ނޭމާ

ބާސާއަށް ހަ މިލިއަން ޔޫރޯ ދިނުމަށް ނޭމާއަށް އަމުރުކޮށްފި

ބޯނަސް އާ ގުޅޭގޮތުން ނޭމާގެ ފަރާތުން ބާސެލޯނާ އާ ދެކޮޅަށް ހުށަހެޅި މައްސަލަ ނާކާމިޔާބުވެ، ބާސާއަށް 6.7 މިލިއަން ޔޫރޯ ދިނުމަށް ނޭމާގެ މައްޗަށް ކޯޓުން ހުކުމް ކޮށްފި އެވެ.

ނޭމާގެ ފަރާތުން ބާސެލޯނާގައި ހުންނަ ސޯޝަލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ، ބާސެލޯނާގެ ކޮންޓްރެކްޓް 2016 ވަނަ އަހަރު އޭނާ އާ ކުރުމުން ބޯނަސްގެ ގޮތުގައި އޭނާ އަށް ދޭން ކުލަބުން އެއްބަސްވެފައިވާ 43.6 މިލިއަން ޔޫރޯ ދިނުމަށެވެ. ނަމަވެސް ކޯޓުން ހުކުމް ކޮށްފައި ވަނީ ބާސާގެ އެއްބަސްވުމާ ނޭމާ ހިލާފު ވެފައިވާ ކަމަށެވެ. އަދި ބަދަލުގެ ގޮތުގައި 6.7 މިލިއަން ޔޫރޯ ދިނުމަށެވެ.

ބާސެލޯނާ ދޫކޮށް ނޭމާ ޕީއެސްޖީއަށް 2017 ގައި ބަދަލުވީ ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށެވެ. އެ އަހަރު ބާސެލޯނާއިން ބުނީ ކޮންޓްރެކްޓްގެ އުސޫލާ ހިލާފު ވެފައި ވުމުން ނޭމާގެ މައްޗަށް ދައުވާ ކުރާނެ ކަމަށެވެ. ބަދަލުގެ ގޮތުގައި 6.7 މިލިއަން ޔޫރޯ ބާސާ އަށް ދިނުމަށް ނޭމާގެ މައްޗަށް އެންގީ ބާސާއިން ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

އެ ހިސާބުން ފެށިގެން ދެ ފަރާތުގެ ދެމެދުގައި ގާނޫނީ ގޮތުން މައްސަލަތަކެއް ކުރިއަށް ދިޔަ ނަމަވެސް ބާސެލޯނާއިން ވަނީ މިދިޔަ ދެ އަހަރުވެސް ނޭމާ އަނބުރައި އެ ޓީމަށް ގެންދަން މަސައްކަތް ކޮށްފަ އެވެ. އެކަމަށް ޕީއެސްޖީއަށް ބާރު އެޅުމުގެ ގޮތުން ނޭމާ ވެސް، މިދިޔަ އަހަރު ޕްރީ ސީޒަންގެ ޕްރެކްޓިހަށް ނުކުތުންވެސް ހުއްޓާލި އެވެ.

ނަމަވެސް ފަހުން ޕީއެސްޖީގެ ސްޕޯޓިން ޑައިރެކްޓާ ލިއަނޯޑޯ ބުނީ، ބާސާ އިން އެއްބަސްވިގޮތާ ހިލާފުވުމުން ޓްރާންސްފާ މުއާމަލާތް ހުއްޓިފައިވާ ކަމަށެވެ.