ދިވެހި ސިނަމާ

"ނިވައިރޯޅި" އޮކްޓޯބަރު 15 ގައި ރިލީޒްކުރަން ނިންމައިފި

ގިނަ ފޭނުންތަކެއްގެ އެދުމުގެ މަތިން މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" އަންނަ އޮކްޓޯބަރު މަހު 15 ގައި ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

މި ފިލްމު ފުރަތަމަ އިއުލާނުކުރި ދުވަހުވެސް ވަނީ އަންނަ އޮކްޓޯބަރު މަހުގައި ފިލްމު ގެނެސްދޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރާއްޖޭގެ ރިޔާސީ އިންތިހާބާއި ވިދިގެން، އަހަރުގެ ފަހުކޮޅު ގައުމުގައި ސިޔާސީ ގޮތުން ހަލަބޮލިކަން އޮވެދާނެތީ ފިލްމު އަންނަ އަހަރަށް ފަސްކުރަންވެސް މީގެ ކުރިން ނިންމި އެވެ.

"ވަރަށް ގިނަ ފޭނުން އަޅުގަނޑުމެން ގާތުގައި ފިލްމު އަވަހަށް ގެނެސްދިނުމަށް އެދެމުންދާތީވެ، ފޭނުންނަށްޓަކައި އަންނަ އޮކްޓޯބަރު މަހު ރިސްކެއް ނަގައިގެންވެސް ފިލްމު ގެނެސްދިނުމަށް މިހާރު އަޅުގަނޑުމެއް ފައިނަލްކޮށްފިން. އިރާދަކުރެއްވިޔާ އަންނަ އޮކްޓޯބަރު މަހު 15 ގައި މި ފިލްމު ރިލީޒްކުރާނަން." ނިއުމާ ބުންޏެވެ.

"ނިވައިރޯޅި" ގެ ބޮޑުބައި މިހާރު ވަނީ ޝޫޓުކޮށް ނިންމާފަ އެވެ. އެގޮތުން ރ. އިނގުރައިދޫގައި ވަނީ މި ފިލްމުގެ ހުރިހާ އިންޑޯ މަންޒަރުތަކެއް ނަގާ ނިންމާފަ އެވެ. މިހާރު ކުރިއަށްދަނީ މާލޭގައި ނަގަންޖެހޭ އައުޓްޑޯ މަންޒަރުތައް ނެގުމުގެ މަސައްކަތެވެ. މި މަސައްކަތްވެސް ވަރަށް އަވަަހަށް ނިމިގެންދާނެ އެވެ.

"ނިވައިރޯޅި" ގެ ކާސްޓު ރ. އިނގުރައިދޫ ޝޫޓިން ނިންމާލުމަށްފަހު.

ނިއުމާއާއެކު މި ފިލްމުގެ ކާސްޓުގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތިމަތު ޒީނަތު (ޒީތު)، އަމިނަތު ރިޝްފާ، އަހްމަދު އަޒްމީލް (އަޒޭ)، އަހްމަދު ޒިޔާ، އަހްމަދު ސައީދު، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، އަމިނަތު ރަޝީދާ (އައިންތު)، ނާޝިދާ މުހައްމަދު (ނާއްކޮ)، އާމިނަތު ނިފާ ރަޝީދު، އަހްމަދު އާސިފް، އިސްމާއިލް ޒާހިރު، އަދި އަޖްނާޒް އަލީ ހިމެނެ އެވެ.

މަޝްހޫރު މޭކަޕް ބްރޭންޑް "ނޯޓް" ކޮސްމެޓިކްސް އަކީ މި ފިލްމު މޭކަޕް ޕާޓްނާ އެވެ.