ބޮލީވުޑް

މަދޫބާލާގެ ހަޔާތައްވެސް ފިލްމެއް

މިދިޔަ މަހު 29 ގައި ރިލީޒްކުރި، ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށް ގެނެސްދިން ފިލްމު "ސަންޖޫ" ގެ ކާމިޔާބީއަށްފަހު ބޮލީވުޑްގެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން މިހާރު ތިބީ އެކި މީހުންގެ ހަޔާތައް ފިލްމުތައް އުފެއްދުމަށް ފޫގަޅާލައިގެންނެވެ.

އަނެއްކާވެސް މިއޮތީ އެފަދަ ފިލްމެއް ގެނެސްދެން އުޅޭ ހަބަރެވެ. ނަވާރަސްތޭކަ ސާޅިހާއި ފަސްދޮޅަހުގެ އަހަރުތަކުގެ ދެމެދުގައި ބޮލީވުޑްގެ ފިލްމުތަކުން ވިދާލި ބަތަލާ މަދޫބާލާގެ ހަޔާތައް ފިލްމެއް ގެނެސްދެނީ އެވެ. މި ފިލްމު ގެނެސްދިނުމަށް އޭނާގެ ކޮއްކޮ، މަދުރް ބްރިޖް ބުޝަން މިހާރު ވަނީ އެއްބަސްވެފަ އެވެ.

މަދޫބާލާ މަރުވި ފަހުން އޭނާގެ ހަޔާތައް ފިލްމު އުފެއްދުމަށް ބޮލީވުޑްގެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ ފަރާތުން މަދުރްގެ ފަރާތުން ހުއްދަ ހޯދުމަށް ގޮސްފައިވެ އެވެ. ނަމަވެސް ރަނގަޅު ވަގުތު ޖެހެންދެން މަޑުކުރަނީ ކަމަށް ބުނެ އޭނާ އެ ހުރިހާ މީހުނަށް އައީ ނޫނެކޭ ބުނަމުންނެވެ. މަދޫބާލާގެ ހާޔާތައް ފިލްމެއް ތައްޔާރު ކުރާނެކަން ހާމަކުރީ އޭނާ އާންމުކުރި ބަޔާނެއްގަ އެވެ.

"އަހަރެންގެ ދައްތަގެ ހަޔާތަށް ފިލްމެއް ތައްޔާރު ކުރަން ނިންމައިފިން. މި ފިލްމު ޕްރޮޑިއުސްކުރާނީ އަހަރެންގެ ވަރަށް ގާތް ރަހުމަތްތެރިއެއް. މަދޫބާލާއަށް ހެޔޮއެދުނު އެންމެނާއި އަދި ފިލްމު އުފައްދާ މީހުން ވެސް އަހަރެންގެ ހުއްދަނެތި ދައްތަގެ ހަޔާތުގެ މައްޗަށް ފިލްމެއް ނޫއުފެއްދުމަށް އެދެން. ފިލްމާއި ގުޅޭ ތަފްސީލު ވަރަށް އަވަހަށް ހާމަކުރާނަން." އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފިލްމާއި ގުޅޭ އެއްވެސް ތަފްސީލެއް އަދި ހާމަނުކުރާ ނަމަވެސް އިންޑިއަން އެކްސްޕްރެސް ޓްރިބިއުންގައި ބުނެފައި ވާގޮތުން މަދޫބާލާގެ ރޯލު ކުޅުމަށް ނާގާނެ ކަމަށް ބެލެވެނީ މަޝްހޫރު ބަތަލާ ކާރީނާ ކަޕޫރް ޚާނެވެ. މި ފިލްމާއި ގުޅޭ ތަފްސީލުތައް މި އަހަރު ފަހުކޮޅު ހާމަކުރާނެ ކަމަށް ބެލެވެ އެވެ.

މާދޫބާލާ މަޝްހޫރުވެފައި ވަނީ އިންޑިއަން ސިނަމާގެ ވީނަސް ތަރީގެ ނަމުންނެވެ. އޭނާގެ ރީތިކަމާއި ހިނުތުންވުމާއި ލޮލުގެ އަސަރުގަދަ ޖަޒުބާތުގެ ޖާދުލުގައި އެތައް ބަޔަކު ޖައްސާ، ދީވާނާ ކުރި އެވެ. އޭނާގެ އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "މުގަލް-އޭ-އާޒަމް" އާއި "ޗަލްތީ ކާ ނާމް ގާޑީ" އަދި "މަހަލް" ހިމެނެ އެވެ. ހިތުގެ ބައްޔަކަށް ފަރުވާކުރަމުން ދަނިކޮށް މަދޫބާލާ މަރުވީ 1969 ގަ އެވެ. އޭރު އޭނާގެ އުމުރަކީ 36 އެވެ.