ދުނިޔެ

މާބޮޑަށް ފަލަ އިންޑިއާ ފުލުހުން ވަކި ކުރާނެ ކަމުގެ އިންޒާރު

Jul 11, 2018

ކަރުނާޓަކާ (ޖުލައި 10) - މާބޮޑަށް ފަލަކޮށް ތިބި އިންޑިއާގެ ކަރުނާޓަކާ ސްޓޭޓުގެ ފުލުހުން ނުހިކޭނަމަ، ވަޒީފާ އިން ސަސްޕެންޑު ކުރާނެ ކަމުގެ އިންޒާރު ދީފި އެވެ.

ކަރުނާޓަކާ ސްޓޭޓު ރިޒާވް ޕޮލިސްގެ ޗީފު ބާސްކަރު ރާއޯ ވިދާޅުވީ، މާބޮޑަކަށް ފަލަކޮށް ތިބޭ ފުލުހުންގެ އަދަދު އިތުރުވެފައިވާތީ ނުހަނު ކަންބޮޑުވާކަމަށެވެ.

ރާއޯ އިތުރަށް ވިދާޅުވީ ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން މަރުވެފައިވާ ފުލުހުންގެ އަދަދު މިހާރު 100 އަށް އަރާފައިވާ ކަމަށެވެ.

ފަލަކޮށްތިބި ފުލުހުންނަށް ޑައިޓް ކުރުމާއި ހިކެން ބޭނުންވާ އެހެންނިހެން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކަރުނާޓަކާގައި 14،000 ފުލުހުން ހަރަކާތްތެރިވާއިރު ބޮޑެތި ހަފްލާތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އިތުރުން ބޮޑެތި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގެ ޒިންމާ ވެސް އުފުލަންޖެހެ އެވެ.

އެ ސްޓޭޓުގެ އިސް ފުލުހުންގެ ދަށުން މަސައްކަތް ކުރާ މާބޮޑަށް ފަލަ މުވައްޒަފުންގެ ލިސްޓެއް ތައްޔާރުކުރުމަށް މިހާރު ވަނީ އަންގާފަ އެވެ.

"އެ މީހުންގެ ހަކުރު ހުރި މިންވަރާއި ސިއްހީ އެހެނިހެން ކަންތައްތައް ބަލަންފެށީ މީގެ ހަ މަސް ދުވަސް ކުރިން. ވަޒީފާ އިން ވަކި ކުރުމުގެ އިންޒާރު ދިނީ ހިކެން ކުރެވޭ މަސައްކަތުގައި ފަރުވާ ކުޑަ ކުރާ ފުލުހުންނަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން،" ރާއީ ބީބީސީ އަށް ވިދާޅުވެފައިވެ އެވެ.