ބޮލީވުޑް

"ފަންނޭ ޚާން"ގައި އައިޝްވަރްޔާ ފެންނާނީ 20 މިނެޓަށް

ރީތީގެ ރާނީ އައިޝްވަރްޔާ ރާއީ ބައްޗަން ފިލްމަކުން އަނެއްކާވެސް މި ފެންނަނީ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ފަހުންނެވެ. އެންމެ ފަހުން އައިޝްވަރްޔާ ފެނިގެންދިޔައީ 2016 ވަނަ އަހަރު ނުކުތް ކަރަން ޖޯހަރްގެ ފިލްމު "އޭ ދިލްހޭ މުޝްކިލް" އިންނެވެ. އަންނަ މަހު ތިނެއްގައި ރިލީޒްކުރާ އަތުލް މަންޖްރީކަރްގެ ފިލްމު "ފަންނޭ ޚާން" އަކީ އައިޝްވަރްޔާ އެނބުރި ބޮޑު ސްކްރީނަށް އަންނަ ފިލްމެވެ.

"ފަންނޭ ޚާން" ގެ ޓްރެއިލާ މިހާރު އާންމު ކޮށްފައިވާއިރު، ޓްރެއިލާގައި ވަނީ މި ފިލްމުގައި އައިޝްވަރްޔާ ފެނިގެންދާނެ ރޯލުގެ ކުޑަ ތައާރަފެއް ދީފަ އެވެ. އައިޝްވަރްޔާ ކުޅުނީ މަޝްހޫރު ލަވަކިޔުންތެރިއެއްގެ ރޯލެވެ. އައިޝްވާރްޔާ އާއި ރާޖްކުމާރް ރާއޯގެ އޮން ސްކްރީން ކެމިސްޓްރީއެއް މި ފިލްމުގައި ފެނިގެން ގޮސްދާނެ ކަމަށް މީގެ ކުރިން މީޑިއާގައި ވާހަކަދެކެވުނު ނަމަވެސް އެންމެފަހުގެ ރިޕޯޓުތައް ބުނާގޮތުން އެބައި މި ފިލްމުގައި ނުފެނިދާނެ އެވެ. އެއީ މި ފިލްމުގައި އައިޝްވަރްޔާ ފެނިގެންދާނީ އެންމެ 20 މިނެޓަށް ވުމުންނެވެ.

"އައިޝްވަރްޔާގެ ރޯލު ވަރަށް ކުޑަވާނެ މި ފިލްމުގައި. އެކަމަކު އޭނާގެ ކެރެކްޓާއަކީ ވަރަށް ޝައުގުވެރި ކެރެކްޓާއަކަށް ވާނެ. ގާތްގަނޑަކަށް 15 ނޫނީ 20 ވަރަކަށް މިނެޓަށް އޭނާ ފެނިގެންދާނީ. ރޯލަކަށްވުރެ ބޮޑަށް މިއީ ހާއްސަ ފެނިލުމެއްހެން ހީވަނީ. މި ފިލްމަށް އޭނާ ޝޫޓުވެސްކުރީ 13 ވަރަކަށް ދުވަސްވަންދެން. އެއީ ދެ ލަވައާއެކު." ޑީއެންއޭ އިންޑިއާގައި ބުނެފައިވެ އެވެ.

"އޭ ދިލް ހޭ މުޝްކިލް" ގައިވެސް އައިޝްވަރްޔާ ކުޅުނީ މި ކަހަލަ ރޯލެކެވެ. އެ ފިލްމުގައިވެސް އައިޝްވަރްޔާ މުހިންމު ރޯލެއް ކުޅުނުއިރު ފެނިގެންދިޔައީ ކުޑަ ވަގުތުކޮޅަކަށެވެ.

"ފަންނޭ ޚާން" ގައި ލީޑު ރޯލު ކުޅެނީ އަނިލް ކަޕޫރް އެވެ. އަނިލް ކަޕޫރްއަކީ ލަވަކިޔުމަށް ލޯބިކުރާ ނަމަވެސް އެ ދާއިރާއިން ކުރިއަށް ނުދެވުނު މީހެކެވެ. އޭނާ ބޭނުންވާނީ އޭނާގެ ދަރިފުޅު މިއުޒިކުގެ ދާއިރާއަށް ނެރެ މަޝްހޫރު މީހަކަށް ހަދާށެވެ. ނަމަވެސް އޭނާގެ ދަރިފުޅު ފަލަކޮށް ހުންނާނީތީ، ދާއިރާއިން ކުރިއަށް ދިއުމަށް މަސައްކަތްކުރަން ފެށުމާއެކު މީހުންގެ ފަރާތުން ތަފާތު މަލާމަތްތައް ރައްދުވެ އެވެ. މި ފިލްމުގައި އަނިލްގެ ދަރިފުޅު އެންމެ ބޮޑު މިސާލެއްގެ ގޮތުގައި ދެކޭނީ އައިޝްވަރްޔާ އެވެ.

މި ފިލްމު ކުޅެން އައިޝްވަރްޔާ އެއްބަސްވީވެސް މި ސަބަބަށްޓަަކައި ކަމަށް ބެލެވެ އެވެ. ފަލަވުމުގެ ސަބަބުން މުޖުތަމައުގައި އެކި މީހުންގެ ފަރާތުން މަލާމަތް ރައްދުވާ މީހުނަށް ހިތްވަރުދިނުމަށެވެ.

"ފަންނޭ ޚާން" ގައި އައިޝްވާރިޔާ ފެނިގެންދާ ލަވައެއް.

"އަހަރެން މި ފިލްމު މި ކުޅެނީ އަހަންނަށް މި ވާހަކަ ވަރަށް ކަމުދާތީ. މި ވާހަކައިގައި އުޅޭ އަންހެން ކުއްޖާ މިސާލު ނަގަނީ އަހަރެން ކުޅޭ ރޯލު، ޕޮޕް ސްޓާރެއްގެ ގާތުން. އެކަމަކު ބައެއް ފަހަރު އަހަރެމެން މި ގޮތަށް މީހުން ގާތުން މިސާލު ނަގާއިރު ހަނދާން ނެތެނީ އެމީހުންނަކީވެސް ހަމަ އިންސާނުންކަން. މީހެއް ހުންނަ ގޮތަށް އަހަރެމެން ފާޑުކިޔައިގެން ނުވާނެ. މިކަހަލަ ވާހަކަތަކާއި ބެހޭގޮތުން ވާހަކަދެއްކުމަކީ އަހަރެން ވަރަށް ކުރަން ބޭނުންވާ ކަމެއް." މީގެ ކުރިން ހަމަ ޑީއެންއޭ އިންޑިއާއަށް ދިން އިންޓަވިއުއެއްގައި އައިޝްވަރްޔާ ބުނެފައިވެ އެވެ.

މި ފިލްމުގައި ކުޅޭ ރޯލާއި ބެހޭގޮތުން އައިޝްވަރްޔާ ބުނީ، "އަހަންނަށް މައްސަލައެއް ނެތް ކުޑަ ރޯލެއް ނުވަތަ ސައިޑް ރޯލެއްވެސް ކުޅެން. އަހަރެން ފުރަތަމަ ފިލްމީ ދާއިރާއަށް ނިކުތް ދުވަސްކޮޅުވެސް ފިލްމެއްގައި ކުޑަ ރޯލެއް ކުޅުނިން. އެއީ 1997 ފިލްމު "އިރުވަރް"ގައި. ފަހުން 2000 ވަނަ އަހަރު ނިކުތް ޝާރުކް ޚާންގެ ފިލްމު "ޖޯޝް" ގައި ޝާރުކްގެ ދައްތަގެ ރޯލުވެސް ކުޅުނިން. އެއީ އަހަރެން އޭނައާއެކު ކުޅުނު ފުރަތަމަ ފިލްމުވެސްމެ. އަހަންނަކަށް މައްސަލައަކަށް ނުވޭ އެކަމެއް." ކަމަށެވެ.