މީގެ އަހަރުތަކެއް ކުރިން ނިކޯން އިން ވަނީ 83x އޮޕްޓިކަލް ޒޫމް ލެންސެއް ހިމެނޭ ނިކޮން ކޫލްޕިކްޒް ޕީ900 ގެ ކެމެރާއެއް ތައާރަފުކޮށްފަ އެވެ. އެ ކެމެރާއިންވެސް ވަރަށް ކައިރިން ހަނދު ބަލާލެވެ އެވެ. އަނެއްކާވެސް ނިކޮން އިން މި ވަނީ އާ ކެމެރާއެއް ނެރެން އުޅޭކަން އިއުލާނުކޮށްފަ އެވެ.
މިފަހަރު މި ނެރޭ ކެމެރާއިން އަތްތިލައެއް ހާ ކައިރިން ހަނދު ބަލާލެވޭނެ އެވެ. ނިކޮން ކޫލްޕިކްޒް ޕީ1000 ކިޔާ މި ކެމެރާގައި 125x އޮޕްޓިކަލް ޒޫމް ލެންސެއް އިންނާނެ އެވެ. މި ކެމެރާ އިންނަނީ ހަމަ އާދައިގެ ޑީއެސްއެލްއާރްއެއްގެ ސައިޒުގަ އެވެ. ނަމަވެސް މި ކެމެރާ ވަރަކަށް ބަރުވާނެ އެވެ. ބަރުދަނުގައި 1.4 ކިލޯ ހުންނާނެ އެވެ.
ނިކޯން ކުންފުނީގެ ނައިބު ރައީސް ޖޭ ވެނެޓާ މި ކެމެރާ ސިފަ ކުރައްވަނީ "ކޮމްޕެކްޓް" ގެ ނަމުންނެވެ. މާނައަކީ ކުޑަ އެއްޗެއް، އެކަމަކު މޮޅު ކަންކަން ކޮށްލެވޭނެ އެއްޗެކެވެ. ކެމެރާ ކުޑަ ނަމަވެސް މީގެ ލެންސު ފުދޭވަރަކަށް ބޮޑެވެ.
ނިކޮންގެ ޑައިނެމިކް ފައިން ޒޫމް4 ޓެކްނޮލޮޖީ ބޭނުން ކޮށްގެން މި ކެމެރާއިން 250x އަށް ޒޫމް ކޮށްލެވެނޭ އެވެ. އޭރަށް ހަނދު އެކި އަރިއަރިތައް ވަރަށް ގާތުން ބާލާލެވޭނެ އެވެ. މި ކެމެރާ ބޭނުންކޮށްގެން ހަނދު ޖައްވުގައި ދައުރުވަމުންދާއިރު، އެ މަންޒަރުތައް 4K ކޮލެޓީގައި ވީޑިއޯވެސް ކޮށްލެވޭނެ އެވެ.
ހަނދު ނޫނަސް އެހެން އެއްޗެހިވެސް ވަރަށް ގާތުން މި ކެމެރާ ބޭނުންކޮށްގެން ފޮޓޯ ނަގާއި ވީޑިއޯ ކޮށްލެވޭނެ އެވެ. އަންނަ ސެޕްޓެމްބަރު މަހު 28 ގައި ވިއްކަން ފަށާނެ މި ކެމެރާގެ އަގަކީ 1000 ޑޮލަރެވެ.