ހަބަރު

56 އަހަރުވުމުން ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތް ހެދޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން: ސުއޫދު

އުމުރުން 65 އަހަރުވެފައިވާ މީހަކަށް ރައީސުލް ޖުމްހޫރިއްޔާ ކަމަށް ކުރިމަތި ނުލެވޭނެ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިރޭ ވިދާޅުވެއްޖެ އެވެ.

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވަނީ ބިލެއް ހުށަހަޅުއްވައިފަ އެވެ. އެ ބިލްގެ ފުރަތަމަ ކިޔުން މާދަމާ ބާއްވާ ޖަލްސާގައި އިއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އެގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނެވޭނީ ފެންނަ ނުފެންނަ ވޯޓު (ރިފަރެންޑަމް) އަކުން ކަމަށް ސުއޫދު ވިދާޅުވީ އޭނާ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި ސުއޫދު ހަވާލާ ދެއްވާފައިވަނީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާއަށެވެ.

އެ މާއްދާއަކީ އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ހައްގާއި އިންތިޚާބުތަކުގައި ވާދަ ކުރުމުގެ ހައްގު ލިބިދޭ މާއްދާ އެވެ.

ގާނޫނު އަސާސީ ބުނާގޮތުން ގާނޫނު އަސާސީއަށް އިސްލާހު ގެނެސް މަޖިލީހުން ފާސްކުރާ ބިލްތަކުގެ ތެރެއިން އަސާސީ ހައްގުތަކާ މިނިވަންކަމާ ގުޅޭ ބާބުގައި ބުނާ އެއްވެސް މާއްދާއަކަށް އިސްލާހު ގެނެސް ފާސްކުރާ ބިލެއް ރައީސަށް ތަސްދީގު ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެ ބިލް ތަސްދީގު ކުރަން ފެންނަ ކަމަށް އަޣުލަބިއްޔަތު ލިބުމުންނެވެ. އެގޮތަށް އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ އެ ބިލެއް ބާތިލްވާނެ ކަމަށް ވެސް ގާނޫނު އަސާސީގެ 262 ވަނަ މާއްދާގައިވެ އެވެ.

އަސާސީ ހައްގުތަކާ މިނިވަންކަމާ ގުޅޭ ބާބުގައި ބުނާ އެއްވެސް މާއްދާއަކަށް އިސްލާހު ގެނެސް ފާސްކުރާ ބިލެއް ތަސްދީގު ކުރަން ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭއިރު އިންތިޚާބުތަކުގައި ވާދަ ކުރުމުގެ ހައްގު ލިބިދޭ 26 ވަނަ މާއްދާއަކީ ވެސް އަސާސީ ހައްގުތަކާ މިނިވަންކަމާ ގުޅޭ ބާބުގައި ހިމެނޭ މާއްދާ އެކެވެ.