ރެއާލް މެޑްރިޑް

މެސީ ބެންޗަށް، ވަލްވެރުޑޭ ހޫނު ފެނަށް

އޭނާގެ ކުރީގެ ޓީމު، އެތުލެޓިކް ބިލްބާއޯ އަތުން ބާސެލޯނާ އެއްވަރުވުމުން، ބާސާގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭއަށް ފާޑު ކިޔުން އޮއްސާލައިފި އެވެ.

ވަލްވެރުޑޭއަށް އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވި އެއްކަމަކީ، ޓީމުގެ ކެޕްޓަން ލިއޮނަލް މެސީއަށް ފުރަތަމަ 11 އިން ފުރުސަތު ނުދިނުމެވެ. ބިލްބާއޯއިން ލީޑްގައި މެޗު ނިންމާން ދަނިކޮށް، ބާސާއަށް ޕޮއިންޓެއް ހޯދައިދިނީ މެސީ ދަނޑަށް ނިކުމެ ތަނަވަސްކޮށްދިން ފުރުސަތުންނެވެ.

މެސީ ބެންޗު ފަށަން ނިންމުމުން، އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން ވަލްވެރުޑޭ ބުނީ، މެސީއަށް ފުރަތަމަ 11 އިން ފުރުސަތު ނުދިނީ އެއީ ޓީމަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެނުމުން ކަމަށެވެ.

"އަހަރެން ނިންމުމެއް ނިންމާއިރު އެންމެ ބޮޑަށް ބަލަނީ އަހަރެންގެ ޓީމަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ،" ކުރިން ބާސާއަށް ކުޅުނު ފޯވަޑް ބުންޏެވެ. "އަހަރެން އެކަން ނިންމަނީ އަބަދުވެސް މެޗު ފެށުމުގެ ކުރިން، އަހަންނަށް އެކަމެއް ނުނިންމޭނެ އޭގެ ފަހަކުންނެއް، އަދި އެކަން ރިވައިންޑްކޮށް ބަދަލު ކުރެވޭކަށްވެސް ނޯވޭ."

އޭނާ ބުނީ ސަޕޯޓަރުންނަށް އެންމެ ހިތްހަމަޖެހޭ ގޮތަކީ ކޮބައިކަން އެނގެނީ ސަޕޯޓަރުންނަށް ކަމަށާއި އޭނާ ނިންމީ ޓީމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށެވެ.

"އެއީ އަހަރެންގެ ފުރިހަމަ ޒިންމާއެއް، 10 ދުވަސްތެރޭ އަހަރެމެންނަށް ހަތަރު މެޗު އެބައޮތް، އަހަރެން ވިސްނީ ލިއޯ [މެސީ] އާއި [ސާޖިއޯ] ބުސްކެޓްސް ރެސްޓް ބޭނުންވެޔޭ، އަހަރެން އެހެންހެދީ ބުދަ ދުވަހު އަހަރެމެންނަށް ވަރަށް އުނދަގޫ މެޗެއް އޮތުމުން," ޗެމްޕިއަންސް ލީގްގައި ޓޮޓެންހަމް އާ ދެކޮޅަށް ކުޅޭ މެޗަށް އިޝާރާތްކޮށް ވަލްވެރުޑޭ ވާހަކަ ދެއްކި އެވެ. "އަހަންނަށް އެނގޭ އެއީ ކިހާ ރިސްކީކަމެއް ކަން، ނަމަވެސް އެކަން ރަނގަޅަށް ގޮސްފިއްޔާ ކަލޭމެން އަހަރެން ގާތު ތިހެނެއް ނާހާނެ."

އެތުލެޓިކްގެ ލަނޑު 41 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އޮސްކާ ޑީ މާކޯސް އެވެ. އެ ނަތީޖާއިން މެޗު ނިމެން ދަނިކޮށް މެޗުގެ ފަހު ކޮޅުގައި ބަސާއަށް ޕޮއިންޓް ހޯދައިދިނީ މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން މުނީރު އަލް ހައްދާދީ އެވެ.