ރެއާލް މެޑްރިޑް ދޫކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކުލަބު ބަދަލު ކުރި ގޮތަށް، ލިއޮނަލް މެސީވެސް ބާސާ ދޫކޮށް ހިނގައިދާނެ ކަމަށާއި އެކަމާ ބާސާއިން ސަމާލުވެ ތިބެން ޖެހޭނެ ކަމަށް ކުރިން ބާސާއަށް ކުޅުނު މިޑްފިލްޑަރު ޖޯޑީ ކްރައިފް ބުނެފި އެވެ.
ބާސާ އާއި ހޮލެންޑްގެ ފުޓްބޯޅަ ލެޖެންޑް ޔޯހާން ކްރައިފްގެ ދަރިފުޅު ޖޯޑީ ކްރައިފް ބުނީ، ރެއާލް މެޑްރިޑް ދޫކޮށް ރޮނާލްޑޯ ދިއުމަކީ ބާސާއަށް އިންޒާރެއް ކަމަށާއި، މެސީވެސް ނުދާނެ ކަމަށް ބުނެ ސަމާލުކަން ނުދީ ތިބެގެން ނުވާނެ ކަމަށެވެ. ބާސެލޯނާއެކު މެސީ މިހާރު ހަދާފައިވާ ކޮންޓްރެކްޓްގައި (މި ސީޒަން ނުހިމަނައި) ބާކީ އޮތީ ދެ ސީޒަނެވެ.
ޗައިނާގެ ސުޕަ ލީގްގެ ކުލަބު، 'ޗޮންގްކްއިންގް ޑަންގްޑައި ލިފާން އެފްސީ' އަށް މިހާރު ކޯޗު ކޮށްދޭ ކްރައިފް ބުނީ، ރެއާލް މެޑްރިޑްގެ ސްކޮޑަކީ މިހާރުވެސް ވަރުގަދަ ސްކޮޑެއް ކަމަށާއި އެހެންނަމަވެސް އެޓީމަށް މައްސަލަ ކުރިމަތިވީ ރޮނާލްޑޯ ފަދަ ކުޅުންތެރިޔަކު ކުއްލިއަކަށް ކުލަބު ދޫކޮށްލުމުން ކަމަށެވެ.
"[ރެއާލް] މެޑްރިޑަކީ މިހާރުވެސް ވަރުގަދަ ކުޅުންތެރިންތަކެއް ތިބި ސްކޮޑެއް،" ކްރައިފް ބުންޏެވެ. "އެހެންނަމަވެސް ފުޓްބޯޅައިގައި ބޭނުންވޭ، ޓީމު 2-0 އިން ބަލިވެފައި އޮންނައިރުވެސް، އެކުޅުންތެރިޔެއްގެ ސަބަބުން ޓީމު މޮޅުކޮށްދޭނެ ކަމަށް ބެލެވޭ ކުޅުންތެރިޔެއް، މެސީ އަކީ އެކަހަލަ ކުޅުންތެރިޔެއް،"
މި ސީޒަންގައި، މެސީ ވަނީ މިހާތަނަށް ވަނީ 20 މެޗުން 21 ލަނޑު ޖަހާފަ އެވެ. މި ސީޒަންގައި އޭނާގެ ފަރާތުން އާދަޔާ ހިލާފް މޮޅު ކުޅުމެއް ދަނީ ފެންނަމުންނެވެ. ކްރައިފް ބުނީ ރޮނާލްޑޯ ރެއާލް އަށް ކުޅުނު އިރު، އޭނާ އަކީ އެކުލަބުގެ ބާސާގައި މެސީ ކަމަށެވެ.
"މުޅި [އެ] ޓީމު ހިފަހައްޓަނީ ކްރިސްޓިއާނޯ،" ކްރައިފް ބުންޏެވެ. "ކަލޭމެން އެނަލައިޒް ކުރޭ މެޑްރިޑް އޭރުގެ ކުޅުން، ކަލޭމެންނަށް ފެންނާނެ މުޅި ޓީމުގެ ކުޑަ ހިފަހައްޓަނީ ރޮނާލްޑޯ، ވާރޭ ވެހޭނަމަ އެއްވެސް މީހަކު ނުއެއް ތެމޭނެ، ނަމަވެސް މިހާރު ބަލާ އެ ޓީމުގައި ކުޑައެއް ނެތް."
އޭނާ ބުނީ، މެސީ އެހެން ކުލަބަކަށް ހިނގައްޖެނަމަ ބާސާއަށް ވެސް އެ މައްސަލަ ދިމާވާނެ ކަމަށެވެ.