ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަން ހައްލު ކުރުމަށާއި މިހާރު އޮތް ހާލަތު ދެނެގަތުމަށް އދ. ގެ ޕޮލިޓިކަލް އެފެއާޒްގެ ވަފުދެއް ރާއްޖޭގައި ހަރަކާތްތެރިވާން ފަށައިފި އެވެ.
ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތައް ބަލައި ހާލަތު ދެނެގަތުމަށް ކަމަށް ބުނެ މިދިޔަ މާޗު މަހުގެ ތެރޭގައި ވެސް އދ. ގެ ވަފުދެއް ރާއްޖެ ވަޑައިގެންފަ އެވެ. އެގޮތުން ސަރުކާރާއި ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ބައްދަލު ކުރައްވާ ހިޔާލު ހޯއްދަވާ، ޝަކުވާތަކާއި ކަންބޮޑުވުންތައް ހިފައިގެން އެ ޓީމުން ފުރި އެވެ.
ނަމަވެސް އަނެއްކާ ވެސް އދ. އިން ވަނީ އޭރުގެ އޮތް ހާލަތު ބަދަލުވެއްޖެތޯ ބަލައި މަޝްވަރާ ކުރުމަށް މިއަދު ރާއްޖެ ވަޑައިގެންފަ އެވެ. އެ ވަފުދުން ރާއްޖޭގައި ހަރަކާތްތެރިވާނީ މިއަދު ފެށިގެން ތިން ދުވަހުގެ މުއްދަތަކަށެވެ. އަދި ސިޔާސީ ހާލަތު ބެއްލަވާ ސިޔާސީ ޕާޓީތަކާއި ސަރުކާރާ ބައްދަލު ކުރަން ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން އދ. ގެ ވަފުދުން މިއަދު ވަނީ ފޮރިން މިނިސްޓްރީއަށް ވަޑައިގެން ފޮރިން ސެކެޓަރީ އަހުމަދު ސަރީރްއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި އދ. ގެ ފަރާތުން އިސްކޮށް ހުންނެވީ އެ ޖަމިއްޔާ އިން އޭޝިޔާ ޕެސިފިކް ޑިވިޝަންއަށް ކަނޑައަޅާފައި ހުންނަވާ ޑިރެކްޓާ މަރީ ޔަމަޝިތާ އެވެ. އޭގެ އިތުރުން އިދިކޮޅު ކޯލިޝަންގެ މެންބަރުންނާ ވެސް އދ. ގެ ވަފުދުން މިއަދު ވަނީ ބައްދަލު ކުރައްވާފަ އެވެ. އިދިކޮޅު ޕާޓީތަކުގެ ފަރާތުން ވަނީ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ވެސް އދ. ގެ ވަފުދާ ހިއްސާކޮށްފަ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ފިނި ކުރުމަށް ބޭރުގެ ވަފުދުތައް ރާއްޖެ އަންނަ އިރު އދ ވެސް ހިމެނޭ ގޮތުން ބޭރުގެ ޖަމިއްޔާތަކުން ގޮވާލަމުން އަންނަނީ އަންނަ ރިޔާސީ އިންތިހާބު މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހެދުމަށެވެ. އަދި ޖަލުގައި ތިއްބި ސިޔާސީ ފަރާތްތައް ދޫކޮށްލާ، ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރު ތަންފީޒު ކުރުމަށް ވެސް އެ ޖަމިއްޔާތަކުން ވަނީ ގޮވާލައިފަ އެވެ. އަދި އެކަމާ ގުޅިގެން އީޔޫ އިން ރާއްޖެއަށް މި މަހުގެ މެދުތެރޭގައި ފިޔަވަޅު އަޅާނެ ކަމަށް ބެލެވޭ ކަމަށް ވެސް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމުން ދިވެހިންނަށް ދަތިވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.