ދުނިޔެ

ޖަޕާނަށް ވަރުގަދަ ބިންހެލުމެއް އަތުވެއްޖެ، ލޮޅުންތައް މުޅި ގައުމަށް!

May 31, 2015

ޖަޕާނު ގަޑިން އިރުއޮއްސި 6:30 ހާއިރު އައި ބިންހެލުމުގެ ލޮޅުންތައް މުޅި ޖަޕާނަށް ފެތުރުނު ކަމަށާއި ޓޯކިއޯގެ އިމާރާތްތަކަށް ވެސް ލޮޅުން އެރި ކަމަށް ބީބީސީން ބުންޏެވެ. އެކަމަކު އެއްވެސް ސީރިއަސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އަދި ސުނާމީގެ އިންޒާރެއް ވެސް ދީފައެއް ނުވެ އެވެ.

"މިއީ ވަރަށް ވަރުގަދަ ބިންހެލުމެއް. އެކަމަކު އެހާ އަޑިއަށް އައިމަ ސުނާމީއެއްގެ ބިރެއް ނެތް،" ޓޯކިއޯ ޔުނިވަސިޓީގެ ބިންހެލުމާ ބެހޭ ދިރާސާކުރާ ބައިގެ ވެރިޔާ ނައޮކީ ހިރާކާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، ޓޯކިއޯގެ އަލިފާން ނިއްވާ ޑިޕާޓްމަންޓުން ބުނި ގޮތުގައި ލޮޅުން އެރި ބައެއް އިމާރާތްތަކުން ވެއްޓުމާ ގުޅިގެން އެކި ވަރުގެ ހާނިއްކަ ވެފައިވާ ކަމަށް ބުނެ ބައެއް މީހުން އެ ޑިޕާޓްމަންޓަށް ގުޅާފައިވެ އެވެ. މީގެ އިތުރުން، ޓޯކިއާ އާއި އޮސާކާއާ ދެމެދު ދަތުރުކުރާ ހައި ސްޕީޑް ރޭލުން ކަރަންޓު ކެނޑުމުގެ ސަބަބުން އެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލަން ވެސް ޖެހުނެވެ.

"މި ވަރުގެ ކަމެއް މީގެ ކުރިން ތަޖުރިބާ ކުރެވިފައެއް ނެތް. އެހެންވެ، ވަރަށް ބިރުގަތް،" ބިންހެލުން އައި ސަރަހައްދުގައި އޮންނަ ހަހަޖީމާ ރަށުގައި އުޅޭ މިޗިކޯ އޮރީޓާ ބުންޏެވެ.

ދުނިޔެ އަށް ކޮންމެ އަހަރަކު އަންނަ ބާރުގަދަ ބިންހެލުންތަކުގެ ފަސް ބައިކުޅަ އެއްބައި ބިންހެލުން އަންނަނީ ޖަޕާނު ސަރަހައްދަށެވެ. ޖަޕާނަކީ ބިންހެލުން އެންމެ ގިނައިން އަންނަ އެއް ސަރަަހައްދުގައި އޮންނަ ގައުމެކެވެ.

މާޗު 11، 2011 ގައި އައި 9.0 މެގްނިޓިއުޑުގެ ބިންހެލުމާ ގުޅިގެން ޖަޕާނުގެ ތިން ސަރަހައްދަކަށް ސުނާމީ އަރައި 15،883 މީހަކު މަރުވި އެވެ. ވީގޮތެއް ނޭނގި ގެއްލިފައިވާ 2،500 އަށް ވުރެ ގިނަ މީހުން ހޯދުމުގެ މަސައްކަތް ވަރަކަށް ފަހަކާ ޖެހެންދެން ވެސް ޖަޕާނު ސަރުކާރުން ކޮށްފައިވެ އެވެ.