ދުނިޔެ

17 ދުވަސް ފަހުން ތައިލަންޑު ޓީމު ހޮހޮޅައިން ސަލާމަތްކޮށްފި

ބެންގްކޮކް (ޖުލައި 10) - ތައިލަންޑުގެ ހޮހޮޅައެއްގެ ތެރޭގައި ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ވަންދެން ތާށިވެފައިތިބި ޒުވާން ފުޓުބޯޅަ ޓީމާއި އެ ކުދިންގެ ކޯޗު ސަލާމަތްކޮށްފި އެވެ.

ތައިލެންޑުގެ އުތުރުން ތޭމް ލުއާންގް ނޭންގް ނޮން ހޮހޮޅައަށް ޒުވާން ފުޓުބޯޅަ ޓީމުގެ 12 ކުޅުންތެރިން އެ ކުދިންގެ ކޯޗާއެކު ވަނީ ޖޫން 23 ގަ އެވެ. އެ ކުދިން ދިރިތިއްބާ ފެނިފައިވަނީ ނުވަ ދުވަސް ފަހުންނެވެ. 11 އަހަރާއި 16 އަހަރާއި ދެމެދުގެ އެ 12 ކުޅުންތެރިންނާއި 25 އަހަރުގެ ކޯޗު ހޮހޮޅައިގެ ތެރޭގައި ތާށިވެފައި ތިބިއިރު، އެ ޓީމު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ، ތައިލެންޑުގެ ސިފައިންގެ އިތުރުން އެމެރިކާ ސިފައިންނާއި ބޭރުގެ މަޝްހޫރު ޑައިވަރުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ތައިލަންޑުގެ ނޭވީ އާއި އެކި ގައުމުތަކުގެ ޑައިވަރުން ހިމެނޭ ގޮތަށް އެތަކެއް ސަތޭކަ ޑައިވަރުންނެއް ހަރަކާތްތެރިވި މި އޮޕަރޭޝަންގައި 12 ކުދިންނާއި އެ ކުދިންގެ ކޯޗު ސަލާމަތްކުރީ ތިން ދުވަސް މަތިންނެވެ.

ބޯކޮށް ވާރޭވެހި ހޮހޮޅައިގެ ތެރޭގައި ފެންބޮޑުވަމުން އަންނާތީ އެ ކުދިން ނުނެރެވި ވަގުތު ކުޑަތަންވަމުން އަންނަކަމަށް ބުނެ އެ އޮޕަރޭޝަން ފެށީ އާދީއްތަ ދުވަހެވެ. ފުރަތަމަ ދުވަހު ހަތަރު ކުދިން ސަލާމަތް ކުރުމަށްފަހު އޮޕަރޭޝަން މެދުކަނޑާލީ އިކުއިޕްމަންޓުތަކާއި ވައި ފުޅިތައް އާކުރުމަށް ކަމަށް ބުނެ އެވެ. އިއްޔެ ހެނދުނު އޮޕަރޭޝަން އަލުން ފަށާ ހަތަރު ކުދިން ސަލާމަތް ކުރުމަށްފަހު އަނެއްކާވެސް އޮޕަރޭޝަން މެދުކަނޑާލި އެވެ. ބާކީ ތިބި ހަތަރު ކުދިންނާއި އެ ކުދިންގެ ކޯޗު ސަލާމަތް ކުރުމުގެ މަސައްކަތް ފެށީ މިއަދު ހެނދުނެވެ. ގާތްގަނޑަކަށް 12 ގަޑިއިރު ފަހުން ހުރިހާ ކުދިންނާއި އެ ކުދިންގެ ކޯޗު ވަނީ ސަލާމަތުން ނެެރެވިފަ އެވެ.

އެ ކުދިން ސަލާމަތް ކުރީ ކިހިނެއް؟

ރަނގަޅަށް ފަތަން ވެސް ނޭނގޭ ޑައިވް ކުރުމުގެ އެއްވެސް ތަޖުރިބާ އެއް ނެތް ކުދިންތަކެއް، ވައި ފުޅި އަޅައިގެން ނުދެވޭ ހަނި ސަރަހައްދުތަކުން ނެރުނީ ޑައިވްކޮށްގެންނެވެ. މި އޮޕަރޭޝަންގައި ބޭރުގެ 13 ޑައިވަރުންގެ އިތުރުން ތައިލަންޑު ނޭވީގެ ފަސް ޑައިވަރަކު މި އޮޕަރޭޝަންގައި ހަރަކާތްތެރިވެ އެވެ.

އެކުދިން ތިބި ސަރަހައްދަށް ގޮސް އެނބުރި ނުކުންނަން ޖުމްލަ 11 ގަޑިއިރު ހޭދަވެ އެވެ. އެއީ އެ ކުދިންނާއި ހަމައަށް ދާން ހަ ގަޑިއިރު އަދި އެނބުރި ނުކުންނަށް ފަސް ގަޑިއިރެވެ. ނުވަ ދުވަސް ފަހުން އެ ބާރަ ކުދިންނާއި އެ ކުދިންގެ ކޯޗު ހޮހޮޅައިގެ ތެރޭގައި ދިރިތިއްބާ ފެނިފައިވީ ނަމަވެސް، ހޮހޮޅައިގެ ތެރޭގައި ފެންބޮޑުވެފައިވާތީ އެ ކުދިން ސަލާމަތް ކުރުމުގެ މަސައްކަތް އާދީއްތަ ދުވަހާއި ހަމައަށް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. އާދީއްތަ ދުވަހު އެ އޮޕްރޭޝަން ފަށާފައިވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި އެ ސަރަހައްދަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައިވާތީ ކަމަށްވެ އެވެ.

ހުރިހާ ކުދިންގެ ހާލު ރަނގަޅު

ތިން ދުވަސް މަތިން ސަލާމަތް ކުރެވުނު ހުރިހާ ކުދިންނާއި ކޯޗުގެ ހާލުވެސް ރަނގަޅު ކަމަށް ތައިލަންޑުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. ނަމަވެސް، ހުރިހާ ކުދިންގެ ސިއްހީ ހާލަތު ކައިރިން ބަލަމުން އަންނަ ކަމަށާއި، އިތުރު ހަތް ދުވަސް ވަރު އަދި ހޮސްޕިޓަލުގައި ތިބެންޖެހިދާނެ ކަމަށް ވެސް އޮފިޝަލުން ވަނީ ބުނެފަ އެވެ.

އާދީއްތަ ދުވަހު ސަލާމަތް ކުރެވުނު ހަތަރު ކުދިންގެ އާއިލާތަކަށް މިހާރު އެ ކުދިން ދެކިލުމުގެ ފުރުސަތު ވެސް މިހާރު ވަނީ ދެވިފަ އެވެ. ނަމަވެސް، އެ ކުދިން އަދިވެސް ކަރަންޓީނު ކުރެވިފައިވާތީ، އެ ކުދިންނާއި ސީދާ ބައްދަލުކުރުމުގެ ފުރުސަތު އަދި ނުދޭ ކަމަށް ވެސް އޮފިޝަލުން ބުންޏެވެ.

އަދި އެކުދިންނަށް މިހާތަނަށް އެއްވެސް ހަރުކާނާއެއް ދީފައިނުވާއިރު، ހޮހޮޅައިގެ ތެރޭގައި އޮކްސިޖަން ލެވެލް ދަށްކަމުން، އެ ކުދިންގެ ހާލަތު އަދިވެސް ދަނީ ވަރަށް ގާތުން ބަލަމުންނެވެ.

ނަފްސާނީ ގޮތުން އަސަރުކުރާނެ

ސިއްހީ ގޮތުން މާބޮޑު މައްސަލަތަކެއް ނެތް ނަމަވެސް، ކަނު އަނދިރީގައި އެހާ ގިނަ ދުވަހު ތިބެންޖެހުމަކީ ނަފްސާނީގޮތުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމުގައި ތަޖުރިބާކާރުން ވަނީ ވިދާޅުވެފަ އެވެ. އަދި އެ ކުދިންނަށް ދިގު މުއްދަތަކަށް ނަފްސާނީ ފަރުވާ ފޯރުކޮށްދީ، އާންމު ދިރިއުޅުމަށް އެނބުރި ދިއުމަށް އެކުދިންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މުޅި ދުނިޔޭގެ ސަމާލުކަން

ޖޫން 23 ވަނަ ދުވަހު އެކުދިން ގެއްލިގެން ހޯދަން ފެށުމާއެކު، މުޅި ދުނިޔޭގެ ލޯތައް ވަނީ އެ ކުދިންނަށް ހުއްޓިފަ އެވެ. ދުނިޔޭގެ އެންމެ ބޮޑެތި ނޫސްތަކާއި ޓީވީތައް ހޮހޮޅައިގެ ސަރަހައްދުގައި ހަރަކާތްތެރިވި އިރު، އެ ކުދިންނަށާއި އެ ކުދިން ސަލާމަތް ކުރުމުގައި ހަރަކާތްތެރި އެތަކެއް ހާސް މީހުންނަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ވެސް ދިޔައީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޝުއޫރުތައް ފާޅުކުރަމުންނެވެ.