ކުޅިވަރު

އިނިއެސްޓާ އަށްފަހު ޓޯރޭޒްވެސް ޖަޕާން ލީގަށް

ސްޕެއިންއަށް ވޯލްޑްކަޕު ހޯދައިދިން ސްކޮޑްގައި ހިމެނޭ، އަންޑްރެސް އިނިއެސްޓާ، ޖަޕާން ލީގަށް ބަދަލުވާނެ ކަމަށް އިއުލާން ކުރީ، މިދިޔަ މެއި މަހު އެވެ. ސްޕެއިންގެ ވޯލްޑްކަޕު ސްކޮޑުގައި ހިމެނުނު އަނެއް ތަރި ފެނާންޑޯ ޓޯރޭޒް ވެސް ޖަޕާން ލީގަށް ބަދަލުވާން ހަމަޖެހިފައިވާ ކަމަށް އޭނާ މިއަދު އިއުލާން ކުރި އެވެ.

އިނިއެސްޓާ ބަދަލުވީ ޖޭ ލީގްގެ ވިސެލް ކޯބް އަށެވެ. ޓޯރޭޒް ބަދަލުވީ، ސަގަން ޓޮސޫ އަށެވެ. ޓޯރޭޒް ބުނީ، ޖޭ ލީގަށް ބަދަލުވުމުގެ ކުރިން އެކަމާ ވަރަށް ބޮޑަށް ވިސްނި ކަމަށެވެ.

"އަހަރެން ބޭނުންވީ އަހަރެންގެ ކެރިއަރުގެ އެންމެ ފަހު ދުވަސްތައް އެތުލެޓިކޯ މެޑްރިޑްގައި ހޭދަ ކުރަން،" ޓޯރޯޒް، 34 ބުންޏެވެ. "އެއަށްފަހު ބަދަލު ވަންޏާ އަހަރެމެން ބޭނުންވީ އަހަންނަށާއި އަހަރެންގެ އާއިލާއަށް އެންމެ ރަނގަޅުތަނަކަށް ބަދަލުވާން."

ޖޭ ލީގްގައި، އިނިއެސްޓާ އާއި ޓޯރޭޒްގެ ކުރިމަތިލުން އޮންނާނީ، ނޮވެމްބަރު މަހު އެވެ. އެތުލެޓިކޯ އާއި ބާސެލޯނާގެ ކުރިމަތިލުމުގެ ތެރެއިން ޓޯރޭޒް އާއި އިނިއެސްޓާ ވަނީ 12 ފަހަރަު ބައްދަލު ކޮށްފަ އެވެ. ފަސް ފަހަރަށް ބާސެލޯނާ ކާމިޔާބު ކުރިއިރު، އތުލެޓިކޯއިން ތިން ފަހަރަށް ބާސގެ މައްޗަށް ކުރި ހޯދި އެވެ. އަދި ހަތަރު ފަހަރު ނިމުނީ އެއްވަރު ވެގެންނެވެ.

ޓޯރޭޒް ގެންދަން، އޮސްޓްރޭލިއާގެ އޭ ލީގުން ވެސް މަސައްކަތް ކުރި އެވެ.