަސައްކަތް މިކުރަނީ އެ ސަބަބު އޮޅުންފިލުވައިދެވޭތޯ... ތެދަށް ބުނަންޏާ، އަނީޤާގެ މުޑުދާރު ދިރިއުޅުން ފަޅާ އެރުމުން އެކަމުން ސަލާމަތްވާން އޭނާ ކުރިކަމެއް އެއީ" ބިލާލުގެ މޫނުމަތިން މީގެ ކުރީން އަރްސަލް ދުވަހަކުވެސް ދެކެފައިނުވާ ނުރުހުންތެރިކަމެއްގެ އަސަރު ފާޅުވެގެން ދިޔައެވެ. އަރްސަލްއަށް ބުނާނޭ އެއްޗެއް ނޭނގިފައި އިނދެވުނީއެވެ. ހިމޭންކަމުގައި އިރުކޮޅަކު އިނދެފައި ބިލާލު ގޮނޑިން ތެދުވިއެވެ. އަދި ފޮތްހަރުގަނޑުގެ ކައިރީ ފާރުގައި ހަރުކޮށްފައި ހުރި ތިޖުރީގެ ކައިރީ މަޑުކޮށްލުމާއެކު އޭގެ ކޯޑުޖަހައި ހުޅުވާލިއެވެ. އޭގެ ތެރެއިން ފައިލެއް ބިލާލު ނެގުމާއެކު އެއަށް ބަލާލީ ނަފުރަތުން ފުރިގެންވީ ގޮތަކަށެވެ. ތުންފިއްތާލިއިރު ދެބުމަ ކައިރިވެ ނިތަށް ރޫގިނަވިއެވެ. އަހަރުތަކެއް ވޭތިވީއިރު ވެސް އަނީޤާގެ ފަރާތުން އެ ހިތަށް ލިބުނު ޒަޚަމް ފަސޭހަނުވާ ފަދައެވެ. ބިލާލުގެ ހަރަކާތްތަކަށް އަންނަމުންދިޔަ ކޮންމެ ބަދަލެއް މޭޒު ދޮށުގައި އިން އަރްސަލް ދެނެގަތެވެ. އަތުގައި އޮތް ފައިލު ހިފައިގެން ބިލާލު އައިސް ކުރިން ވެސް އިން ގޮނޑީގައި މޭޒުދޮށުގައި އިށީނދެއްޖެއެވެ.

"އަރްސަލް ލިބުނު ފަހުން އަނީޤާ އަހަންނާ ދުރުވާހެން ފާހަގަކުރެވުނު، އަހަރެން ހީކުރީ އަނީޤާ ތައްޔާރުނުވަނީސް ބަލިވެ އިނީމާ ލިބުނު ނުތަނަވަސްކަމެއްކަމުގައި، އެހެންވެ ދަރިފުޅު ލިބުނަސް އަނީޤާއަށް އެހީވާން ގެންގުޅޭ ކުއްޖަކު ހޯދާނަންކަމުގައި އަހަރެން ބުނިން، އަނީޤާ ދާން ބޭނުންވާ ތަނަކަށް ނުދެވިފައި ހުންނާކަށް ނުޖެހޭނެކަން އަހަރެން ވިސްނައިދިނިން، ބަނޑުބޮޑު ދުވަސްކޮޅު އަނީޤާ އާދަޔާ ޚިލާފަށް ހުންނަނީ ރުޅިގަދަވެފައި، ބަނޑުބޮޑުވީއްސުރެން އޭނާ ހަނދާންނެތިއްޖެ ފިރިއަކު ހުންނަކަން، އެކަމަކު އަހަރެން ޝަކުވާނުކުރީ މާބަނޑު ދުވަސްވަރު އަންހެނުންގެ އުޅުމަށް ބަދަލުތަކެއް އަންނާނޭކަން އެނގޭތީވެ، އަރްސަލް އުފަންވުމާއެކު ދެން ވެސް އަނީޤާގެ ސަމާލުކަން ހުރީ ދަރިފުޅަށް، ގޭގައި ހުރެއްޖެނަމަ އޭނާ ނެގިމަޑުވެފައި ހުންނަނީ... ނަފްސާނީ ޑޮކްޓަރަކަށް ދައްކަން ޚިޔާލު ފާޅުކުރުމުން ދެ ދުވަސް ވަންދެން އަނީޤާ ހުރި އަނގައިން ނުބުނެ، އެ ޚިޔާލު އަހަރެން ދޫކޮށްލާ އަނީޤާ ގާތު ބުނިން ގޭގައި ހުންނަން ފޫހިވާނަމަ މަސައްކަތެއްފަށަން، އަނީޤާ ކުރާހިތްވާކަމެއް ބުނުމުން އަހަރެން އެކަމަށް ފައިސާ ޚަރަދުކޮށްދޭނަންކަން، އަބަދުވެސް އަނީޤާގެ ބޭނުމަށް އޭނާގެ އަމިއްލަ އެކައުންޓަށް އަހަރެން އައީ ދަތިނުވާނޭ ވަރަށް ފައިސާ ޖަމާކޮށްދެއްމުން، އަހަރެންގެ ވިޔަފާރި ދޫކޮށްލާފައި އަނިޤާއަށް ފާރަލާން އަބަދު ހުންނާނީ ކިހިނެއް؟ ގެއިން ބޭރަށް އަނީޤާ ދާ ފަހަރަކު ވެސް އަހަރެން ސުވާލެއް ނުކުރަން، އެކަމަކު ކުއްލިއަކަށް ހުރެފައި އަހަންނަށް ފޯނުކޯލު އަންނަން ފެށީ، ފިރިހެނަކު ގުޅަނީ... އަނީޤާއޭ ކިޔައިގެން ދައްކަނީ އަހަރެންގެ ބުއްދި ގޯސްވާވަރުގެ ހުތުރު ވާހަކަ، ސުވާލެއް ނުކުރަން ހުއްޓަސް ކެތްކުރަން އުނދަގޫވެ އަނީޤާއާ ސުވާލުކުރިން ކޮންބަޔާއެކުތޯ ބޭރަށް ދަނީ، ރައްޓެހިންނާއެކުއޭ ބުނުމުން އިތުރަށް ސުވާލުކުރާނޭ ހިތްވަރެއް ނުލިބުނީ އަނބިމީހާއަށް އަހަރެން ޝައްކުކުރަނީއޭ އަނީޤާއަށް ހީވެދާނޭތީ، އަހަރެން އަނީޤާދެކެ ވަރަށް ލޯބިވިން، އަހަރެމެންނަށް ކުއްޖަކު ލިބި ދިރިއުޅުން އެހިސާބަށް ދިއުމުން ދެ މީހުން ވަކިވާންޖެހޭވަރު ކަމެއް މެދުވެރިވާކަށް އަހަރެން އެއްގޮތަކަށް ވެސް ބޭނުމެއްނޫން، އެހެންވެ އެ ފޯނުކޯލުތަކަށް ބީރުކަންފަތެއް ދިނީ، އެކަކު ގާތުގައި ވެސް އެ ވާހަކައެއް އޭރު ނުދައްކަން، އަހަރެންނަށް ވީވަރަކުން އަހަރެން ބެލީ ކުރިއަށްވުރެ ވެސް ބޮޑަށް އަނީޤާއަށް ވަގުތު ދެވޭތޯ، އެކަމަކު އޭނާ އަހަންނާ ގާތްވާން ބޭނުންނުވަނީ އަހަރެންގެ ކޮންއުނިކަމެއް ހުރެގެންކަމެއް ނޭނގެ، ދަރިފުޅުގެ ކުރިމަތީ އަހަރެމެން ދެމީހުންގެ ދެމެދުގައި އޮތް ދުރުކަން އަނީޤާ ނެތިކޮށްލި ނަމަވެސް އަހަރެމެން ދެމީހުން އެކަނިވުމާއެކު އެ ދުރުކަން އަލުން ވެރިވެގެންދޭ، އަނީޤާ ދަންޖެހުނު ހަފްތާގައި އަހަންނަށް ލިބުނީ ފޮޓޯތަކެއް، އޮފީހުގެ ރިސެޕްޝަނާއި މީހަކު ހަވާލުކޮށްފައިދިޔަ ސިޓީއުރައެއްކަމަށް އަހަރެންގެ ޕީއޭ ބުނީ، އެ ސިޓީއުރަ ކެނޑިއިރު ހުރީ ފޮޓޯތަކެއް، ހިލޭ ފިރިހެނަކާއެކު ތިމާގެ އަނބިމީހާ ބަރަހަނާ ހާލުގައި ހުންނަތަން ދުށުމަށް އެއްވެސް ފިރިއަކަށް ކެތްވާނެތަ؟ އެ ފޮޓޯތަކުގައިވަނީ ބަލަން ހުތުރު މަންޒަރުތަކެއް، އެ ފޮޓޯތައް ނެގި މީހަކު ޚާއްސަކަމެއް ދީފައި ހުރި އަނީޤާގެ މޫނު ފާޅުކޮށް އެނގޭ ގޮތަށް ފޮޓޯތައް ނަގަން، ފިރިހެންމީހާގެ މޫނު ހުރީ ނޭނގޭ ގޮތް ހަދާފައި، ޤަބޫލުކުރަން ބޭނުންނުވިޔަސް އެ ހިސާބަށް ކަންތައް ދިއުމުން އަނީޤާއާ ކުރިމަތިނުލާ ނުހުރެވުނީ... އެ ދުވަހު ހަތަރުދަމު އަހަރެން ހުރީ ބޯގޮވާފައި، މުއްޠަލިބުއާ ފުރަތަމަ ފަހަރަށް ހަޔާތުގެ ކަމެއް ޚިއްޞާކުރީ އެފަހަރު، މުއްޠަލިބު ޚިޔާލުދިނީ ދެމަފިރިންގެ ދެމެދުގައި ހިނގާ ކޮންމެ ކަމެއްގައި ދެމަފިރިން ތިބެގެން ވާހަކަދެއްކުންކަމުގައި އެންމެ ރަނގަޅުވާނީ، އެހެންވިޔަސް އެ ވާހަކަތައް ދައްކާނޭ ގޮތެއް ނޭނގިގެން އަހަރެން އެ ސިޓީއުރަ އަނީޤާއާ ހަވާލުކުރީ، އެރޭ އޭނާގެ މޫނުމަތިން އެކަނިވެސް އަހަންނަށް ތެދު ހާމަވެގެންދިޔަ، ފޮޓޯތައް ބަލާފައި ސިޓީއުރަ ސައިޑްކަބަޑުމަތީ ބާއްވާފައި އަނީޤާ އޮށޯވެ ނިދީ، ކަމެއްވެއްޖެހެން ވެސް އޭނާއަށް ހީނުވި... އަހަރެން ހާސްވެ ދެރަވާނޭވަރު ވެސް އޭނާގެ ހިތަށް ނޭރި، އޭރު ވެސް އެއީ އަހަރެންގެ އަނބިމީހާކަން އޭނާއަށް ނޭނގުނު... އަހަރެން ލަދުގަންނާނޭކަން އެނގި އެކަން ދޮގުކުރާކަށް ވެސް އޭނާ އެއްވެސް މަސައްކަތެއްނުކުރި" ހިތުގެ ޒަޚަމްގައި ވޭންއަޅަން ފެށުމާއެކު ބިލާލަށް ވާހަކަ ހުއްޓާލެވުނެވެ. ތުންފިއްތާލާފައި ފިނިނޭވާއެއް އޭނާ ދޫކޮށްލިއެވެ. އަރްސަލްއާ ހަތަރުކަޅި ހަމަކޮށްލާނޭ ހިތްވަރެއް ބިލާލުގެ ނެތްފަދައެވެ. އެހިނދު އިސްޖެހިފައި ހުރި މޫނު ހިއްލާލީ މޭޒުމަތީގައި ހުރި ފެންޖަގުން ފެންތަށްޓެއް އަޅާފައި ބިލާލުގެ ކުރިމަތީ އަރްސަލް ބެހެއްޓުމުންނެވެ.

"އެހެންވެތަ މަންމަ ދަންޖެހުނީ... އެ ފޮޓޯތަކަކީ އޮޅުވާލުމަށް ޓަކައި މީހަކު ހަދާފައި ހުރި ފޮޓޯތަކަކަށް ވެސް ވެދާނު" އަރްސަލްއަށް އޭނާގެ ބައްޕަގެ އަޑުގައިވި ރިހުން އެނގޭއިރު ވެސް މަންމަގެ މައްޗަށް އޮތް ތުހުމަތުގެ ހުތުރުކަމުން އެކަން ޤަބޫލުކުރަން ފަސްޖެހެވުނީއެވެ.

"އަނީޤާ ދަންޖެހުނު ސަބަބުތަކުން އެއްކަންތައް އެއީ އެ ފޮޓޯތައް އަހަންނާ ހަމައަށް އައުން، މި ފައިލްގައި އެ ފޮޓޯތަކާއި އަނީޤާ ދަންޖެހިފައި ހުރި އިރު އަތުގައި އޮތް ސިޓީ ވެސް އޮންނާނެ، އަހަރެން އަނީޤާއާ ސުވާލުކުރިން އަހަރެންގެ ހުރި އުނިކަމެއް ބުނެދިނުމަށް، އޭރުން އަހަރެން އަނީޤާ މިނިވަންކޮށްދޭނަންކަން، އަނީޤާ ބޭނުންވާ ފަދަ އުފާވެރި ދިރިއުޅުމެއް އަހަންނަށް ދެވެން ނެތިއްޔާ ހުރަގެއްގައި އިން މީހަކު ފަދައިން އަނީޤާ ބޭންދުމުގެ ބަދަލުގައި އޭނާއަށް ހުރިހާ މިނިވަންކަމެއް ދޭން އަހަރެން ހުރީ ތައްޔާރަށް، އެކަމަކު އޭނާއަކަށް ޖަވާބެއް ނުދެވުނު، އަހަރެން ބުނިން ދަރިއަކު ހުއްޓަސް އެކަމާ އަނީޤާ ވިސްނާކަށް ނުޖެހޭނެކަން، ދަރިފުޅުގެ ހުރިހާ ކަމެއް އަހަރެން ބަލަހައްޓާނަންކަން، ޚުދު އަހަންނަށް ވެސް އެނގޭ އަހަރެމެން ދެ މީހުން އިތުރަށް އެކުގައި އުޅޭން މަސައްކަތްކުރިޔަސް ހަމަޖެހޭ ދިރިއުޅުމެއް ދެނެއް ނުލިބޭނެކަން، އެހެންވެ އަހަންނަށް ޖަވާބެއް ނުލިބުނަސް އަނީޤާ ވަރިކުރަން ނިންމީ، އޭނާ ގާތު އަހަރެން ބޭނުންވަނީ އަނީޤާ ވަރިކުރަންކަން ހާމަކުރިން... އަނީޤާ އަހަންނާއެކު އުޅޭން ބޭނުންވާނަމަ ހުރިހާ ކަމެއް ސިއްރުނުކޮށް ކިޔައިދިނުމަށް އެދުނިން، އަނެއްދުވަހު އިރު އަރަންވާއިރަށް އަހަންނަށް ހުރިހާކަމެއް ސާފުކޮށް ކިޔައިނުދެވިއްޖެނަމަ އެއީ އަހަރެންގެ އަނތްބެއްނޫންކަމުގައި ވެސް ބުނިން، އެއްވެސް ސަބަބެއް ނުބުނެ އެރޭ އަނީޤާ ވަރަށް ރުއި... އަހަރެންގެ ހިތުގައި ހަމްދަރުދީ އުފެދުނު، އޭނާ އެވަރަށް ރޮނިކޮށް އަހަރެން ދުވަހަކުވެސް ނުދެކެން... އެހެންނަމަވެސް އަހަރެން ހުރީ ޖަވާބު ބޭނުންވެފައި، އެރޭ އަހަރެމެން ދެމީހުން ނިދީ ވަކިން، ދެ ކޮޓަރީގައި، އަނީޤާއާ ކުރިމަތިލާން ބޭނުންނުވާތީ ފަތިހު ހޭލާފައި ވެސް އެ ކޮޓަރިއަށް ނުވަންނަން، އަރްސަލްއަށް އެ ދުވަހު ސައި ދީފައި ކޮޓަރިއަށް ދިޔައީ ކޮންމެހެން ވެސް ކޮޓަރިއަށް ވަންނަންޖެހިގެން، އަހަރެންގެ ހުރިހާ ސާމާނެއް ހުންނާނީ ކޮޓަރީގައި ކަމަށްވީމަ، ކޮޓަރިއަށް ވަނުމުން އަހަންނަށް ވެސް ފެނުނީ އަނީޤާ ދަންޖެހިފައި ހުއްޓާ، އަހަރެން ބޭނުންވި ޖަވާބު އަނީޤާ އޮޅުން ފިލުވައިދިނީ އޭނާގެ އަތުގައި އޮތް ސިޓީ، އަރްސަލް!... މި ފައިލްގައި ހުރިހާ އެއްޗެއް ހުންނާނޭ... ހެކި ބަލަން ބޭނުންވާނޭކަން އަހަންނަށް އެނގޭ، އަނީޤާއަކީ އަރްސަލްގެ މަންމަ، އެއްވެސް ދަރިއަކު ބޭނުމެއްނުވާނެ އޭނާގެ މަންމައާ ބެހޭ ގޮތުން މިފަދަ ވާހަކަތަކެއް އަޑުއަހާކަށް، ބައްޕައާ ދެމެދު އޮތީ އެފަދަ އިތުބާރުކުރެވޭ ފަދަ ގުޅުމެއްނޫންކަން ވެސް އެނގޭ" ބިލާލު މޭޒުމަތީ އޮތް ފައިލު އަރްސަލްގެ ކައިރިއަށް ޖައްސާލިއެވެ.

"ސިޓީގައި އޮތީ ކީކޭ" އަރްސަލް އެހިއެވެ.

"ތި ފައިލްގައި އެ ސިޓީ އޮންނާނެ، އަރްސަލްއަށް ބައްޕަ މި ދެއްކި ހުރިހާ ވާހަކައެއް ރަނގަޅަށް ސާފުވާނެ، އެ ސިޓީ އަރްސަލް އަމިއްލައަށް ކިޔާލާ" ބިލާލު ބުނެލިއެވެ.

އިރުކޮޅަކު ފައިލަށް ބަލަން އަރްސަލް އިނީ ކަމަކާ މެދު ވިސްނަން އިން ފަދަ ގޮތަކަށެވެ. ހަޤީޤަތާ ކުރިމަތިލާންވީ ވަގުތު ޖެހުނީކަން އަރްސަލްއަށް ވެސް އެނގެއެވެ. އޭނާގެ މަންމައަކީ ބިލާލު ސިފަކުރިފަދަ ވިޔާނުދާ އަންހެނަކަށް ވެދާނޭ އެއްފަހަރު ވެސް އަރްސަލް ހިޔެއްނުކުރެއެވެ. ބިލާލު ބުނީ ތެދެއްކަން އަރްސަލްއަށް ވިސްނުނެވެ. އެއްވެސް ދަރިއަކު އޭނާގެ މައިންބަފައިންނޭ ކިޔައިގެން ލަދުވެތި ހުތުރު ވާހަކައެއް މީހަކު ދައްކާ އަޑު އަހާކަށް ބޭނުމެއްނުވާނެއެވެ. މަޑުމަޑުން މޭޒު މަތީ އޮތް ފައިލު އަރްސަލް ހުޅުވާލިއެވެ. އަތުލިޔުމުން ލިޔެފައި އޮތް އޭފޯ ކަރުދާހަކާއި ބްރައުންޕޭޕަރގެ ސިޓީ އުރައެއް ފައިލު ތެރޭ އޮތެވެ. ބިލާލު އެބުނާ ފޮޓޯތައް ހުރީ އެ ސިޓީއުރައިގައިކަން އަރްސަލް ދެނެގަތެވެ. ނަގަން ނުގަން އުޅޭ ފަދަ ގޮތަކަށް އަރްސަލް މަޑުޖެހިލި ނަމަވެސް ސިޓީ އުރަ ނެގިއެވެ. އޭގެ ތެރޭގައި ހުރި ފޮޓޯތައް އަރިކޮށްލި ސިޓީއުރައިގެ ތެރެއިން އަރްސަލްގެ އަތަށް އައެވެ. ފުރަތަމަ ފޮޓޯއަށް ބަލާލުމާއެކު ވަގުތުން އަރްސަލް ފޮޓޯގައި އަތްއަޅައިފިއެވެ. އިތުރު ފޮޓޯއެއް ބަލާކަށް ވެސް އޭނާ ބޭނުމެއްނުވިއެވެ. އަތުގައި އޮތް ފޮޓޯ ވެސް އަވަހަށް ސިޓީއުރައިގެ ތެރެއަށް ލައިފިއެވެ.

"ނޯ މޭން ވޯންޓް ޓު ސީ ހިޒް ވޮމެން ލައިކް ދެޓް... އައި ނިއު ހައު ހީ ވިލް ފީލް ވެން ހީ ސޯ ދީސް ފޯޓޯސް" އަރްސަލްގެ އަމިއްލަ ޟަމީރު ބުނެލިއެވެ. އަދި މަޑުކުރުމެއްނެތި ފައިލުގައި އޮތް ސިޓީ ނަގައި އަރްސަލް ބަލާލިއެވެ.

ސިޓީގައި ވަނީ އަނީޤާގެ ބަހެވެ. އެ ސިޓީ ކިޔަމުން ދިޔަވަރަކަށް އަރްސަލްގެ މިނިވަންކޮށް އޮތް އަތްތިލަ މުއްކެވި، މުއްބާރުވަމުންދިޔައެވެ. ސިޓީގައި އޮތީ އަނީޤާ ހަމައެކަނި ބޭނުންވަނީ މުއްސަނދި ދިރިއުޅުމެއްކަމަށެވެ. ބިލާލުއާ ކައިވެނި ކުރީ ހަމައެކަނި އެ ބޭނުމުގައި ކަމެވެ. ފޮޓޯތަކުގައި އެވަނީ އަނީޤާ ކުރިކަމެއްގެ ހެކިކަމުގައި އެއްބަސްވެފައި ސިޓީގައި އޮތެވެ. އަނީޤާއަށް އަބަދު އެއްފިރިހެނެއްގެ ގާތުގައި ހުރުން އުނދަގޫކަމުގައި ވެސް ބުނެފައި އޮތެވެ. އެއީ އޭނާ އާދަވެފައިވާ ގޮތްކަމުގައި ވެއެވެ. ބިލާލު ފަދަ ރަނގަޅު ފިރިއަކާއި ދިރިއުޅުން ފުރިހަމަވުމަށް ދަރިއަކު ލިބުމުން ވެސް އަނިޤާއަށް ހެޔޮ ވިސްނުން ނުލިބުނީތީ އެކަމުގެ ސަޒާ އޭނާއަށް ލިބިއްޖެކަމުގައި ވެސް އޮތެވެ. އެގޮތުން ޢާއިލާ އެކުގައި ސިންގަޕޫރަށް ޗުއްޓީ ހޭދަކުރަން ދިޔަފަހަރު އަނީޤާއަށް އުނދަގޫތަކެއްވާތީ ބަނޑުބޮޑުވީ ކަމަށް ހީކޮށް އެކަނި ހޮސްޕިޓަލަށް ގޮސް ހެދި ޓެސްޓުތަކުން އަނީޤާގެ ގައިން އެޗްއައިވީ ވައިރަސް ފެނުނުކަމުގައި ބުނެފައި އޮތެވެ. ވައިރަސް މުޅި ހަށިގަނޑަށް ފެތުރެނީ ކަމުގައި ޑަކްޓަރު ޔަގީން ވެސް ކޮށްދިންކަމުގައި ވެއެވެ. އެއިޑްސް ބަލީގައި އަރްސަލްގެ ކުރިމަތީ ނިމިގެންދާން އޭނާ ބޭނުންނުވާކަމާއި ހަމައެއާއެކު ބިލާލު ވެސް އޭނާގެ މި ބޭވަފާތެރިކަން ބަލައިނުގަންނާނޭކަން އަނީޤާއަށް އެނގޭކަމުގައި އޮތެވެ. ސިޓީ ނިންމާލަމުން އޮތީ އަރްސަލްއަށް ހުރިހާ ކަމެއް ސިއްރުކޮށްދިނުމަށެވެ. ބިލާލު ބޭނުންވި ޖަވާބު ބިލާލަށް އެ ސިޓީގެ ޒަރިއްޔާއިން ދެވިއްޖެކަމާއި އެކަމަކު ދުވަހަކު ވެސް އެއިން އެއްވެސް ވާހަކައެއް އަރްސަލްއަށް ހާމަނުކުރުމަށް އެތައް ފަހަރަކު އަނީޤާ ބުނެފައި އޮތެވެ. އަދި މަޢާފުކޮށްދެވޭނަމަ އޭނާއަށް މަޢާފުކޮށްދިނުމަށް އެދިފައި އޮތެވެ.

ސިޓީ ނިންމާލާފައި އަރްސަލްއަށް އިސްތަށިގަނޑުގެ ތެރޭ ދެތިންފަހަރަށް އަތްތިލަ ހިންގާލެވުނެވެ. ހަމައެއާއެކު ތުނބުޅިއާއެކު ދަތްދޮޅީގައި ވެސް އަތް ހާކާލެވުނެވެ. ކިހާ ބޮޑު އޮޅުވާލުމެއްކަން އަނީޤާ އެ އޮޅުވާލީ އަރްސަލްގެ ހިތަށް އެރިއެވެ. މިހާ ދުވަހު މަންމައާ މެދު އޭނާގެ ހިތުގައި އޮތް ވަރުގަދަ ޖަޒުބާތު ފިނިވެ އޮބިގެންދިއުމުގެ ބަދަލުގައި ހިތުގައި ރުޅިވެރިކަން އުފެދުނެވެ. އެހާވަރުން އެނގެން ބޭނުންވި ހަޤީޤަތް އެނގުމަކުން އަރްސަލްއަށް ހަމަޖެހުމެއް ނުލިބުނެވެ. މޭޒުމައްޗަށް ސިޓީ ދޫކޮށްލާފައި އަރްސަލް ކޮޅަށް ތެދުވިއެވެ. އެހިނދު ބިލާލު އޭނާގެ މުލައްދަނޑީގައި ހިފައި ހުއްޓުވިއެވެ.

"އަދި ހުރިހާ ކަމެއް އަރްސަލްއަކަށް ނޭނގޭ" ބިލާލު ބުނެލިއެވެ.

"އިތުރަށް އަޑުއަހާކަށް ބޭނުމެއްނޫން" އިސްޖަހާލައިގެން ހުރެ އަރްސަލް ބުނެލިއެވެ.

"އިށީނދޭ އަރްސަލް، މި ވާހަކަތައް ވެސް އަޑުއެހުން މުހިންމު" ބިލާލު ބުނެލިއެވެ. މޫނު އަނބުރާލާފައި ދިއުމުގެ ބަދަލުގައި އަރްސަލް ގޮނޑީގައި އިށީނެވެ. މޭޒުމަތީ ދެއަތް ބާއްވާލަމުން ދެއަތްތިލަ ޖޯޑުކޮށްލިއެވެ. ބައްޕައާ އިތުރަށް ދެބަސްވެ ޖަދަލުކުރާނޭ ހިތްވަރެއް އަރްސަލްގެ ނެތެވެ.

"އަނީޤާގެ މަރުގެ ތަހުޤީޤު ނިމުމާއެކު އަހަރެން އަވަހަށް ލަންކާއަށް ފުރީ އަހަރެންގެ އަމިއްލަ ސިއްޙަތާމެދު ސުވާލުއުފެދިގެން، އެކޮޅަށް ގޮސް އަހަންނާއި އަރްސަލްގެ ޓެސްޓުތައް ހެދީ އެ ނުބައި ބަލީގެ އަސަރު އަހަރެމެންގެ ލޭގައި ހުރިތޯ ޔަގީންކުރަން، އަހަރެން ބަލިކަށިވި ވަގުތު އެހީވީ މުއްޠަލިބު، އެނބުރި ގެއަށް އަންނަން ބޭނުންނުވީ އަނީޤާގެ ހަނދާންތައް އާކުރަން ބޭނުންނުވާތީ، އަހަރެން އެންމެ ނަފުރަތުކުރާ މީހާއަށް އަނީޤާވި، އެ ހުރިހާ ކަމެއްކޮށްފައި އޭނާ އެ ދިޔައީ ވެސް އެންމެ ނުބައި ގޮތަށް، އެކަމާ ވެސް އަހަރެންގެ ހިތުގައި އޮތް ނަފުރަތު ބޮޑުވި... އެކަމަކު އެއްފަހަރު ވެސް އަރްސަލްދެކެ ބައްޕަ ރުޅިއެއް ނާދޭ، އެފަދަ އަންހެނެއްގެ ދަރިއަކަށް އަރްސަލް ވީތީ އަހަންނަށް ލިބުނީ ހިތްދަތިކަން، ޝަރުމީނާ ދިމާވީ ލަންކާއިން، އޭނާ ހުރީ މުއްޠަލިބު ހިފާފައި ހުރި ގޭގައި، މުއްޠަލިބުގެ އަނބިމީހާއާއެކު ކިޔަވަން އުޅުނު ގާތް ރަޙުމަތްތެރިއެއް، މުއްޠަލިބުގެ ދެމަފިރިން އިތުބާރުކުރާ އަންހެނެއް، އަލުން ދިރިއުޅުމެއް ފަށަން މުއްޠަލިބު އަހަންނަށް ޚިޔާލުދިނީ، އަރްސަލްގެ ކަންތައްތައް ބަލަހައްޓަން ގެންގުޅޭ މީހަކު ގެނައުމަށްވުރެ އެގޮތް ރަނގަޅުވާނޭތީވެ، ޝަރުމީނަކީ ދުވަހަކުވެސް މީހަކާ ނީނދެ ހުރި އަންހެނެއް، އެކަމަކު އިތުބާރުކުރަން އަހަންނަށް ފަސޭހައެއްނުވި، އަނެއްކޮޅުން އަރްސަލްގެ ހުރިހާ ކަމެއް ބަލަހައްޓަން ވިޔަފާރިދޫކޮށްލައިފައި ގޭގައި ހުރެވޭކަށް ވެސް ނެތް، ވަރަށް ގިނަ ގޮތްގޮތުން ޝަރުމީނުގެ ހަޤީޤަތް ބެލުމަށްފަހު އެންމެ ގާތް އެކުވެރިޔާއަށް އަހަރެން އިތުބާރުކުރީ... އޭނާ ދިން ޔަގީންކަމާއެކު އަހަރެން ޝަރުމީނާ ކައިވެނިކުރީ، އޭނާއަށް އެނގޭ އަހަރެން ކުރީން ކައިވެންޏެއްކޮށް ދަރިއަކު ހުންނަކަން، ޝަރުމީނާއި އަހަންނާއި ދެމެދު މާބޮޑު ގާތްކަމެއްނެތް، ޝަރުމީނު ބަލިވެ އިނީ އަހަރެންގެ ސަބަބުން، ފަހަރެއްގައި ވެސް އިތުރު ކުއްޖަކު ޢާއިލާއަށް އައީ އަރްސަލް ބާކީކޮށްލުމުގެ ނިޔަތަކުނޫން، އަރްސަލްއަށް ބަދަލުތަކެއް އެކަމުން އަންނާނޭކަމުގައި ޝަރުމީނު އަހަންނަށް ވިސްނައިދިން، އޭރު މާލަސްވެއްޖެ... އެއީ ޝަރުމީނުގެ ވެސް ފުރަތަމަ ދަރިފުޅު، މިހާ ދުވަހު އެކުގައި އުޅުނުއިރު އަހަރެން ޝަކުވާކުރާނޭ ފުރުޞަތެއް ޝަރުމީނު ނުދޭ... އަހަންނަށް އެނގޭ ޝަރުމީނާ މެދު އަރްސަލް ނުރުހޭކަން، ޝަރުމީނުގެ ކުށެއްނެތް... އަހަރެންގެ ހަޔާތަށް އޭނާ ގެނައި އަހަރެން އަމިއްލައަށް، ހަލަފްގެ ގައިގާ ހިނގަނީ ދަރިފުޅުގެ ގައިގާ ވެސް ހިނގާ މި ބައްޕަގެ ލޭ، ތި ދެބެންނާއި ރާދިންއަކީ ވެސް މި ބައްޕަގެ ދަރީން، ހުރިހާ ކުދީންދެކެ މި ބައްޕަ ލޯބިވަނީ އެއްވަރަކަށް، ޝަރުމީނު ވެސް ތި ކުދީންދެކެ ވަރަށް ލޯބިވޭ، އޭނާ އަރްސަލްއާއި ރާދިންއަށް ގޯސްނިޔަތެއްގައި ދުވަހަކުވެސް ކަމެއްނުކުރެއެއްނު... ކޮންމެ އަންހެނަކީ އަނީޤާއެއްނޫންކަން އަހަންނަށް އިޙްސާސްކޮށްދިނީ ޝަރުމީނު، އަނީޤާގެ މުޑުދާރު ހަޤީޤަތް އޮތީ އަހަންނާއި މުއްޠަލިބުގެ ދެމެދު ސިއްރުވެފައި، އެކަން އަހަރެމެން ދެ މީހުންގެ އިތުރުން އެނގޭނޭ ފަރާތަކީ މިހާރު ދަރިފުޅު، ލޫންއާ ދަރިފުޅު ކައިވެނިކުރިކަން އެނގުމުން މުއްޠަލިބު ބުނި އަރްސަލްއަށް ހުރިހާ ވާހަކައެއް ކިޔައިދޭން... އަހަރެން ލޫން ގާތު އެދުނީ ކޮންމެވެސް ގޮތަކުން އަރްސަލް ގެނެސްދިނުމަށް، އަހަރެންގެ އެއްވެސް ފޯނުކޯލަކަށް އަރްސަލް ޖަވާބެއްނުދެމެންނު، އެރޭ އެކްސިޑެންޓް ހިނގީ އަހަރެންގެ އެދުމަށް އަރްސަލް އަހަންނާ ހަމައަށް ގެނައުމަށް ލޫން ކުރި މަސައްކަތުންކަން އަހަންނަށް އެނގޭ.... ކިތަންމެ ފަހަރަކު ހިތަށް އެރި ލޫން ގާތު ނުބުނެވުނުނަމައޭ މި ބައްޕައާ ހަމައަށް ދަރިފުޅު ގެނެސްދޭށޭ... މި ވާހަކަތައް ދައްކަން އެވަގުތަކީ ރަނގަޅުވަގުތުނޫންކަން ކޮންމެވެސް ގޮތަކުން އެނގުނުނަމައޭ ހިތަށް އަރާ، އެރޭ ލޫން އެހެން ކަންތައް ނުކުރިނަމަ މިއަދު އަރްސަލްގެ ގާތުގައި ލޫން ހުރީސްކަން ޔަގީން" ބިލާލު އުފުލާލި އަތްތިލަ އަރްސަލްގެ ޖޯޑުކޮށްލެވިފައިވި ދެއަތުގެ މަތީ ބައްވާލިއެވެ.

"އެއީ އެކަން ވާން އޮތް ގޮތް... ލޫންގެ މަރަކީ އެއްވެސް މީހަކާ ގުޅުން ހުރި ކަމެއްނޫން" އިރުކޮޅަކު ހިމޭނުން އިނދެފައި އަރްސަލް ބުނެލިއެވެ. އަދި ބިލާލުގެ އަތްތިލައިގެ ތެރެއިން އޭނާގެ ޖޯޑުކޮށްލެވިފައި އޮތް ދެއަތްތިލަ މިނިވަންކޮށްލުމަށް މޭޒުމަތިން ދެއަތް ނެގިއެވެ. ގޮނޑިން ތެދުވެ ބިލާލަށް އަރްސަލް ބަލާލިއެވެ. އޭރު ބިލާލު ވެސް ކޮޅަށް ތެދުވެއްޖެއެވެ.

"އަރްސަލް ދަނީތަ؟" ޖީންސުގެ އަރިމަތީ ޖީބަށް ދެއަތްތިލަ ކޮއްޕާލުމާއެކު ދޮރާ ދިމާއަށް އަރްސަލް އެނބުރިލި ހިނދު ބިލާލު ބުނެލިއެވެ. ފަހަތަށް އެނބުރި ބިލާލަށް ބަލާލުމެއްނެތި އަރްސަލް ބޯޖަހާލިއެވެ.

"ދަރިފުޅު ގާތު މަޑުކުރާށޭ ބުނާހިތްވޭ، އެކަމަކު އަރްސަލްއަށް އެނގޭނީ އަރްސަލް ބޭނުންވާގޮތެއް" ބިލާލު ބުނެލިއެވެ.

"މިވަގުތު އިހަށް އަޅުގަނޑު ދިޔަދީ" އަރްސަލްގެ އަޑު އިވިފައި ބިލާލުގެ ނިތުގައިވި ރޫތައް ފިލައިގެންދިޔައެވެ. އުންމީދު އާވެ ބިލާލުގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"އަރްސަލްއާއެކު އެއްސުފުރާމަތީގައި ކައިބޮއެ ހަދާލަން ބައްޕަ ބޭނުން، ކޮންމެވެސް ދުވަހަކުން އެ ފުރުޞަތު ލިބޭނެކަމަށް އުންމީދުކުރަނީ... އެންމެ ރަނގަޅު ދަރިފުޅު ދިޔަޔަސް... ބަލައިގެން ދައްޗޭ، އަރްސަލް އެކަނި ދިއުމަށްވުރެ ރާދިންއަށް ގުޅަންވީނު... އެނގޭ މިހާރު ތި ސިކުނޑީގައި އެތައް ޚިޔާލުތަކެއް އެނބުރެމުންދާނޭކަން، ދަރިފުޅަށް އަޑުއިވުނީ ފަހަރެއްގައި ދަރިފުޅު އަޑުއަހަން ބޭނުންނުވާ ވާހަކަތަކެއްހެން ބައްޕައަށް ހީވޭ" ބިލާލުގެ އަޑުގައިވީ މީގެ ކުރީން ވެސް އެކުލެވޭ ކަންބޮޑުވުމާއި އޯގާތެރިކަމެވެ. އެހެންނަމަވެސް އެކަން އަރްސަލްއަށް ފާހަގަކުރެވި ހިތަށް އަސަރުތަކެއް ކުރީ މިފަހަރުއެވެ.

"އައި ވިލް ބީ އޯލްރައިޓް" އަރްސަލް ނިކަން އަވަހަށް ބުނެލުމާއެކު ނުކުމެގެން ހިނގައްޖެއެވެ.

"އަނީޤާ! އަހަރެން ކަލެއަށް މަޢާފުކުރީ އަރްސަލްއަށް ޓަކައި... އަހަންނަށް އެ ދަރިފުޅު ދިނީތީ، ކަލޭގެ ނުބައިކަމުގެ އަސަރު އެ ދަރިފުޅަށް ނުކުރީތީ، ކަލޭ ކަހަލަ އަންހެނަކަށް މަޢާފު ހައްޤެއް ވެސް ނޫން، ހަމައެކަނި ކަލޭގެ މަތިން ހަނދާންކުރަން މަޖުބޫރުވީ އެ ދަރިފުޅުގެ ސަބަބުން، އެކަމަކު މިކަން މި ނިމުނީ... އަރްސަލްއަށް އޭނާގެ މަންމައަކީ ކާކުކަން އަހަންނަށް ބުނެދެވިއްޖެ، އެ ބުރަކަން ފިލައިގެން ހިނގައްޖެ... އެ ދަރިފުޅަށް އެނގެންވީ ވަގުތު ޖެހުނީ އަދިކިރިޔާ... އަރްސަލް ބުނީ ރަނގަޅަށް، ހުރިހާ ކަމެއް ވެސް ވާނީ އެކަމެއްވާން އިރާދައިގައި އޮތްގޮތަށް" މޭޒުމަތީ އޮތް ސިޓީ ބިލާލު ނަގައި އަތުގެ ތެރެއަށް ބޮނޑިކޮށްލިއެވެ.

"އަރްސަލްގެ ހިތުގައިވަނީ ކީކޭކަމެއް ނޭނގޭ... އޭނާ މި ހުރިހާ ކަމެއް ނަގާނޭ ގޮތެއް ވެސް ނޭނގެ، ހަޤީޤަތް އެނގުމުން އަހަންނަށް ލިބުނު ޝޮކު އެނގޭ، އަރްސަލްއަށް ވެސް ޤަބޫލުކުރަން ދަތިވިކަން އޭނާއަށް ވީގޮތުން އެނގޭ... ކޮށްގެންނުވާނޭވަރު ކަމެއް އަރްސަލް ކޮށްފާނެތަ؟ ނުކުމެގެން ދިޔައިރު ރުޅި އައިސްފައިކަމެއް ހުރީ ވެސް ނޭނގެ" ކުއްލިއަކަށް އަރްސަލްއާ މެދު ބިލާލު ކަންބޮޑުވިއެވެ. ޖީބުގައި އޮތް ފޯނު ނަގައި ނިކަން އަވަހަށް ރާދިންއަށް ބިލާލު ގުޅިއެވެ.

"ރާދިން! އަރްސަލް ގެއަށް އައުމުން ބައްޕައަށް އަންގާލައްޗޭ، އިރުކޮޅެއްވެއްޖެ މިގެއިން ދިޔަތާ... މިރޭ އަރްސަލްއާ ދުރަށް ރާދިން ނުދައްޗޭ" ހާސްވެފައި ހުރެ ބިލާލު ބުނެލިއެވެ.

"ކިހިނެއްވީ ބައްޕާ؟ އަރްސަލް ދެބަސްވެފައިތަ ނުކުމެގެން އައީ" ރާދިން އަހާލިއެވެ.

"ދެބަހެއްނުވޭ... އަރްސަލްގެ މަންމައާ ބެހޭގޮތުން ވާހަކަދައްކާފައި އެ ދިޔައީ... އަރްސަލް އެނގެން ބޭނުންވި ހަޤީޤަތް ބައްޕަ ކިޔައިދިނީ، އަރްސަލް ވަކި އެއްޗެއް ނުބުނެ ނުކުމެގެން އެ ދިޔައީ... ރުޅި އައިސްފައިކަމެއް ނޫނީ ދެރަވެފައިކަމެއް ވެސް ނޭނގެ ހުރީ... އެހެންވެ ކަންބޮޑުވީ" ބިލާލު ބުނެލިއެވެ.

"ބައްޕަ ހާސްނުވޭ... އަރްސަލް އައީމަ އަޅުގަނޑު ގުޅާނަން" ރާދިން ޔަގީންކަން ދިނެވެ.

* * * * *

ބިލާލު ގުޅިފަހުން ރާދިން ސިޓިންރޫމު ސޯފާގައި އިނެވެ. އިރުއިރުކޮޅާ އަތުކުރީ އޮތް ގަޑިއަށް ބަލާލައެވެ. ދެގަޑިއިރު ފާއިތުވެގެންދިޔަ ފަހުން އަނެއްކާ ވެސް ބިލާލުގެ ކޯލު އަތުވެއްޖެއެވެ.

"ބައްޕާ! އަރްސަލް އަދިވެސް ނާދޭ ގެއަކަށް" ރާދިން ބުނެލިއެވެ.

"ކޮންތާކަށްބާ އެ ދިޔައީ... ދަރިފުޅު ގުޅާބަލަ އަރްސަލްގެ ފޯނަށް" ބިލާލުގެ އަޑުން އޭނާ އިތުރަށް ކަންބޮޑުވީކަން ރާދިންއަށް އެނގުނެވެ. ހަމައެއާއެކު ބިލާލުގެ ވާހަކައިން ރާދިންގެ ސިކުނޑީގެ ކަނަކުން ކަމެއް ހަނދާންކޮށްލަ ދިނެވެ.

"އަޅުގަނޑު... ބައްޕާ! އަޅުގަނޑު އެބަ ގުޅަން... އަޅުގަނޑަށް ހީވާ ތަނުގައިތޯ އަރްސަލް ހުރީ ޔަގީންކޮށްފައި އެބަގުޅަން" ރާދިން މިހެން ބުނުމާއެކު ބިލާލު ވެސް އެއްބަސްވެފައި ފޯނުކޯލު ކަނޑާލިއެވެ. އެއާއެކު ރާދިން އަވަހަށް ޑައިލް ކުރީ ނިމްރާގެ ނަންބަރަށެވެ.

"ޑާލިންގް! އަރްސަލް އެބައުޅޭތަ؟" ނިމްރާ ކޯލަށް ޖަވާބުދިނުމާއެކު ވަގުތުން ރާދިން އަހާލިއެވެ. (ނުނިމޭ)