ކުޅިވަރު

ބްރެޒިލްގެ ޒުވާން މިޑްފީލްޑާ އަރުތާ މެލޯ ބާސާއަށް

ބްރެޒިލްގެ ގްރޭމިއޯއަށް ކުޅެމުން ދިޔަ މިޑްފީލްޑަރު އަރުތާ މެލޯ ބާސެލޯނާއަށް ސޮއި ކޮށްފި އެވެ.

އަރުތާ ޓްރާންސްފާއާ މެދު، ގްރޭމިއޯ އާއި ބާސެލޯނާއާ ދެމެދު އެއްބަސްވީ އޭޕްރީލް މަހު އެވެ. ޓްރާންސްފާގެ އެއްބަސްވުން ލަސްވީ ބާސެލޯނާއިން ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ފުރިހަމަ ވަންދެންނެވެ.

ބާސެލޯނާއިން ވަނީ މީގެ ދެ ދުވަސް ކުރިން، މި ދިޔަ ސީޒަންގައި އެ ކުލަބަށް ގެނައި، ބްރެޒިލްގެ މިޑްފީލްޑާ ޕައުލީނިއޯ އަލުން ޗައިނީޒް ސްޕަލީގްގެ ގްއަންޒޫއަށް ވިއްކާލާފަ އެވެ. ބެލެވޭ ގޮތުގައި އަރުތާގެ ޓްރާންސްފާ ލަސްވެގެން ދިޔައީ ޕައުލީނިއޯ މެދު ވަކި ގޮތެއް ނިމެންދެން މަޑު ކުރުމަށެވެ.

އަރުތާގެ ސޮއި ހޯދުމަށް ބާސެލޯނާއިން ވަނީ، 40 މިލިއަން ޔޫރޯ، ގްރޭމިއޯ އަށް ދީފަ އެވެ. އުމުރުން 21 އަހަރުގެ ކުޅުންތެރިޔާ ވަނީ ބާސާއާއެކު ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.

ބްރެޒިލްގެ ޒުވާން ގައުމީ ޓީމުތަކަށް ކުޅެފައިވާ، އަރުތާގެ ސޮއި ހޯދުމަށް އެހެން ކުލަބަކަުން ބޭނުން ވެއްޖެނަމަ 400 މިލިއަން ޔޫރޯ ބާސެލޯނާއަށް ހުށަހަޅަން ޖެހެ އެވެ. އަރުތާ ވަނީ ޗެލްސީ އާއި ބްރެޒިލްގެ ގައުމީ ޓީމުގެ ކުރީގެ ކޯޗް ލުއިޒް ފިލިޕޭ ސްކޮލާރީގެ ކޯޗު ކަމުގެ ދަށުން ގްރޭމިއޯއަށް ކުޅެފަ އެވެ.