ދުނިޔެ

ޓީމު ސަލާމަތްކޮށް ހޮހަޅައިން އެންމެފަހުން ނިކުތް ޑޮކްޓަރަށް ހިތްދަތިކަން

Jul 11, 2018
2

ތައިލަންޑުގެ ހޮހޮޅައެއްގެ ތާށިވެފައިތިބި 12 ކުދިންނާއި އެ ކުދިންގެ ކޯޗު ސަލާމަތް ކުރުމުން، މުޅި ދުނިޔެ އުފާފާޅުކުރުއިރު، އެ ކުދިން ސަލާމަތްކުރުމުގެ ޓީމުގައި ހިމެނުނު އޮސްޓްރޭލިއާގެ ޑޮކްޓަރަށް ހޮހޮޅައިން ނުކުތުމާއެކު ލިބުނީ އޭނާގެ ބައްޕަ މަރުވެފައިވާ ކަމުގެ ހިތާމަވެރި ހަބަރެވެ.

ތައިލެންޑުގެ އުތުރުން ތޭމް ލުއާންގް ނޭންގް ނޮން ހޮހޮޅައަށް ޒުވާން ފުޓުބޯޅަ ޓީމުގެ 12 ކުޅުންތެރިން އެ ކުދިންގެ ކޯޗާއެކު ވަނީ ޖޫން 23 ގަ އެވެ. އެ ކުދިން ދިރިތިއްބާ ފެނިފައިވަނީ ނުވަ ދުވަސް ފަހުންނެވެ. 11 އަހަރާއި 16 އަހަރާއި ދެމެދުގެ އެ 12 ކުޅުންތެރިންނާއި 25 އަހަރުގެ ކޯޗު ހޮހޮޅައިގެ ތެރޭގައި ތާށިވެފައި ތިބިއިރު، އެ ޓީމު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ، ތައިލެންޑުގެ ސިފައިންގެ އިތުރުން އެމެރިކާ ސިފައިންނާއި ބޭރުގެ މަޝްހޫރު ޑައިވަރުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެ ކުދިން ދިރިތިއްބާ ފެނުނު ހަބަރު ލިބުމާއެކު، އެ ވަގުތު ޗުއްޓީގައި ހުރި ޑރ. ރިޗަޑް ހެރިސް ވަނީ ޗުއްޓީ ކުރުކޮށްލައި، އެ އޮޕަރޭޝަންގައި ބައިވެރިވެފަ އެވެ. އެ ކުދިން ސަލާމަތް ކުރެވެންދެން ތަޖުރިބާކާރު ޑައިވަރެއް ކަމުގައިވާ ރިޗަޑް އާއެކު ތައިލަންޑު ނޭވީގެ ޑައިވަރުން ހަފްތާއަކަށް ވުރެ ގިނަ ދުވަހު އެ ކުދިންގެ ކައިރީގައި ހޮހޮޅައިގެ ތެރޭގައި ތިއްބެވެ. އެ ކުދިން ނެރެވެންދެން، އެ ކުދިންގެ ސިއްހީ ހާލަތު ގާތުން ބަލަމުން ގެންދިޔައީ ރިޗަޑް އެވެ.

ތައިލަންޑުގެ ނޭވީ އާއި އެކި ގައުމުތަކުގެ ޑައިވަރުން ހިމެނޭ ގޮތަށް އެތަކެއް ސަތޭކަ ޑައިވަރުންނެއް ހަރަކާތްތެރިވި މި އޮޕަރޭޝަންގައި 12 ކުދިންނާއި އެ ކުދިންގެ ކޯޗު ސަލާމަތްކުރީ ތިން ދުވަސް މަތިންނެވެ.

އިއްޔެ އެންމެ ފަހުން ތިބި ހަތަރު ކުދިންނާއި ކޯޗު ސަލާމަތުން ނެރުމަށްފަހު، ރިޗަޑް އާއި އިތުރު ތިން ޑައިވަރުން ހޮހޮޅައިން ނުކުތީ އެއަށްފަހު އެވެ. އެންމެ ފަހުން ހޮހޮޅައިން ނުކުތީ ވެސް ރިޗަޑް ކަމަށްވެ އެވެ. ހޮހޮޅައިގެ ތެރޭގައި ހުއްޓާ، ބައްޕަ ނިޔާވެފައިވާ ކަމުގެ ހަބަރު އޭނާއަށް ލިބުނީ ހޮހޮޅައިން ނިކުތްތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.

ބޯކޮށް ވާރޭވެހި ހޮހޮޅައިގެ ތެރޭގައި ފެންބޮޑުވަމުން އަންނާތީ އެ ކުދިން ނުނެރެވި ވަގުތު ކުޑަތަންވަމުން އަންނަކަމަށް ބުނެ އެ އޮޕަރޭޝަން ފެށީ އާދީއްތަ ދުވަހެވެ. ފުރަތަމަ ދުވަހު ހަތަރު ކުދިން ސަލާމަތް ކުރުމަށްފަހު އޮޕަރޭޝަން މެދުކަނޑާލީ އިކުއިޕްމަންޓުތަކާއި ވައި ފުޅިތައް އާކުރުމަށް ކަމަށް ބުނެ އެވެ. އިއްޔެ ހެނދުނު އޮޕަރޭޝަން އަލުން ފަށާ ހަތަރު ކުދިން ސަލާމަތް ކުރުމަށްފަހު އަނެއްކާވެސް އޮޕަރޭޝަން މެދުކަނޑާލި އެވެ. ބާކީ ތިބި ހަތަރު ކުދިންނާއި އެ ކުދިންގެ ކޯޗު ސަލާމަތް ކުރުމުގެ މަސައްކަތް ފެށީ މިއަދު ހެނދުނެވެ. ގާތްގަނޑަކަށް 12 ގަޑިއިރު ފަހުން ހުރިހާ ކުދިންނާއި އެ ކުދިންގެ ކޯޗު ވަނީ ސަލާމަތުން ނެެރެވިފަ އެވެ.