ލައިފްސްޓައިލް

ދުނިޔޭގެ ރެކޯޑް އޮތް ކުއްޖާ އިސްތަށިގަނޑު ކޮށާލައިފި

ދުނިޔޭގެ އެންމެ ދިގު އިސްތަށިގަނޑުގެ ރެކޯޑް އޮތް އިންޑިޔާ ކުއްޖާ 12 އަހަރަށްފަހު އޭނާގެ އިސްތަށިގަނޑު ކޮށާލައިފި އެވެ. ގުޖްރާތުގެ މޮޑާސާގައި ދިރިއުޅޭ ނިލާންޝީ ޕަޓޭލް، 18،ގެ އިސްތަށިގަނޑަށް ދުނިޔޭގެ ރެކޯޑް ގާއިމް ކުރެވުނީ އޭނާއަށް 16 އަހަރުގަ އެވެ. އޭރު އެ އިސްތަށިގަނޑުގެ ދިގުމިނުގައި 170.5 ސެންޓިމީޓަރު ހުއްޓެވެ. އެންމެ ފަހުން އިސްތަށިގަނޑުގައި މިން އަޅާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އެންމެ ފަހުން މިންއެޅިއިރު 200 ސެންޓިމީޓަރު އިސްތަށިގަނޑުގައި ހުއްޓެވެ.

ނިލާންޝީއަށް އޮތީ މިހާތަނަށް ޓީންއޭޖް ކުއްޖެއްގެ އޮތް އެންމެ ދިގު އިސްތަށިގަނޑުގެ ރެކޯޑެވެ.

ނަމަވެސް ނިލާންޝީ މިހާރު ވަނީ އިސްތަށިގަނޑު ކޮށާލާފަ އެވެ. ގިނިސް ވޯލްޑް ރެކޯޑްސް އަށް ނިލާންޝީ ބުނެފައިވާ ގޮތުގައި އޭނާގެ އިސްތަށިގަނޑުގެ ސަބަބުން ވަރަށް ގިނަ އެއްޗެތި ލިބިއްޖެ އެވެ. އެ އިސްތަށިގަނޑާ ހެދި 'އަސްލު ރެޕޮންޒަލް' އެއްގެ ޓައިޓްލް ވެސް އޭނާ އަށް ވަނީ ލިބިފަ އެވެ. ނަމަވެސް މިހާރު އޭނާ ބޭނުމީ ކޮންމެވެސް އެހެންކަމެއް ކުރާށެވެ.

ނިލާންޝީ އިސްތަށިގަނޑު ދިގުކުރަން ފެށީ އުމުރުން ހަ އަހަރުން ފެށިގެންނެވެ. އެއީ ސެލޫނަކަށް ބޯކޮށަން ގޮސްގެން ކުރެވުނު ހިތްހަމަނުޖެހޭ ތަޖުރިބާ އަކަށް ފަހުގަ އެވެ. ނިލާންޝީގެ އިސްތަށިގަނޑު ދޮންނަނީ ހަފުތާއަކު އެއް ފަހަރު އެވެ. އިސްތަށިގަނޑު ދޮވެ ހިއްކާ ފުނާއެޅުމުގައި އޭނާއަށް އެހީތެރިވަނީ މަންމަ އެވެ.

އިސްތަށިގަނޑު ކޮށާލަން ނިންމުމަށްފަހު އެ އިސްތަށިގަނޑަށް ހަދާނެ ގޮތެއް ނިންމަން ވެސް ނިލާންޝީ އަށް ވަރަށް ވަގުތު ބޭނުންވި އެވެ. އޭނާއަށް އިސްތަށިގަނޑަށް ހަދާނެ ތިން ގޮތެއްގެ ތެރެއިން އެއް ގޮތެއް ޚިޔާރުކުރަން ޖެހުނެވެ. އެއީ އިސްތަށިގަނޑު ނީލަން ކިޔާނީތޯ ނުވަތަ ކެންސަރު ބަލި މީހުންނަށް ޗެރިޓީގެ ގޮތުގައި ހަދިޔާ ކުރާނީތޯ ނުވަތަ މިއުޒިއަމް އަކަށް ވިއްކާލާނީތޯ އެވެ.

ނިލާންޝީގެ މަންމަ ކާމިނީބެން ބޭނުންވަނީ އިސްތަށިގަނޑު މިއުޒިއަމްއެއްގައި ޑިސްޕްލޭ ކޮށްފައި ބަހައްޓާށެވެ. އެ އިސްތަށިގަނޑުގެ ވާހަކަ ޒަމާންތަކަކަށް މީހުންނަށް ފެންނަން ހުންނާނެތީ އެވެ. އަދި ކާމިނީބެންގެ އަމިއްލަ އިސްތަށިގަނޑު ކެންސާ ބަލި މީހުންނަށް ހަދިޔާކުރަން އޭނާ ވަނީ ނިންމާފަ އެވެ.

ނިލާންޝީ ބުނީ އިސްތަށިގަނޑު ކޮށާލުމުން ޖަހާނެ ސިފައެއް ވެސް ނޭނގޭތީ ވަރަށް ހިތް ނުތަނަވަސްވެފައިވާ ކަމަށެވެ.

ނަސީބަކުން 12 އަހަރު ފަހުން ފުރަތަމަ ފަހަރަށް އިސްތަށިގަނޑު ކޮށާލައި މިހާރު ހުރީ އާ ހެއާ ސްޓައިލް ނިލާންޝީ އަށް ވަރަށް ކަމުދެ އެވެ. އޭނާ ބުނީ އެމެރިކާގެ މިއުޒިއަމެއްގައި އިސްތަށިގަނޑު ޑިސްޕްލޭ ކުރަން ފޮނުވަން ނިންމާފައިވާ ކަމަށާއި މީހުން އެ އިސްތަށިގަނޑަށް ބެލީމަ އޭނާ އެއާމެދު ފަޚުރުވެރިވާނެ ކަމަށެވެ.
ނިލާންޝީގެ އިސްތަށިގަނޑުގެ ބުރިކޮށްލި ބައިގައި 266 ގްރާމް ހުއްޓެވެ. މި އިސްތަށިގަނޑު ގިނިސް ވޯލްޑް ރެކޯޑްސް މިއުޒިއަމްގައި ޑިސްޕްލޭ ކުރާނީ ހޮލީވުޑްގެ "ރިޕްލޭޒް ބިލީވް އިޓް އޯ ނޮޓް"ގައި ޑިސްޕްލޭ ކޮށްފައި ދުވަސްކޮޅަކު ބެހެއްޓުމަށް ފަހުގަ އެވެ.