ދުނިޔެ

އެއާ އިންޑިއާ ގަންނަން ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހަޅައިފި

އެއާ އިންޑިއާ ގަންނަން ޝައުގުވެރިކަން ފާޅު ކުރަމުން އަންނަ ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ. އިންޑިއާ ސަރުކާރު 100 ޕަސެންޓް ހިއްސާވާ އެއާ އިންޑިއާ ވިއްކާލަން މީގެ ކުރިން 2018 ގައި ވެސް ވަނީ ނާކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. ބިޑް ހުށަހަޅަން އެއްވެސް ބަޔަކު ޝައުގުވެރިނުވި އެވެ.

އެއާ އިންޑިއާ އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފަ އެވެ. އެއާލައިން ވިއްކާލަނީ ސަރުކާރަށް އޮތް ބުރަ ކުޑަކުރުމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެއާ އިންޑިއާ އަށް މިހާލަތުޖެހުނީ ހިންގުން ދޯހަޅިވުމުންނާއި ސިޔާސީ ނުފޫޒުގެ ސަަބަބުންނެވެ.

ޑިޕާޓްމަންޓް އޮފް އިންވެސްޓްމަންޓް އެންޑް ޕަބްލިކް އެސެޓް މެނޭޖްމަންޓް ސެކްރެޓަރީ، ތުހިން ކާންޓާ ޕާންޑޭ ޓްވީޓާގައި ވިދާޅުވެފައި ވަނީ އެތައް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފި ކަމަށާއި ދެވަނަ މަރުހަލާ ފަށައިގަންނަވީ ކަމަށެވެ.

ޑިޕާޓްމަންޓް އޮފް އިންވެސްޓްމަންޓް އެންޑް ޕަބްލިކް އެސެޓް މެނޭޖްމަންޓް ސެކްރެޓަރީ ޓްވީޓް ކުރައްވާފައި

އިންޑިއާގެ މީޑިއާއާ ހަވާލަދީ އޭޕީ ރިޕޯޓްކުރާ ގޮތުގައި އެއާ އިންޑިއާ ގަންނަން ޓާޓާ ގުރޫޕުން ޝައުގުވެރިވެ އެވެ. އެއާ އިންޑިއާގައި މަސައްކަތްކުރާ 219 މުވައްޒަފުން ގުޅިގެން އެއާލައިން ގަތުމަށްޓަކައި ފަންޑު ހޯދާފައިވާ ކަމަށް ވެސް ބުނެ އެވެ. އެހެން ނަމަވެސް، ބިޑް ހުށަހަޅަން އޮތް މުއްދަތު ހަމަވެ ދިއައިރު ވެސް، ބިޑް ހުށަހެޅި ބަޔަކާ ބެހޭ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. ހުށަހަލާފައި ވަނީ ކިތައް ބިޑްކަމެއް ވެސް ނުބުނެ އެވެ.

އެއާ އިންޑިއާ ބިޑަށް ލީއިރު ޝަރުތުތަކެއްކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ޖުމުލަ ދަރަނިން ބަޔަކަށް ޒިންމާވާން ޖެހުން ހިމެނެ އެވެ. އެއާ އިންޑިއާ ދަރަނީގެ ގޮތުގައި 8 ބިލިއަން ޑޮލަރު ރިކޯޑްކޮށްފައި ވެ އެވެ. ބިޑް ކާމިޔާބުކުރާ ބަޔަކު 3.26 ބިލިއަން ޑޮަލަރު ބޮލުގައި އަޅަން ޖެހެ އެވެ.