ނޭމާ

ނޭމާގެ ޓްރާންސްފާގެ ދޮރު ބަންދު ވަނީ

ބާސެލޯނާ އާއި ރެއާލް މެޑްރިޑުން ގެންދަން މަސައްކަތް ކުރާ ޕީއެސްޖީގެ ނޭމާ ޖޫނިއާގެ ޓްރާންސްފާއާ މެދު ވަކި ގޮތެއް ހަމަނުޖެހި ދެ ކުލަބަށް ދޮރު ބަންދުވުމުގެ ފުރުސަތު ބޮޑު ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 222 މިލިއަން ޔޫޜޯގެ އަގަކަށް ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ނޭމާ އަލުން ބާސާއަށް ގެންދިއުމަށް އެ ކުލަބުން ވަނީ 130 މިލިއަން ޔޫރޯ އާއި އެ ޓީމުގެ މިޑްފީލްޑާ އީވާން ރަކިޓިޗް އާއި ޑިފެންޑަރު ޖީން ކްލިއާ ޓޮޑިބޯ ޕީއެސްޖީއަށް ދާއިމީކޮށް ދޫކޮށްލުމުގެ އިތުރަށް ލޯން އެއްބަސްވުމުގެ ދަށުން އެއް އަހަރު ދުވަހަށް އުސްމާން ޑެމްބެލޭ ދޫކޮށްލުމަށް ހުށަހަޅާފަ އެވެ.

ބާސާ އަށް ނޭމާ ބަދަލު ވުމުގެ ވާހަކަތައް ވަރަށް ބޮޑަށް ފެތުރިފައި ވީނަމަވެސް، ބާސާއިން ހުށަހެޅި ޕެކޭޖަށް ޕީއެސްޖީން މިހާތަނަށް އާނ ބަސް ބުނެފައެއް ނުވެ އެވެ. ޔޫރަޕްގެ ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑް ނިމެން ބާކީ މިހާރު އޮތީ ދެ ދުވަހެވެ.

ރެއާލް މެޑްރިޑުން ވެސް ވަނީ ފައިސާގެ އިތުރުން އެ ޓީމުގެ ހަމޭސް ރޮޑްރިގޭޒް އާއި ކޭލޯ ނާވަސް ދިނުމަށް ހުށަހަޅާފަ އެވެ. ނަމަވެސް ރެއާލްގެ ހުށަހެޅުމަށްވެސް ޕީއެސްޖީން އާނ ބަސް ބުނެފައެއް ނުވެ އެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ނޭމާގެ ޑީލްގައި ނުޖެހި ޕީއެސްޖީއަށް ބަދަލުވުމަށް ރެއާލްގެގެ ކީޕަރު ނާވަސް ދަނީ މަސައްކަތް ކުރަމުންނެވެ. ނޭމާގެ ޑީލްގައި ރެއާލް މެޑްރިޑްގެ ވިނީސިއަސް ޖޫނިއާ ދޫކޮށްލުމަށް ޕީއެސްޖީން ވަނީ ހުށަހަޅާފަ އެވެ.

ނަމަވެސް، ރެއާލްގެ ޒުވާން ވިންގާ އެހެން ޓީމަކަށް ދޫކޮށްލުމުގެ ވިސްނުމެއް ރެއާލުން ނުގެންގުޅެ އެވެ. ސްޕެއިންގެ މީޑިއާ ތަކުން ބުނާ ގޮތުގައި ބާސެލޯނާ ނޫން ޓީމަކަށް އޭނާ ނުފޮނުވަން ޕީއެސްޖީގެ މެނޭޖުމެންޓްގައި ނޭމާ ވަނީ އެދިފަ އެވެ.