ހަބަރު

އިދިކޮޅުގެ އަމަލުތައް ވެސް ބޭރުގެ ފަރާތްތަކުން ކުށްވެރި ކުރަންޖެހޭ: ސަރުކާރު

އިދިކޮޅު ފަރާތްތަކުން ސިޔާސީ ހަރަކާތްތަކުގެ ނަމުގައި ހިންގާ ޣައިރު ގާނޫނީ ހަރަކާތްތަކާ މެދުވެސް ބޭރުގެ ފަރާތްތަކުން ކަންބޮޑުވާން ޖެހޭ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެ، އިންތިހާބުގެ ކުރީގެ މަރުހަލާތައް ދާގޮތާ މެދު ކަންބޮޑުވާ ކަމަށް ބުނެ އީޔޫގެ ގައުމުތަކުން ނެރުނު ނޫސްބަޔާނަށް ރައްދުދީ ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ، އިދިކޮޅު ފަރާތްތަކުގެ އަމަލުތައް ވެސް ބަހައްޓަން ޖެހޭނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި ޒިންމާދާރު އިދިކޮޅު ފަރާތްތަކުގެ ރޯލު ޑިމޮކްރަސީއަކަށް މުހިންމުކަން ފާހަގަ ކުރަމުން މިނިސްޓްރީ އިން ބުނީ، ގާނޫނު އަސާސީގެ ދަށުން ހަދާފައިވާ ގާނޫނުތަކާ ގަވާއިދުތަކަށް ގޮން ޖަހައި ސިޔާސީ ހަރަކާތުގެ ނަމުގައި އާންމުންނަށް އޮޅުވާލަން ބާއްވާ ހަރަކާތްތަކަށް ސަރުކާރުން ފުރުސަތެއް ނުދޭނެ ކަމަށެވެ.

"އިދިކޮޅު ފަރާތްތަކުން ހިންގާ އެ ފަދަ ގާނޫނާ ހިލާފު އަމަލުތައް ނުކުރުމަށް ގޮވާލައި ކުރިއަށް އޮތް އިންތިހާބު ވީހާ ވެސް އިންސާފުވެރިކޮށް، އަމާންކަމާއެކު ކުރިއަށް ގެންދިޔުމަށް [ބޭރުގެ ފަރާތްތަކުން] ސަރުކާރަށް އެއްބާރުލުން ދީ ބާރުއަޅައި، ހިތްވަރު ދޭން ޖެހޭނެ އެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ، ބޭރުގެ ފަރާތްތަކުގެ އެއްބާރުލުމާ އެކު އަންނަ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހަދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދޭ ކަމަށެވެ. އަދި އަންނަ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަވާ ފަރާތްތަކަށް އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެކަމަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ފްރާންސާއި ޖަރުމަނާއި އިޓަލީއާ ނެދަލޭންޑްސްއާ ރޮމޭނިއާ އިނގިރޭސިވިލާތާއި ކެނެޑާ އަދި އެމެރިކާއިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރުން ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނީ، އިދިކޮޅު ފަރާތްތަކަށް ސިޔާސީ ހަރަކާތް ހިންގުމަށް ފުރުސަތު ދިނުމަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސް ކަމަށެވެ. އަދި އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަމަހަމަ ކަމާއެކު ހުރިހާ ފަރާތްތަކަށްދޭން ޖެހޭނެ ކަމަށާއި އެކަމަށް ކަމާބެހޭ މުއައްސަސާތަކުން އިހުތިރާމް ކުރުމަށްވެސް ގޮވާލާ ކަމަށެވެ. އީޔޫގެ ބަޔާނުގައި ވަނީ، ދެފުއް ފެންނަ ރިޔާސީ އިންތިހާބެއް ބޭއްވުމަށްވެސް ގޮވާލާފަ އެވެ. އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް މަގުފަހި ކުރުމަށްޓަކައި ރާއްޖޭގެ ހާލަތު ގާތުން ބަލަމުންދާނެ ކަމަށްވެސް އީޔޫގެ ބަޔާނުގައި ވެއެވެ. އަދި ރާއްޖޭގެ ކަންކަން ކައިރިން ބަލަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

އީޔޫއިން ބަޔާން ނެރުނީ، އެމްޑީޕީއިން މިދިޔަ ބުދަ ދުވަހު ބޭއްވި، ރިޔާސީ ޕްރައިމަރީއަށް ސަރުކާރުން ހުރަސްއެޅުމާ ގުޅިގެން އެވެ. އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއަށް މީގެ ކުރިން ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ކުރިމަތިލުމުގެ ޝަރުތު ހަމަނުވާ ކަމަށާއި އެހެންކަމުން އެމަނިކުފާނު ވާދަކުރެއްވޭ ގޮތަށް ރިޔާސީ ޕްރައިމަރީ ބޭއްވުން ގާނޫނު އަސާސީ އާއި ގާނޫނުތަކާ ވެސް ހިލާފު ކަމެއް ކަމަށް ބުނެފަ އެވެ. އަދި އެކަން ކޮށްފި ނަމަ، އެމްޑީޕީއަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އީސީއިން ވަނީ ދީފަ އެވެ.