ހަބަރު

ދަފްތަރުގައި ހިމެނޭ މީހުންނަށް ފްލެޓު ދިނުމަށް ޕޮއިންޓުދޭ އުސޫލު އާންމުކޮށްފި

މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ފްލެޓު ދިނުމުގައި ޕޮއިންޓު ދޭނެ އުސޫލުތައް ހައުސިން މިނިސްޓްރީއިން އާންމުކޮށްފި އެވެ.

ހުޅުމާލޭގައި އަޅާ 7000 ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު މާލޭ ރަށްވެއްސެއް ގޮތުގައި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ދެ ކެޓަގަރީއެއް ވަނީ ހާއްސަކޮށްފަ އެވެ. އެއީ ދެ ކޮޓަރީގެ ފްލެޓާއި އެއް ކޮޓަރީގެ ފްލެޓު ހިމެނޭ ކެޓަގަރީ އެވެ. އެގޮތުން އެ ކެޓަގަރީތަކަށް އިތުރު މީހުންނަށް ވެސް ކުރިމަތިލެވޭ ގޮތަށް ހެދުމަށް ހައުސިން މިނިސްޓްރީއިން ވަނީ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވެސް އިއްޔެއިން ފެށިގެން ހުޅުވާލައިފަ އެވެ.

އެގޮތުން ހައުސިންއިން އިއްޔެ ވަނީ ދަފްތަރުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ފްލެޓު ދިނުމަށް ޕޮއިންޓު ދެވޭ އުސޫލު ގެޒެޓުކޮށްފަ އެވެ. އެގޮތުން ޕޮއިންޓު ދިނުމުގައި ދަފްތަރުގައި ދެމި ހުރި މުއްދަތާއި މާލޭގައި މެދުނުކެނޑި ދިރިއުޅުނު މުއްދަތާއި އާއިލާގެ ކުޑަބޮޑުމިން އަދި ދިރިއުޅުމުގެ ހާލަތާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތެއް އާއިލާގައި ހިމެނޭތޯ ބަލަ އެވެ.

ދަފްތަރުގައި ދެމި ހުރި މުއްދަތައް ދެވޭ ޕޮއިންޓު

- ދަފްތަރުގައި ރަޖިސްޓްރީވިތާ ފަސް އަހަރު ނުވާ ނަމަ ލިބޭނީ ފަސް ޕޮއިންޓެވެ.
- ދަފްތަރުގައި ރަޖިސްޓްރީވިތާ ފަސް އަހަރުވެ، 10 އަހަރު ނުވާ ނަމަ 10 ލިބޭނީ 10 ޕޮއިންޓެވެ.
- ދަފްތަރުގައި ރަޖިސްޓްރީވިތާ 10 އަހަރުވެ، 15 އަހަރު ނުވާ ނަމަ ލިބޭނީ 15 ޕޮއިންޓެވެ.
- 15 އަހަރަށް ވުރެ ދިގު މުއްދަތެއް ވެފައިވާ ނަމަ 20 ޕޮއިންޓު ލިބޭނެ އެވެ.

މާލޭގައި މެދުނުކެނޑި ދިރިއުޅުން މުއްދަތަށް ދެވޭ ޕޮއިންޓު

- މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ ފަސް އަހަރުވެ، 10 އަހަރު ނުވާ ނަމަ ލިބޭނީ ފަސް ޕޮއިންޓެވެ.
- މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 10 އަހަރުވެ، 15 އަހަރު ނުވާ ނަމަ ލިބޭނީ 10 ޕޮއިންޓެވެ.
- މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވެ، 20 އަހަރު ނުވާ ނަމަ ލިބޭނީ 15 ޕޮއިންޓެވެ.
- މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 20 އަހަރަށް ވުރެ ދިގު މުއްދަތެއް ވެފައިވާނަމަ 20 ޕޮއިންޓު ލިބޭނެ އެވެ.

އާއިލާގެ ބޮޑުކުޑަ މިނަށް ބަލައި ދެވޭ ޕޮއިންޓު

- ދަރިއަކު ނެތް ނަމަ ފަސް ޕޮއިންޓު
- އެންމެ ދަރިއެއް ހުރި ނަމަ 10 ޕޮއިންޓު
- ދެ ދަރިން ހުރި ނަމަ 15 ޕޮއިންޓު
- ތިން ދަރިންނަށް ވުރެ ގިނަ ނަމަ 20 ޕޮއިންޓު

އޭގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހަކު ނުވަތަ ކުއްޖަކު ބަލަމުންދާ މީހެއް އާއިލާގައި ހުރި ނަމަ އިތުރު 10 ޕޮއިންޓު ލިބޭނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ. އަދި ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކޮށް 30 ޕޮއިންޓު ދިނުމަށް ވެސް ހައުސިން އިން ވަނީ ނިންމައިފަ އެވެ.