މެސީ

ނޭމާ ރެއާލް ބަދަލުވެދާނެ ކަމަށް ހީކުރެވުނު: މެސީ

ޕީއެސްޖީ ދޫކޮށް ރެއާލް މެޑްރިޑަށް، ނޭމާ ބަދަލުވެ ދާނެ ކަމަށް ހީކުރެވުނު ކަމަށް، ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

މެސީ ބުނީ، ނޭމާ ޕީއެސްޖީ ދޫކޮށްލަން ވަރަށް ބޮޑަށް ބޭނުންވެފައި ހުރިކަން އެނގޭ ކަމަށާއި އެހެންވެ ޕީއެސްޖީ ދޫކޮށްލަން ވެގެން ރެއާލްއަށް އޭނާ ބަދަލުވެދާނެ ކަމަށްވެސް ހިތަށް އެރި ކަމަށެވެ. ނޭމާ ހުރީ ޕީއެސްޖީ ދޫކޮށް ބާސެލޯނާ އަށް ބަދަލުވާން ބޭނުންވެފަ އެވެ.

"އަހަރެން ހީކުރީ އޭނާ އަށް މިތަނަށް [ބާސެލޯނާ އަށް] ނާދެވުނީމަ އޭނާ ރެއާލް މެޑްރިޑަށް ނަމަވެސް ހިނގައިދާނެ ކަމަށް،" ކެޓަލޯނިއާގެ ރޭޑިއޯ ސްޓޭޝަނަކަށް ދިން އިންޓަވިއުގައި މެސީ ބުންޏެވެ. "އޭނާ ހުރީ ޕެރިސް ދޫކޮށްލަން ވަރަށް ބޭނުންވެފަ، އޭނާ ވެސް އެކަން ހާމަ ކުރި."

"އެހެންވެ އަހަރެން ހީކުރީ [ރެއާލް މެޑްރިޑްގެ ރައީސް] ފޮލޮރެންޓީނޯ [ޕެރޭޒް] ކޮންމެވެސް ކަމެއް ކުރާނެއޭ ނޭމާ ގެންދަން."

މެސީ ކުރިން ވަނީ، ނޭމާ ބާސާއަށް ގެނައުމަށް ޝައުގުވެރިވާކަން ހާމަކޮށްފަ އެވެ. އޭނާ ބުނެފައި ވަނީ ނޭމާ އަކީ ކޮންމެ ޓީމަކުން ވެސް ބޭނުންވާނެ ކުޅުންތެރިޔެއް ކަމަށެވެ.

ސެވިއްޔާ އާ ދެކޮޅަށް ބާސާ ކުޅުނު މެޗުގައި، ބާސާގެ ފޯވަޑް އުސްމާން ޑެމްބެލޭއަށް ދެއްކި ރަތް ކާޑާ ބެހޭގޮތުން ވެސް މެސީ ވާހަކަ ދެއްކި އެވެ. އޭނާ ބުނީ، ސްޕެއިން ބަހުން އުނދަގުލުން ޑެމެބެލޭ ވާހަކަ ދައްކާއިރު ވެސް އޭނާ ބުނި އެއްޗެއް މެޗުގެ ރެފްރީއަށް ސާފުވެ ރަތް ކާޑު ދެއްކުމުން ހައިރާން ވާ ކަމަށެވެ.