ބާސެލޯނާ

ނޭމާ އާއި ލައުޓާރޯގެ ޓްރާންސްފާ ބާސާއިން ހުއްޓާލައިފި

ބާސެލޯނާ އިން އަލުން ގެންނަން މަސައްކަތް ކުރާ، ނޭމާ ޖޫނިއާ އާއި އިންޓަ މިލާންގެ ލައުޓާރޯ މާޓިނޭޒްގެ ޓްރާންސްފާގެ މަސައްކަތް ބާސާއިން ހުއްޓާލައިފި އެވެ.

ނޭމާ އާއި މާޓިނޭޒް ގެންނަ ނަމަ، ކޮންމެ ކުޅުންތެރިޔެއްގެ ޓްރާންސްފާއަށްވެސް ބޮޑު ހޭދައެއް ކުރަން ޖެހޭނެ އެވެ. ކޮވިޑްގެ ހާލަތާ ގުޅިގެން ކުރިމަތި ވެފައިވާ މާލީ ތަދުމަޑުކަމުގެ ސަބަބުން އެވަރުގެ ބޮޑު އަގެއް އެއް ކުޅުންތެރިޔަކަށް ހޭދަ ކުރާކަށް ބާސާއިން މިވަގުތު ބޭނުމެއް ނުވެ އެވެ.

ކޮވިޑްގެ ހާލަތު މެދުވެރި ވުމުގެ ކުރިން އިންޓަމިލާންގެ ފޯވަޑް މާޓިނޭޒް ގެނައުމަށް ބާސާއިން ތައްޔާރުވި އެވެ. އާޖެންޓީނާގެ ގައުމީ ޓީމުގައި ކެޕްޓަން ލިއޮނަލް މެސީ އާއެކު ކުޅޭތީ މާޓިނޭޒް އާއި މެސީގެ ކޮމްބިނޭޝަން ދެމެހެއްޓުމުން ބާސާއަށް ވެސް ފަސޭހަ ވާނެތީ، އެ ކުލަބުން ވަނީ ޓްރާންސްފާގެ ވާހަކަތައް ކުރިން ދައްކާފަ އެވެ.

ކެޓަލޯނިއާ އަށް ނިސްބަތްވާ ކުޅިވަރު ނޫސް "ސްޕޯޓްސް" އަށް ދިން އިންޓަވިއުގައި ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓެމެއު ވިދާޅުވީ، މާޓިނޭޒްގެ ޓްރާންސްފާއާ ގުޅޭގޮތުން އިންޓައާ ވާހަކަ ދެއްކި ކަމަށާއި އެހެންނަމަވެސް ފަހުން ވާހަތައް ހުއްޓުނީ ކަމަށެވެ.

"މިހާލަތު ތަނެއް ނުދޭ ބޮޑު ހޭދައެއް ކުރާކަށް." ބާޓެމެއު ވިދާޅުވި އެވެ.

ނޭމާ އަލުން ބާސާ އަށް ގެނައުމަށް މިދިޔަ ދެ އަހަރުވެސް ބާސާއިން މަސައްކަތް ކުރި އެވެ. ބާސެލޯނާ ދޫކޮށް 2017 ވަނަ އަހަރު ޕީއެސްޖީއަށް ނޭމާ ބަދަލުވި ފަހުން އޭނާގެ މަގާމު ފޫބެއްދުމަށްޓަކައި ބާސާއިން ވަނީ 400 މިލިއަން ޔޫރޯ އާ ގާތް ކުރާ އަދަދަކަށް އެކިއެކި ކުޅުންތެރިންނަށް ޓްރާންސްފާގައި ހޭދަ ކޮށްފަ އެވެ. އެހެންނަމަވެސް ނޭމާގެ މަގާމު ފޫބައްދަން އެކަށީގެންވާ ހައްލެއް ހޯދިފައެއް ނުވެ އެވެ.

"މިހާލަތުގައި ނޭމާގެ ޓްރާންސްފާ އަކީ ކުރަން އެކަށީގެންވާ ހޭދައެއް ނޫން،" ބާޓެމެއު ވިދާޅުވި އެވެ. "އަނެއް ކޮޅުން ޕީއެސްޖީން އޭނާ ދޫކޮށްލާކަށް ބޭނުމެއް ނުވޭ، ވާނީވެސް އެހެން، އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެއް."

ކުރިން ލާފާ ކޮށްފައިވާ ގޮތުން، އަންނަ އަހަރު ވެގެންދާނީ ވޯލްޑް މަނީ ލީގްގައި ބާސާއަށް ހާއްސަ އަހަރަކަށެވެ. އެއް ބިލިއަން ޑޮލަރުގެ އާންމުދަނީއެއް ހޯދާ ފުރަތަމަ ފުޓްބޯޅަ ކުލަބަކަށް ބާސާ ވާނެ ކަމަށް ކުރިން ވަނީ ލަފާ ކުރެވިފަ އެވެ. ނަމަވެސް ބާޓެމެއު ވިދާޅުވީ މިހާލަތުގެ ސަބަބުން އެ ޓާގެޓަށް ވާސިލުވުން މަޑުޖެހިފައިވާ ކަމަށެވެ.